ޚަބަރު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އަތުގުޅާލަން ޖެހޭ - އަމީން


ދަތުރުފަތު ރުކުރުމުގެ ދާއިރާއިން ރާއްޖެ ހޯދަމުންދާ ތަރައްޤީތަކާއިއެކު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އަތުގުޅާލަން ޖެހޭކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

މިނިސްޓަރ އަމީން މިހެން ގޮވާލެއްވީ "މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ"ގައި ބޭއްވި ހިނގާލުމުގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅުދައްކަވަމުންނެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ، ފާހަގަކުރުމަށް ސޯޝަލް ސެންޓަރުން ފެށިގެން ހެންވޭރު އާޓިފިޝަލް ބީޗާހަމައަށް، ބޭއްވި ހިނގާލުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ އާއި މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީންނެވެ. މިހިނގާލުމުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވަނީ މިފަދަ ހިނގާލުމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި މަގުމަތީގެ އެކްސިޑެންޓްތަކުގެސަބަބުން ގިނަ ޢަދަދެއްގެ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވާކަން ފާހަގަކުރައްވައި މިނިސްޓަރ އަމީންވަނީ ދަތުރުފަތުރު ކުރުމުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ތަރައްޤީތަކާއިއެކު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އަތުގުޅާލުމަށް ގޮވާލައްވާފައެވެ. އެގޮތުން ސިނަމާލެ ބްރިޖްފަދަ ދަތުރުފަތުރުކުރުމުގެ ތަރައްޤީތަކުގެ ފޮނި މީރުކަން ދިވެހިން ލިބިގަންނައިރު، މަގުތަށް ބޭނުންކުރުމުގައ މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިިނިސްޓަރ ގޮވާލެއްވިއެވެ.

"މަގުތަކަކީ އަމާންތަނަކަށް ވާންޖެހޭ. މިހާރު އަހަރަކު 12 ފަރާތެއްގެ ފުރާނަ ދާކަމަށް ވަނީ އެކްސިޑެންޓްތަކުގައި. ސިނަމާލެ ބްރިޖަކީ ދަތުރުފަތުރުކުރުމުގެ ދާއިރާއިން ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއެއް. އެހެނަނަމަވެސް މިފަދަ ކާމިޔާބީއެއް ހޯދާފައވާއިރު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އަތުގުޅާލަން ޖެހޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާވަނީ މަގުމައްޗަކީ އެންމެހާ ފަރާތްތަކަށް ރައްކާތެރިތަނަކަށް ހެދުމަށް އެ ކަމަނާގެ މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަގުމަތީގައި ދުއްވާ ޤަވައިދުތަށް ހަރުދަނާކުރުމާއި، ޕާކްކުރުމުގެ ހަރުދަނާ ނިޒާމުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މަގުތަކުގައި އެންމެންނަށް ރައްކާތެރިކަން ލިބެންޖެހޭ. މިކަން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާވަނީ މަގުމައްޗަކީ އެންމެހާ ފަރާތްތަކަށް ރައްކާތެރިތަނަކަށް ހެދުމަށް އެ ކަމަނާގެ މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ. ޤަވައިދުތަށް ހަރުދަނާކުރުމާއި، ޕާކްކުރުމުގެ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން މުދަނީ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ހަވީރު ހަތަރު ގަޑި ފަނަރައިގައި ސޯޝަލް ސެންޓަރުން ފެށި މިހަރަކާތުގައި ސަރުކާރުގެ ވުޒާރާތަކާއި، މާލެ ސިޓީ ކައުންސިލް، ޑަބްލިއުއެޗްއޯ އަދި ސްކޫލްތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. "ފުރާނައިގެ ސަލާމަތަށް އަޑު އުފުލަމާ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއަ މި ހިނގާލުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާގައި މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް އާންމުން މަގުމަތި ބޭނުންކުރުމުގައި ޒިންމާދާރުކުރުމަށް ކުރިއަށްގެންދުއަ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން މި އަޒުމުގެ ދަށުން ތައްޔާރުކޮށްފައިވާ ފިލައެއްގައި ހިނގުމުގެ ބައިވެރިންވަނީ ސޮއިކޮށްފައެވެ. އަދި މީގެއިތުރުން މަގުމަތީގެ އެކްސިޑެންޓްގެ ޙާދިސާތަށް ދައްކުވައިދޭ ސްކިޓްތަކެއްވެސް މި ހަރަކާތުގެ ތެރެއިން އާންމުންނަށް ވަނީ ދައްކާލާފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަކުުރުމަށް ހިނގާލުމެއް ބާއްވާފައިވާއިރު، މިމަހުގެ 11 އިން 17 އަށް ފާހަގަކުރާ މި ހަފްތާގައި ޖޫން މަހުގެ 15 ވަނަ ދުވަހު ރޯޑް ސޭފްޓީ ފެއަރއެއް އަދި ޖޫން 17 ވަނަ ދުވަހު ރޯޑް ސޭފްޓީއާއި ބެހޭ ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.