ޚަބަރު

ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ މިސްރާބު ވަރަށް ސާފު - ކުވައިތު ފަންޑު


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިސަރުކާރުން ގެންގުޅޭ މިސްރާބު ވަރަށް ސާފުކަމަށާ، މި ސަރުކާރުން މި ޕްރޮޖެކްޓް އަވަސް މުސްތަޤުބަލެއްގައި ނިންމާނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް ކުވައިތު ފަންޑުން ބުނެފިއެވެ.

ކުވައިތު ފަންޑަކީ، ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ކޯ ފައިނޭންސަރެއްކަމުގައިވާއިރު، އިއްޔެ ނިމުނު ޕާޓްނަޝިޕް ފޯރަމްގެ ތެރެއިން ކުވައިތު ފަންޑުންވަނީ ވީއައިއޭ ތަރައްޤީކުރުމަށް އިތުރު ފަންސާސް މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނެއް ދިނުމަށްވަނީ ނިންމާފައެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ކުވައިތު ފަންޑުގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް މެނޭޖަރ ޔޫސުފް އަލްބަދުރު ވަނީ ރާއްޖެއަކީ ކުވައިތު ފަންޑުން ޚާއްސަ ސަމާލުކަމެއް ދޭ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީއަށް އެހީވުމުގައި ކުވައިތު ފަންޑު އަބަދުވެސް ދެމި އޮންނާނެކަން ޔޫސުފް އަލްބަދުރު ވިދާޅުވިއެވެ.

ކުވައިތު ފަންޑުގެ ރީޖަނަލް މެނޭޖަރ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ތަރައްޤީގައި ގެންގުޅޭ މިސްރާބު ވަރަށް ސާފުކަމަށް ވިދާޅުވެފައެވެ. ކުވައިތު ފަންޑުން ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރު 50 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނު ދޫކުރުމަށް ނިންމާފައިވަނީ މި ސަބަބައްޓަކައިކަން ޔޫސުފް އަލްބަދުރު ފާހަގަކުރެއްވިއެވެ. އޭނާ ވަނީ، މިސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަވަސް މުސްތަޤުބަލެއްގައި ނިންމާނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް ވިދާޅުވެފައެވެ.

"ކުވައިތު ފަންޑަކީ ވީއައިއޭގެ ކޯ-ފައިނޭންސަރެއް. އަޅުގަނޑުމެން މި މަޝްރޫޢުގެ ފުރަތަމަ ޓްރެންޗްގައިވެސް ދަށުން 50 މިލިއަން ދީފައިވަނީ. އަޅުގަނޑުމެންނަށް މިއަދު މިވަނީ އެއަރޕޯޓް ތަރައްޤީކުރުމަށް މިސަރުކާރުން ގެންގުޅޭ މިސްރާބު ވަރަށް ސާފުވެފައި. މިސަބަބައްޓަކައި އަޅުގަނޑުމެން ދެވަނަ ޓްރެންޗްގައިވެސް އެހީވާން ނިންމީ." ރީޖަނަލް މެނޭޖަރ ޔޫސުފް އަލްބަދުރު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު ކުވައިތު ފަންޑުން ކޯ-ފައިނޭންސްކުރާއިއިރު، މިފަންޑުންދަނީ ފުވައްމުލައް ސިޓީގެ ބޭރުތޮށި ލުމުގެ ޕްރޮޖެކްޓްވެސް ކޯ-ފައިނޭންސްކުރަމުންނެވެ.

ކުރިމަގުގައި ކުވައިތުން ރާއްޖޭއަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަފުޅުދައްކަދައްކަވަމުން، އެފަންޑްގެ ރީޖަނަލް މެނޭޖަރު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ކުވައިތު ފަންޑުން އެހީވުމުގައި ގެންގުޅޭނީ ވަށައިޖެހޭ ތަރައްޤީއަށް އެހީތެރިވުމުގެ އުސޫލެއްކަމަށެވެ. ވަކިވަކި ޕްރޮޖެކްޓްތަކަކަށް އެހީވުމުގެ ބަދަލުގައި ގިނަ ދާއިރާތަކަކަށް ފައިދާވާފަދަ ޕްރޮޖެކްޓްތަށް ހިންގުމަށް ކުވައިތު ފަންޑުން އެހީވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ ކުޑާވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުވައިތު ފަންޑުން ގެންގުޅެނީ ހޯލް އެޕްރޯޗެއް. ވަކި ވަކި ޕްރޮޖެކްޓްތަކުގެ ބަދަލުގައި މި އެޕްރޯޗުގެ ސަބަބުން ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ ކުޑާވާނެ. އެގޮތުން ތަޢުލީމީ، ސިއްޙީ، ދަތުރުފަތުރުކުރު، ޖެންޑަރ އަދި އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއަށް އަޅުގަނޑުމެން ޝައުގުވެރިވޭ." ރީޖަނަލް މެނޭޖަރ ޔޫސުފް އަލްބަދުރު ވިދާޅުވިއެވެ.

1976ވަނަ އަހަރުން ފެށިގެން ކުވައިތު ފަންޑުން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، މިހާތަނަށް އެފަންޑުންވަމީ ރާއްޖޭގައި ހިންގި 13 ޕްރޮޖެކްޓަކަށް 147 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނު ދީފައެވެ. އަދި ހަމަމިއާއެކު މި ފަންޑުގެ ދަށުން އިތުރު 13 ޕްރޮޖެކްޓަކަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމުގައިވެސް އެހީވެފައެވެ. އަދި ހަމަމިއާއެކު އިސްލާމީ ޤައިމުތަކަށް ކާބޯތަކެތި ފޯރުކޮށްދުނުމުގައި ކުވައިތު ފަންޑުން ގެންގުޅޭ ގުޑް ވިލް ފަންޑުން ރާއްޖެއަށް ވަނީ 2 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް 2019 ނިންމާލާފައިވާއިރު، މި ފޯރަމްގެ ތެރެއިންވެސް ކުވައިތު ފަންޑުންވަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީވުމަށް ވަޢުދުވެފައެވެ. އެގޮތުން އާބާދީގެ ނިސްބަތުން ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ތަޢާރަފުކުރަން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވާނެ ކަމަށް ކުވޭތު ފަންޑުންވަނީ ހާމަކޮށްފައެވެ. އެގޮތުން މިކަމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އެހީތެރިވުމަށް ކުވައިތު ފަންޑުންވަނީ އެއްބަސްވެފައެވެ. މި އެހީގެ އިތުރުން، ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމުގައި ފީސިބިލިޓީ ސްޓަޑީ ހެދުމަށް އެހީވުމަށްވެސް ކުވައިތު ފަންޑުންވަނީ އެއްބަސްވެފައެވެ.