ޚަބަރު

"އިންޑިއާ ހެލްތް އެކްސްޕޯ 2019" ފަށައިފި


"އިންޑިއާ ހެލްތް އެކްސްޕޯ 2019" ފަށައިފިއެވެ. މި ހެލްތް އެކްސްޕޯ ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއެވެ.

އިންޑިއާ ހެލްތް އެކްސްޕޯއަކީ އިންޑިއާގެ ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއައިސް މަޢުލޫމާތު ދިނުމަށް މިމަހުގެ 13 އިން 15 އަށް ބާއްވާ އެކްސްޕޯއެކެވެ.

"އިންޑިއާ ހެލްތް އެކްސްޕޯ 2019"ގެ ނަމުގައި ދަރުބާރުގޭގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ އިންޑިއާގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ސިއްޙީ ދާއިރާގެ ޚާއްސަ ޑޮކްޓަރުން ބައިވެރިވެގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އެކްސްޕޯއެކެވެ. މި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތްކަމުގައިވާ މެޑްހޮޕް އިންޑިއާ އާއި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް، ފާއިމްއިން މި އިވެންޓު މެނޭޖްކުރުމަށް ހަވާލުކޮށްފައިވަނީ އަސަރީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެކްސްޕޯގެ މަޢުލޫމާތު ދެއްވަމުން، އަސަރީ ސަރވިސަސްއިން ވިދާޅުވީ މި އެކްސްޕޯއަކީ، މެޑިކަލް ޓެރެވަލް ޓޫރިޒަމް ގެ އަމާޒުގައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާކުރުމާއި އިންޑިއާގެ ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖޭގައި ފަރުވާ ދިނުމަށް ހަމަޖެއްސުމުގެ ފުރުޞަތާއި ސިއްޙީ ދާއިރާއަށް އިންވެސްޓްކުރުމަށް ހުޅުވިގެންދާނެ ވަރަށް ބޭނުންތެރި ފުރުޞަތެއްކަމަށެވެ. އެގޮތުން މި އެކްސްޕޯގައި އިންޑިއާގެ 31 ހޮސްޕިޓަލަކާއި ސިއްހީ ޚިދުމަތްދޭ ތަންތަން މި އެކްސްޕޯގައި ބައިވެރިވެފައިވާއިރު، މި އެކްސްޕޯގައި ބައިވެރިވާ 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ބައްދަލުކޮށް ވާހަކަދެއްވުމުގެ ފުރުޞަތުވެސް މިއެކްސްޕޯ ކުރިއަށްދާއިރު ލިބިގެންދާނެއެވެ.

މީގެ އިތުރުން މި އެކްސްޕޯގެ ތެރެއިން ސިއްޙީ 4 ދާއިރާއަކަށް އަމާޒުކޮށްގެން އާންމުންނަށް ވަރަށް މުހިންމު ސެމިނަރ ތަކެއްވެސް ދަރުބާރުގޭގައި ކުރިއަށްދާނެކަމަށް އަސަރީ ސަރވިސަސްއިން މަޢުލޫމާތުދެއެވެ. އަދި ރާއްޖެއިން ފަރުވާ ލިބެންނެތް ޚާއްސަ ބަލިތަކާއި ޖެނެޓިކް ބަލިތަކާއި ގުޅޭ ޚާއްސަ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިތުރުން އަޔުރްވެދިކް މެޑިސިންއާއި ޓެލެ ކޮންސަލްޓޭޝަންގެ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރުން މި އެކްސްޕޯގެ ތެރެއިން ފެނިގެންދާނެކަމަށް އަސަރީ ސަރވިސަސް އިން މަޢުލޫމާތުދެއެވެ.