ޚަބަރު

ޖަޕާނުން ރާއްޖެއަށް 9.2 މިލިއަން ޑޮލަރުގެ އެހީ


ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އުޅަނދު ފަހަރު ގަތުމަށް 4.6 މިލިއަން ޑޮލަރުގެ އެހީއެއް ޖަޕާނު ސަރުކާރުން ދީފިއެވެ. ޖަޕާނު ސަރުކާރުންވަނީ ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް އެހީވުމަށް އިތުރު 4.6 މިލިއަން ޑޮލަރުގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޖަޕާނުން އެމްއެންޑީއެފްއަށް ދިން އެހީގައި ލޭންޑިންގް ކްރާފްޓެއްގެ އިތުރުން އަލިފާން ނިވާ ބޯޓެއް ގަތުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީގެ އެއްބަސްވުމުގެ ލިޔެކިޔުންތައް، ޖަޕާނު ސަފީރު ކީކޯ ޔަނާއީ ވަނީ މޯލްޑިވްސް ޕާޓްނާޝިޕްގެ ތެރެއިން ފޯރަމް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވާފައިވައެވެ.

މީގެއިތުރުން ޖަޕާނު ސަރުކާރުންވަނީ ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް އެހީވުމަށް އިތުރު 4.6 މިލިއަން ޑޮލަރު ނުވަތަ 500 ޖަޕަނީސް ޔެންގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކީކޯ ޔަނާއިއެވެ.

ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާ ވާހަކަދައްކަވަމުން ޖަޕާނުގެ ބޮޑު ވަޒީރުގެ ސްޕެޝަލް އެޑްވައިޒަރ ކެންޓާރޯ ސޮނޫރާ ވަނީ މި އެހީގެ އިތުރުންވެސް ދެ ޤައުމު ގުޅިގެން މުހިންމު އިތުރު މަޝްރޫއުތަކެއް ހިންގުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަަނަ ފިޔަވަހީގައި ޤާއިމުކުރާ ޑީސެލިނޭޝަން ޕްލާންޓްގެ މަސައްކަތާއި ކަނޑު މަސް އެކްސްޕޯޓުުކުރުމުގެ ދާއިރާގައި އެހީތެރިކަން ދިނުންވެސް ހިމެނޭކަން ސްޕެޝަލް އެޑްވައިޒަރ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ އަމާޒު ހިފަނީ 3 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް. އެގޮތުން ނޫ އިޤްތިޞާދާއި، އުމްރާނީ ތަރައްޤީއާއި، އަމަންއަމާން މުޖުތަމައް ބިނާކުރުން. މި ދާއިރާތަކުން ޖަޕާނުން އަބަދުވެސް އެހީތެރިވާނަން." ސްޕެޝަލް އެޑްވައިޒަރ ކެންޓާރޯ ސޮނޫރާ ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް 9.2 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާއިރު، ރާއްޖޭގައި އަރލީ ސުނާމީ ވަރނިންގް ސިސްޓަމްއަކާއެކު ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޝަން ބްރޮޑްކާސްޓިންގް ނެޓްވޯކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއާއެކު ރާއްޖެ އޮތް ދަރަނިވެރިކަމުން ސަލާމަތްވުމަށް އެހީވުމަށް ޖަޕާނުގެ ފައިނޭންޝަލް އެކްސްޕަރޓެއް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.