ރާއްޖެއިން އިންވެސްޓަރުންނާއި ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާއިން އިސްނަގައިގެން މަސައްކަތް ކުރާނެކަމަށް އިންޑިއާއިން ބުނެފިއެވެ. މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް 2019 ގައި ވާހަަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ، ރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެކަަމަށް ވިދާޅުވެފައެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 ގައި ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ގެންގުޅޭ ނެއިބަރހުޑް ފަސްޓް ޕޮލިސީގައި ރާއްޖެއަކީ އެންމެ މުހިންމު އެއް ޤައުމުކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން ރާއްޖޭގެ ތަރައްޤީގެ ޕްލޭނަށް ގެންނެވި ހެޔޮ ބަދަލަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން، ސަފީރުވަނީ ރާއްޖެއިން އިންވެސްޓަރުންނާއި ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާއިން އިސްނަގައިގެން މަސައްކަތް ކުރާނެކަމަށެވެ. އަދި މިއީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެހީތެރިވާންވީ ވަގުތުކަން ފާހަގަކުރައްވާ ރާއްޖެއަށް އެހީތެރިވުމަށް ގޮވާލައްވާފައެވެ.
"ޕީއެމް މޯދީގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގައި ރާއްޖެއަކީ މުހިންމު ޤައުމެއް. މި ފުރުސަތުގައި ރާއްޖޭގައި އިންވެސްޓުކުރުމަށް އިންޑިއާއިން ގޮވާލަން. ރާއްޖެއިން އިންވެސްޓަރުންގެ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާއިން އިސްނަގައިގެން މަސައްކަތް ކުރާނަން." ސަފީރު ވިދާޅުވިއެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ރާއްޖެއަށް ވޭތުވެ ދިޔަތަނުގައި އެހީތެރިވެފައިވާ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ބައިވެރިވާއިރު، އެ ފަރާތްތަކުންވަނީ ރާއްޖެއިން ޖަޒީރާ ރާއްޖެ ކޮންސެޕްޓްގެ ދަށުން ކުރާ މަސައްކަތުގައި އިންވެސްޓްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކަން ހާމަކުރައްވާފައެވެ. އަދި ރާއްޖެ މިހާރު އޮތް ދަރަނިވެރިކަމުން އަރައިގަތުމަކީ މުހިންމުކަމެއްކަން އެފަރާތްތަކުން ފާހަގަކުރެއެވެ.
މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް 2019 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 35 ޤައުމަކުންނާއި، ބޭރުގެ 27 އަށްވުރެ ގިނަ ޖަމިއްޔާ ހިމެނޭހެން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެެވެ. މި ފޯރަމްގެ ތެރެއިން ރާއްޖެއަށް ފައިދާވާފަދަ ގިނަ ޕްރޮޖެކްޓަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގެ ބައިވެރިންވި ފަރާތްތަކުންވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާނެކަން ހާމަކޮށްފައެވެ.