ތަޢުލީމު

ދަރިވަރުންނާއެކު އިމާމުވެ މެންދުރު ނަމާދުގައި މިނިސްޓަރ އިމްރާން


ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއެކު މިއަދުގެ މެންދުރު ނަމާދު އިމާމުވެ ކުރުމަށްފަހު އެ ސްކޫލުގެ ދަރިވަރުންނަށް އަގުހުރި ނަސޭހަތުގެ ބަސްކޮޅެއް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވައިފިއެވެ.

ގދ. ތިނަދޫގައި މިއަދު ފެށި އެތްލެޓިކްސް މުބާރާތް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް މިނިސްޓަރ އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ މެންދުރު ނަމާދު ކުރެއްވީ އެރަށުގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އެ ސްކޫލަކީ ސަރުކާރުން ފަށާފައިވާ އެއްދަންފަޅިއަށް ވަށާޖެހޭ ތަޢުލީމުގެ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގައި ކިޔަވައިދޭން ފަށާފައިވާ 22 ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ.

ދަރިވަރުންނާއެކު އިމާމުވެ މެންދުރު ނަމާދު ކުރުމަށްފަހު ދެއްވި ކުރު ދަރުސްގައި މިނިސްޓަރ އަލިއަޅުއްވާލެއްވީ ދާއިމީ ހިތްހަމަ ޖެހުން ލިބިގަތުމަށްޓަކައި ނަމާދާއި އަޅުކަން ކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. އެގޮތުން ފައިސާއަކީ ހުރިހާ އުފަލެއް ގަނެވޭނެ އެއްޗެއް ނޫން ކަމާއި، ހަގީގީ އުފަލާއި ހިތްހަމަޖެހުން ލިބެން އޮތީ ސުވަރުގޭގެ ދޮރުތަކުގެ ތެރޭގައި ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ދެއްވި ނަސޭހަތުގެ ބަސްކޮޅު ނިންމަވާލައްވަމުން ވިދާޅުވީ ޕައިލެޓް ޕްރޮގްރާމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ޕްރޮޖެކްޓެއްކަމަށެވެ.

ސްކޫލުތައް އެއްދަން ފަޅިއަށް ބަދަލުކުރުމަށް ކުރިޔަށް ގެންދާ ޕައިލެޓް ޕްރޮގްރާމްގެ ސަބަބުން ތައުލީމީ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޕްރޮޖްކްޓްގައި ޑަބަލް ގަޑި އިތުރުކޮށް ކޮންމެ މާއްދާއަކަށް ޙާއްސަކުރެވޭ ގަޑި އިތުރުކުރުމާއި ރިމީޑިއަލް ކްލާސްތަކާއި ލައިފް ސްކިލްތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.