ޚަބަރު

ފެރީގެ ނިޒާމުގެ ޕްލޭން މިއަހަރު ނިންމާ އަންނަ އަހަރު ޢަމަލީ މަސައްކަތް ފަށާނަން - އަސްލަމް


ރާއްޖޭގެ އެކި ސަރަޙައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްޤީކޮށް ފެރީގެ ނިޒާމުގެ ޕްލޭންކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި އަންނަ އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭވަރު ވާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވެފައި މިވަނީ، މިޕްރޮޖެކްޓްގެ ފީސިބިލިޓީ ސްޓަޑީ ހެދުމާއި ތަފްސީލީ ޕްލޭން ހެދުމުގައި ކުވައިތު ފަންޑުން އެހީތެރިވާނެކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އާބާދީގެ ނިސްބަތުން ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ތަޢާރަފުކުރަން ހުށަހަޅާފައިވާ ފެރީގެ ނިޒާމަށް އެހީ ހޯދުމައްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމު 2019އަށް ހުށަހަޅާފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ މުޅި ރާއްޖެގައި، ސަރަހައްދީ ފަސް ހަބެއް ޤާއިމުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އެގޮތުން އާބާދީގެ ނިސްބަތުން ބެލުމަށްފަހު މާލެއާއި ހދ.ކުޅުދުއްފުށި ޅ.ނައިފަރު، ގދ.ތިނަދޫ، ލ.ގަމުގައި މިހަބުތަށް ޤާއިމުކުރަން ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، މި ހަބުތައް ތަރައްގީ ކުރުމުން ވަށައިގެންހުރި ގިނަ ރަށްތަކަކަށް ތަރައްގީއާ އިގުތިޞާދީ މަންފާ ކުރާނެ ކަމަށެވެ. މިނިސްޓަރ އަސްލަމް ވަނީ މި ޕްރޮޖެކްޓްތަކާގުޅޭ ޕްލޭންކުރުމުގެ މަސައްކަތް ނިންމައި މިއަހަރުގެ ނިޔަލަށް ނިންމައި އަންނައަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭވަރު ވާނެކަމަށެވެ.

"ހަބުތައް ޤާއިމުކޮށް ރާއްޖެ ފެރީގެ ނިޒާމުން ގުޅާލުމަށް ގިނަ ބަޔެއްގެ އިންޓްރެސްޓް އެބަ ހުރި. އެގޮތުން މި ޕްލޭންގެ ދަށުން ހދ. ކުޅުދުއްފުށި ޅ. ނައިފަރު، ގދ. ތިނަދޫ އަދި ލ.ގަމުގައި ހަބު ތަރައްޤީކުރާނެ. މިއީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޕާޓްނަޝިޕް ފޯރަމްގައި މަޝްވަރާކުރާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ޕްލޭނިންގް މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢު މިއަހަރު ނިމެންވާއިރަށް ފެށޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ޕާޓްނަޝިޕް ފޯރަމްގެ ތެރެއިން މި ޕްރޮޖެކްޓަށްވެސް ގިނަ ފަރާތްތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ގްރޭޓަރ މާލެ ރީޖަންގެ ހުޅުމާލެ އަދި މާލެ ގުޅުވާލެވިފައިވާއިރު މި ޕްރޮޖެކްޓްގެ ބާކީ ބައިތަށް ގުޅާލުމުގެ މަސައްކަތް މިއަހަރު ފެށޭތޯ މަސައްކަތް ކުރާނަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ވެބްސައިޓުގައިވާ ގޮތުން މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢަށް 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ގުޅީފަޅަށް އެމްޕީއެލް ބަނދަރު ބަދަލުކުރުމުގެ މަސައްކަތްވެސް މި ޕްރޮޖެކްޓްގެ ދަށުން ކުރުމަށްވަނީ ހަމަޖެހިފައެވެ.