ޚަބަރު

ފަތުރުވެރިކަން ތަރައްޤީކުރުުމުގައި ދިވެހި ހުނަރުވެރިންގެ ފުރިހަމަ ބޭނުން ހިފަންޖެހޭ- މިނިސްޓަރ ޔުމްނާ


ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ދިވެހި ހުނަރުވެރިންގެ ހުނަރުގެ ބޭނުން އެންމެ އެކަށޭނަގޮތުގައި ހިފޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

ސަޤާފީ ހިރިގަލު ވަޑާން ކޯސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ހެރިޓޭޖް މިނިސްޓަރ ޔުމްނާވަނީ، މާއްދީ ތަރިކަ ހިމާޔަތްކުރާގޮތަށް މައުނަވީ ތަރިކަ ހިމާޔަތްކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ މަޓީގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ސަޤާފީ ހިރިގަލު ވަޑާން ކޯހަކީވެސް މިއަމާޒުގެ ދަށުން ކުރިއަށްގެންދާ ކޯހެއްކަމަށެވެ.

ރާއްޖެއަކީ ދުނިޔޭގައިވެސް ހިރިގަލުގެ މަސައްކަތުގެ ހުނަރުވެރިން ތިބި ހަމައެކަނި ޤައުމުކަން ފާހަގަކުރައްވާ މިނިސްޓަރ ޔުމްނާވަނީ މި ޝަރަފް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ދިވެހި ހުނަރުވެރިންގެ ހުނަރުގެ ބޭނުން އެންމެ އެކަށޭނަގޮތުގައި ހިފޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމު ކަމަށް. އެހެންކަމުން އެކަމާ ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީއާއެކުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަޤާފީ ހިރިގަލު ވަޑާން ކޯހަކީ ދިވެހިންގެ އުވެމުންދާ އާދަކާދައެއް އަލުން އާރޯކަން ގެނެސްދޭނެ ކޯހެއް. އަޅުގަނޑުމެން މި މަސައްކަތުގައި ދެމިތިބޭނަން. މެދުކެނޑުމެއްނެތި މި މަސައްކަތުގައި ދެމިތިބޭނަން. ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުުމުގައި ދިވެހި ހުނަރުވެރިންގެ ހުނަރުގެ ބޭނުން އެންމެ އެކަށޭނަގޮތުގައި ހިފޭނެ އިންތިޒާމުތަށް ހަމަޖައްސާދިނުމަށް މި މަސައްކަތްކުރަނީ." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަހީދުވަނީ، ރާއްޖޭގައި ކަލްޗަރަލް ޓުއަރިޒަމް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ފަތުރުވެރިކަން ފުޅާކުރާއިރު ދިވެހިންގެ ތަރިކަތަށް ހިމާޔަތްކުރެވޭނެގޮތަށް މި މަސައްކަތްތަށް ކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަލްޗަރަލް ޓުއަރިޒަމް ފުޅާކުރުން. އެހެކަމުން އަޅުގަނޑުމެން ދިވެހިންގެ ތަރިކަތަށް ހިމާޔަތްކުރެވޭނެގޮތަށް މި މަސައްކަތްތަށް ކުރާނީ." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ސަޤާފީ ހިރިގަލު ވަޑާން ކޯހަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީސް، މަޓީއިން އިސްނަގައިގެން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖްއާއިއެކު ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގެ ފުރަތަމަ ބުރުގައި 5 އަންހެންބައިވެރިންނާއި 5 ފިރިހެން ބައިވެރިން ބައިވެރިވާއިރު، މި ކޯސް ކުރިއަށްގެންދަނީ، ސަޤާފީ ހިރިގަލު ވަޑާމުގެ މަސައްކަތް ކުރާ އެކަމުގެ ތަޖުރިބާކާރެއްކަމަށްވާ މުޙައްމަދު އިމްރާން އަޙްމަދެވެ.