ސިޔާސީ

ގެސްޓް ހައުސް ވިޔަފާރިތަކަށް ފައިސާ ހަމަޖައްސަން ސަރުކާރަށް ލާޒިމުކުރުމަށް މަޖިލީހަށް ޤަރާރެއް


ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މި މަޤަރާރު މަޖިލީހަށް ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.

މިއަދުގެ ޖަލްސާއަށް ޖާބިރު ހުށައެޅުއްވި ޤަރާރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މައި ސިނާޢަތް، ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ގޮސްފައިވާއިރު، ރަށްރަށުގެ ރައްޔިތުންނަށް ސީދާ މަންފާ ލިބެމުން އަންނަ ރަށު ގެސްޓް ހައުސްގެ ވިޔަފާރިވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ގޮސް، ގެސްޓް ހައުސްގެ ވިޔަފާރިން ދިވެހިންނަށް ލިބޭ މަންފާ ކުޑަވެފައިވާކަމަށެވެ. އަދި ގެސްޓް ހައުސްގެ މުޅި ވިޔަފާރި ބޭރު އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާކަމަށާއި، މިކަން ދިމާވަނީ ދިވެހިރާއްޖޭގެ ބޭންކު ތަކުން އެ ސިނާއަތް ތަރައްޤީ ކުރުމަށް އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދޭތީކަމަށް ޤަރާރުގައިވެއެވެ. އަދި ބޭންކް ތަކުން ލިބެން ހުރި މަދު ފައިނޭންޝަލް ފެސިލިޓީތަކަށް ވާސިލްވުމަށް އާންމު ގެސްޓް ހައުސް ވިޔަފާރިވެރިޔާއަށް ހުރަސްތައް ކުރިމަތި ކުރުވާފައިވުމުންކަމަށްވެސް ޖާބިރު ހުށައެޅުއްވި ޤަރާރުގައިވެއެވެ.

ސަރުކާރުގެ ގެސްޓްހައުސް ސިޔާސަތުގެ ދަށުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އެކަށީގެންވާ ހަރުދަނާ ނިޒާމަކާއި ގެސްޓްހައުސް ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ އިންވެސްޓްމަންޓަށް ފަސޭހައިން ވާސިލްވެވޭނެ އުސޫލުތަކެއް ތަންފީޒުކުރަމުން ނުގެންދާތީ، ދިވެހިރާއްޖޭގެ ރަށު ގެސްޓް ހައުސްގެ ވިޔަފާރީގެ ކޮންޓްރޯލް ބިދޭސީ އިންވެސްޓަރުންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށަށް ދިޔަ ނުދިނުމަށްޓަކައި، ދިވެހި ދައުލަތުގެ ސޮވެރިން ގެރެންޓީ ދީގެންނަމަވެސް، ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސަވައި އެމަގުން ޢަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް ބާރުއަޅަންޖެހޭކަމަށްވެސް ޖާބިރު ހުށައެޅުއްވި ޤަރާރުގައިވެއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހަށް ހުށައަޅާ ޤަރާރުތަކަކީ ހަމައެކަނި މަޖިލީހުން ކަމަކާދޭތެރޭ ދެކޭގޮތް ހާމަކުރުމަށް ހުށައަޅާ މައްސަލައެއްކަމަށް ބުނެފައިވެއެވެ. އަދި އެ ޤަރާރެއް ފާސްވުމުން ބިލް ތަސްދިޤްކުރުމަށް އޮންނަ އުސޫލުން ތަސްދީޤްކުރަން ފޮނުވަން ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.