ސިޔާސީ

ލުތުފީ ފިލައިގެން އުޅޭ މައްސަލާގައި ހޯމް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ


ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ މައްސަލާގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާއި ސުވާލުކުުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަަޅައިފިއެވެ. ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ސުވާލުކުރުމަށް ހުށައަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ބޭރުގެ ކުލީ ސިފައިން އަރުވާ ދިން އުދުވާނީ ޙަމާލާގެ މޭސްތިރި ޢަބްދުﷲ ލުޠުފީ ޢުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ވަނީ ފިލާފައެވެ. އަދި މިހާތަނަށްވެސް އޭނާ ރާއްޖެ އައިސްފައިނުވާއިރު އޭނާ ސްރީލަންކާގައި ފިލައިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ދެ ސުވާލެއް ކުރުމަށް ނަޝީދު ހުށައަޅުއްވާފައިވެއެވެ. އެއީ ލުޠުފީ ރާއްޖެއަށް އަނބުރާ ގެނައުމަށް އެއްވެސް މަސައްކަތްތަކެއް ކުރެތޯއާއި، ލުޠުފީ މިހާރު އުޅޭތަނެއް ސަރުކާރަށް އެނގޭތޯ ސާފުކުރުމެވެ.
ވަޒީރަކާއި ސުވާލުކުރުމަށް މެމްބަރަކު ހުށައަޅުއްވައިފިނަމަ އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭނެއެވެ.