ރިޕޯޓް

"ވާވޮށި ޓާޓުލް ފެސްޓިވަލް" ނިންމާލައިފި


ބ.އަތޮޅުގައި ބޭއްވި ފުރަތަމަ ޓާޓަލް ފެސްޓިވަލް ކާމިޔާބު ކާމާއެކީ ނިންމާލައިފިއެވެ. އާންމުންނާ ފަތުރުވެރިންގެ އިތުރުން ބ.އަތޮޅުގެ ސްކޫލް ތަކުގައި ކިޔަވަމުން ދާ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި ފެސްޓިވަލް ބާއްވާފައިވަނީ އެ އަތޮޅު ހިތާދޫގައެވެ.

ބ.އަތޮޅު ކޮކޯޕާމް ދުނިކޮޅުގައި ހިންގާ ވެލާ ކަނހަބު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލް އަގުއާމީ ޖަމްއިއްޔާއެއްކަމަށްވާ އޮލިވް ރެޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ފެސްޓިވަލްއަކީ ހުރިހާ ގޮތަކުންވެސް ވަރަށް ކާމިޔާބު ފެސްޓިވަލެއްކަމަށް އިންތިޒާމު ކުރި ފަރާތުން ބުނެއެވެ.

އޮލިވް ރެޑްލީ ޕްރޮޖެކްޓް ނުވަތަ ވެލާ ކަނހަބަށް ފަރުވާ ދޭ ސެންޓަރުގައި މަސައްކަތް ކުރާ ވެޓަރެނީ ޑރ ކްލެއަރ ބުނީ، މި ފެސްޓިވަލްގެ ތެރެއިން ދުނިޔެއިން ނެތިގެން ހިގައިދާނެ ކަމަށް ބެލެވޭ ވެލާ ކަނހަބު ދައްކާލުމާއި އެކު އެ ތަކެތި ނެތިދާން މެދުވެރިވާ ސަބަބުތަކުގެ މައުލޫމާތު ބައިވެރިނަށް ދީފައި ވާނެކަމަށެވެ.

އުންމީދަކީ މިފެސްޓިވަލުން ލިބުނު މައުލޫމާތުގެ ބޭނުކޮށް ވީހާ ގިނަބަޔަކަށް މި މައުލޫމާތުތައް ފޯރުކޮށްދީ އެފަރާތްތައްވެސް މިކަމަށް ހެލުންތެރިކުރުވުންކަމަށާއި ވާ ވޮށި ޓާޓުލް ފެސްޓިވަލް މިނަމުގައި ކުރިއަށްގެންދިޔަ މިހަރަކާތުގެ ތެރެއިން ތިމާވެއްޓަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ވެގެން ދިޔަކަމަށް ގަބޫލް ކުރާކަމަށް ކްލެއަރ ބުނިއެވެ.

" ބ.އަތޮޅަކީ ރާއްޖޭގެ ކަނޑުގެ ދިރުން މުއްސަނދި އަތޮޅެއްކަމުން މި ހަރަކާތް ހިނގުން އެންމެ މުހިންމު އެއް އަތޮޅަކީ ބ. އަތޮޅުކަމަށް ގަބޫލު ކުރަން، އަދި މި އަތޮޅުގެ ރިސޯޓްތަކުގައި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ހިންގާ ތަފާތު ކަންކަމަކީ، ވަރަށް އުފަލާ އެކީ ބަލައިގަންނަކަމެއް. އަދި ވަކިން ހާއްސަކޮށް މި ފެސްޓިވަލް ކުރިއަށް ގެންދިޔުމުގައި އެދިން އެއްބާރުލުން އުފަލާ އެކީ ބަލައި ގަންނަން" ވެޓަރެނީ ޑރ ކްލެއަރ ބުނިއެވެ.

ބ.އަތޮޅުގައި ފަތުރުވެރިކަން ކުރާ ގިނަ ރިސޯޓްތަކެއް ބައިވެރިވި މި ހަރަކާތުގައި ކޮންމެ ރިސޯޓަކުންވެސް ސްޓޯލްއެއް ހަދައި ޒިޔާރަތް ކުރި ފަރާތްތަކަށްވަނީ ވެލާ ކަނހަބާ ކަނޑުގެ އެހެނިހެން ދިރުންތަކާ ތިމާވެއްޓަށް ކުރާ ނޭދެވޭ ކަންކަމުން ކަނޑުގެ ދިރުންތަކަށް ދިމާވާ ގެއްލުންތަކާ ބެހޭ މައުލޫމާތުދީފައެވެ. ތިމާވެއްޓާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ދިން މިފެސްޓިވަލްގައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ބަލަހައްޓާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

ޑރ ކްލެއަރ ބުނީ ނަތީޖާ ހާސިލް ކުރުމުގައި ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ގަބޫލް ކުރާ ކަމަށާ، ޕްލާސްޓިކް މޫދައްއެޅުން ނުހުއްޓާނަމަ އެއީ ކަނޑުގެ ދިރުންތަކަށް ދެވޭ އަނިޔާއެއްގޮތުގައި ކްލެއަރ ވަނީ ސިފަކޮށްފައެވެ. ރާއްޖޭގައި ވެލާ ކަހަނބާ އޭގެ ބިސް ނެގުމަކީ މަނާކަމެއްނަމަވެސް ކޮންމެސްވެސް ވަރަކަށް މިކަން ކުރަމުންދާކަން ފާހަގަކުރެވޭކަމަށާ، ވެލާ ކަހަނބާ ވެލާ ކަހަނބުގެ ބިސް ނުނެގުމަކީ އެތަކެއްޗައް ފަރުވާދޭ ޑޜ ގެ ހައިސިއްޔަތުން އެދޭ ވަރަށް ބޮޑު އެދުމެއްކަމަށް ކްލްއަރ ބުނިއެވެ.

އުކާލެވޭ ތަކެތި ބޭނުންކޮށްގެން ސްކޫލު ދަރިވަރުންގެ މެދުގައި ހަދާފައިވާ އެއްޗެހި ތަކުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށާއި މި ހަރަކާތާ ގުޅިގެން ކުރިއަށްގެންދިޔަ ފޮޓޯގްރަފީ މުބާރާތުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް މި ފެސްޓިވަލްގެ ތެރެއިން ވަނީ އިނާމް ދީފައެވެ.

އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ވާވޮށި ޓާޓުލް ފެސްޓިވަލްއަކީ ބ.އަތޮޅުގައި ކަނޑުގެ ދިރުން ހިމާޔަތްކުރުމަށް ބޭއްވި ދެވަނަ ފެސްޓިވަލުއެވެ. މިދިޔަ އަހަރުވަނީ މަންޓާ ފެސްޓިވަލްގެ ނަމުގައި ފެސްޓިވަލްއެއް ކުރިއަށްގެންގޮސްފައެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު މަންޓާގެ ދެވަނަ ފެސްޓިވަލް ބ.އޭދަފުށީގައި ބޭއްވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.