ޚަބަރު

ޤައުމުގެ ތަރައްޤީގައި ހެޔޮމަގަށް ތަބާވާ ތަޙައްމަލުކުރެވޭ ޒުވާނުން ބޭނުންވޭ - ނާއިބު ރައީސް


ޤައުމުގެ ތަރައްޤީގައި ހެޔޮމަގަށް ތަބާވާ ތަޙައްމަލުކުރުމުގެ އާދަ އަށަގެންފައިވާ ޒުވާން ޖީލެއް ބޭނުންވާކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ދެވަނަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ ތަހައްމުލުކުރުމުގެ ހިތްވަރާއި، ކެތްތެރިވުމުގެ ހިތްވަރު ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭކަމަށެވެ.

ޔޫތް ލީޑަރސް ނެޓްވޯކް ފޯރަމް އިފްތިތާޙުކުރައްވާ ވާހަކަފުޅުދައްކަަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، ތަހައްމަލުކުރުން ނުވަތަ ޓޮލަރެންސަކީ މުޖުތަމައުގެ ހަމަޖެހުމަށް މުހިންމު އެއް އަސާސްކަމަށެވެ. ކޮންމެ ފަރުދަކީ ތަފާތު ޚިޔާލުތަކެއް ގެންގުޅޭނެ ފަރުދެއްކަން ފާހަގަކުރައްވާ ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ، މި ސަބަބައްޓަކައި ކޮންމެ ފަރުދަކީވެސް ތަޙައްމަލުކުރުމުގެ ސިފަ އަށަގެންފައިވާ ފަރާތަކަށްވުން މުހިންމުކަމަށެވެ. އަދި ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ އަސާސްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، ޤައުމުގެ ތަރައްޤީގައި ހެޔޮމަގަށް ތަބާވާ ތަޙައްމަލުކުރުމުގެ އާދަ އަށަގެންފައިވާ ޒުވާން ޖީލެއް ކޮންމެހެން ބޭނުންވާކަމަށެެވެ.

"މިފަދަ ފޯރަމްތަކުގެ ނަތީޖާއަކަށް ވެގެންދާނީ މުޖުތަމައުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރުމުގެ އިތުރު ފުރުޞަތުތަކެއް ޒުވާނުންނަށް ލިބިގެންދިއުން. ތަހައްމުލުކުރުމުގެ ހިތްވަރާއި، ކެތްތެރިވުމުގެ ހިތްވަރު ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭ. ދިމާވާ އެކި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރުވެސް ހުންނަންވާނެ. ސަރުކާރުންވެސް އަދި ރައީސުލްޖުމްހޫރިއްޔާވެސް އެންމެބޮޑު ސަމާލުކަމެއްދެނީ ޒުވާނުންނަށް .. ޚާއްޞަކޮށް ތައުލީމީ ދާއިރާއަށް ސަރުކާރުންދޭ އިސްކަމުން މިކަން ހާމަވޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ހޯމް އެފެއަޒްސް އިމްރާން އަބްދުﷲ ވިދާޅުވީ، ޒިންމާދާރު ރައްޔިތެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިއްމު އެއްސިފައަކީ ޓޮލަރެންސް ނުވަތަ ތަހައްމަލުކުރުމުގެ މާތްސިފަކަމަށެވެ. އެގޮތުން މި މާތް ސިފަ ރަސޫލު ޒަމާނުއްސުރެ މިއަދާހަމައަށް އައި ކޮންމެ ކާމިޔާބު މުޖުތަމައުއެއްގައި ފެންނަން ހުރިކަން ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޒިންމާދާރު ރައްޔިތެއްގެ ކިބައިގައި ހުންނަންޖެހޭ ރިވެތި، މަތިވެރި ސިފަތަކުގެ ތެރެއިން އެންމެ މުޙިއްމު އެއްސިފައަކީ ޓޮލަރެންސް ނުވަތަ ތަޙައްމަލުކުރުމުގެ މާތްސިފަ. މިއީ ބިޔަ ބޮޑު ބުރަ ޒިންމާއެއް. މިޒިންމާ އަދާކުރުމަށް ހޯމް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތަކީ ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ފަންތީގެ ތަފާތު ގިންތީގެ އޯޑިއަންސްތަކަށް އަމާޒުކޮށްގެން ބާއްވާ ފޯރަމްތަކާއި، ވޯކްޝޮޕް ފަދަ ޕްރޮގްރާމްތައް." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހަރުގެ ޔޫތް ލީޑަރސް ނެޓްވޯކް ފޯރަމްގައި ކޮލެޖް ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރިވާނެއެވެ. ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދާނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. މިފަހަރުގެ ފޯރަމް އަމާޒުކޮށްފައިވަނީ "ތަހައްމަލުކުރުމުގެ ޘަޤާފަތް - މުޖުތަމަޢުގެ ހަމަޖެހުން" މިޝިޢާރުގެ މައްޗަށެވެ.

ފޯރަމްގައި މަޢުލޫމާތު ޙިއްޞާކުރާ ދާއިރާތަކަކީ ޓޮލަރަންސާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހެރިޓޭޖް އެންޑް ޓޮލަރަންސާއި، ލީޑަރޝިޕާއި ޓޮލަރަންސާއި، އިސްލާމް އަދި ޓޮލަރަންސާއި، ޕީސް އެންޑް ޓޮލަރަންސާއި، ޕޮލިޓިކަލް ޓޮލަރަންސެވެ. އިސްލާމް އަދި ޓޮލަރަންސް ސެޝަން ކުރިއަށްގެންގޮސްދެއްވާނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއެވެ.

ޔޫތް ލީޑަރސް ނެޓްވޯކަކީ ޒިންމާދާރު ރައްޔިތުން ބިނާކޮށް ޤައުމީ ރޫޙާއި އެއްބައިވަންތަކަން ދިރުވަން ޔުނިވަރސިޓީ އަދި ކޮލެޖް ދަރިވަރުން އެކުލެވޭ ގޮތަށް އުފައްދާފައިވާ ކައުންސިލެކެވެ. އެކައުންސިލް އެކުލަވާލެވި މަސައްކަތްކުރަމުންދާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލުމުގެ ދަށުންކަމަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ވަނީ ނިންމަވާފައެވެ.

ޔޫތް ލީޑާރސް ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީގެ އިތުރުން ހޯރަފުށީގައިވެސް ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ބޭއްވީ ހޯރަފުށީގައެވެ.