ޚަބަރު

ރާއްޖެއާ ދެކޮޅަށް ފިޔަވަޅުއެޅޭގޮތަށް ވިލާތުގެ އިއްތިހާދުން ފާސްކުރި އުސޫލު އުވާލައިފި


"ޔޫރަޕިއަން ކައުންސިލް އޮފް ފޮރިން މިނިސްޓަރސް"އިން ދިވެހިރާއްޖެއާއި ދެކޮޅަށް ފާސްކޮށްފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކުގެ އުސޫލު ބާޠިލުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިލާތުގެ އިއްތިހާދުން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުމްބައިމާގް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ދަތިކުރުމަށް އެޅި ފިޔަވަޅުތަށް ބާޠިލުކޮށްފައިވާއިރު، އެއިއްތިހާދުން ރާއްޖޭގެ ދެމަޝްރޫޢުއަކަށް ފަންސާސް މިލިއަން ޔޫރޯގެ އެހީ ދިނުމަށްވަނީ ނިންމާފައެވެ.

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިލާތުގެ އިއްތިހާދުން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުމްބައިމާގް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ސަރުކާރުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލައްވައި ޤާނޫނުގެދަށުން މުއައްސަސާތަށް ހިންގުމުގެ ބާރު މި ސަރުކާރުން ފަހިކޮށްދީފައިވާކަން ވިލާތުގެ އިއްތިހާދުގެ ސަފީރު ފާހަގަކުރެއްވިއެވެ.
މި ސަބަބައްޓަކައި މިދިޔަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ރާއްޖެއާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އުސޫލު ބާޠިލްކޮށްފައިވާކަން ސަފީރު ހާމަކުރެއްވިއެވެ.

"މި ފިޔަވަޅުތަށް އުވާލަން ނިންމާފައިވަނީ މިސަރުކާރުން އިންސާފުވެރި ރިޔާސީ އިންތިޚާބަކާއެކު ވެރިކަމަށް ވަޑައިގެންނެވި، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ރާއްޖޭގެ ޙާލަތު މިހާރު ރަނގަޅުވެފައިވާކަން އީޔޫގެ ކައުންސިލުން ފާހަގަކުރުމުން. މިއީ ވަރަށް އުފާވެރި ދުވަހެއް އެހެންނޫންތޯ؟" ސަފީރު ތުމްބައިމާގް ވިދާޅުވިއެވެ.

ރާއްޖެއިން ހޯދި މިކާމިޔާބީއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ މިއަދަކީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވެ ދިވެހި އެންމެހައި ރައްޔިތުންގެ ބުރަ މަސައްކަތުގެ ފޮނިނަތީޖާ ލިބިގެންދިޔަ ދުވަހެއްކަމަށް ސިފަކުރައްވާފައެވެ. ވިލާތުގެ އިއްތިހާދުން އެޅި ފިޔަވަޅުތަށް ދެމިއޮތްނަމަ ދިވެހިންނަށް ބޮޑެތި ދަތިތަކަކާ، ކުރިމަތިލާން ޖެހޭނެކަން ފާހަގަކުރައްވައި ފޮރިން މިނިސްޓަރ ވަނީ މިސަރުކާރުން މިފަދަ ދަތިކުރުމުގެ ފިޔަވަޅެއް ރާއްޖެއަށް އަންނާނެ އެއްވެސްކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.

"މިކަން ދެމިގެން ދިޔަ ނަމަ ރާއްޖޭގެ ބައެއް މީހުން ބްލެކް ލިސްޓަކަށް އަރާނެ. އެފަރާތްތަކާމެދު ގިނަ ދަތިކުރުމުގެ ފިޔަވަޅުތަށްވެސް އެޅޭނެ. އެހެންނަމަވެސް މިކަމުން މިސަލާމަތްވީ އަޅުގަނޑުމެން ދިވެހިންގެ މިންނަތް މަސައްކަތުންކަން ފާހަގަކޮށްލަންޖެހޭ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުގެ ޕޮލިސީ ލެވެލްގެ ކަންކަން ނިންމައި ވިލާތުގެ އިއްތިހާދުގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުން މިދިޔަ ޖުލައި މަހުވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކާއި ގާނޫނުތައް ނެގެހެއްޓުމަށާއި ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާދެކޮޅަށް ފިޔަވަޅު އެޅޭގޮތަށް ނިންމައި ފިޔަވަޅުއެޅޭނެ އުސޫލެއްވެސް ކަނޑައަޅާފައެވެ. މިއުސޫލުގެ ދަށުން ވިލާތުގެ އިއްތިހާދުން ރާއްޖެއަށްދޭ އެހީތައް ކަނޑާލުމާއި، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކިވަކި ފަރުދުންނާއި ކުންފުނިތަކުގެ، އީޔޫ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫގެ ޤައުމުތަކަށް އެތެރެ ނުވެވޭ ގޮތް ހެދުމަށް ނިންމާފައިވެއެވެ.

ވިލާތުގެ އިއްތިޙާދުން ރާއްޖެއަށް ދަތިކުރުމަށް އެޅި ފިޔަވަޅުތަށް އުވާލާފައިވާއިރު އެއިއްތިހާދުން ރާއްޖޭގެ ދެ މަޝްރޫޢުއަކަށް 50 މިލިއަން ޔޫރޯގެ އެހީ ދިނުމަށްވަނީ ނިންމާފައެވެ.
އެގޮތުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ރާއްޖޭގެ 20 ރަށެއްގައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ހުއްޓުވުމަށް 5 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށްވެސް ވިލާތުގެ އިއްތިހާދުންވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި އަވިން ކަރަންޓު އުފެއްދުމަށް ހިންގާ ޕްރޮޖެކްޓު ހިންގުމަށް 45 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއާއި ގުޅުން ބަދަހިކުރުމާއި ބެހޭގޮތުންވެސް ވިލާތުގެ އިއްތިހާދުންވަނީ މަޝްވަރާކޮށްފައެވެ.