ޚަބަރު

ފިއްލެވުމުގެ ފުރުސަތެއް އަދީބަކަށް ނެތް - ހޯމްމިނިސްޓަރ


ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަނީ ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ހިމެނޭ ޓީމަކާއެކުކަމަށާއި، އަދީބަށް ފިއްލަވައިގެން ވަޑައިނުގެންނެވޭކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ޙުއްދަ ކަރެކްޝަނަލްސަރވިސްއިން ދިނުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ދިރާސާކުރުމަށް ކަމާގުޅުންހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ޙާޒިރުކުރުމުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިއަދު ބޭއްވި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހޯމް މިނިސްޓަރު އިމްރާނު ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާއި އިމިގްރޭޝަންގެ އިސްފަރާތްތައް ވަނީ ހާޒުކުކޮށްފައެވެ. އަޙްމަދު އަދީބަކީ ދައުލަތާއި ޤައުމީ ސަލާމަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކެއްގެ ތުހުމަތުކުރެވޭ މީހަކަށްވާއިރު، އެނާ ރާއްޖެއިން ބޭރަށް ފޮނުވަނީ ކޮން ގޮތަކަށްތޯ ކޮމިޓީގެ މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އަދީބު ބޭސްފަރުވާއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14އިން 26އަށް އަވައްޓެރި އިންޑިއާއަށްކަމަށެވެ.

އަދި އޭނާ އިންޑިއާއަށް ފޮނުވަނީ ރާއްޖެއިން ފަރުވާދެވެން ނެތުމުންކަމަށާ، ބޭރަށްދިއުމުގެ ޙުއްދަދެއްވީ އޭނާއަށް ލިބެންޖެހޭ ބޭސްފަރުވާގެޙައްގު ހޯދައިދިނުމަށްކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަދީބު ބޭރަށް ފޮނުވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެންކަމަށާ، އަދީބު ބޭރަށް ފޮނުވަނީ ޤައިދީއަކު ފަރުވާއަށް ރާއްޖެއިން ބޭރަށް މީގެކުރިން ފޮނުވާފައި ނުވާހާ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިންކަމަށެވެ.

ކޮމިޓީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވާއިރު އޭނާއާއެކު ތަޖުރިބާ ލިބިފައިވާ ތިން ފުލުހަކާއި ކަރެކްޝަނަލްސަރވިސްގެ 3 މުވައްޒަފުން ދަތުރު ނިމެންދެން ހަރަކާތްތެރިވާނެކަމަށެވެ. އަދި 14ވަނަ ދުވަހު އަދިބު ފުރުވާލުމުގެ ކުރިން އެޑްވާސްޓީމެއް އަދީބު ބޭސްފަރުވާހޯދާ އިންޑިއާގެ ސަރަހައްދަށް މާދަމާ ފުރާނެކަމަށާ، އެޓީމުން އަދީބު ޑޮކްޓަރަށް ދައްކާ ހޮސްޕިޓަލާއި އޭނާ ހުންނަ ހޮޓެލްގެ ކަންކަން ބަލައި އިންޑިއާގެ ކަމާގުޅުންހުރި ފަރާތްތަކާއެކު މިކަމުގެ މަޝްވަރާތައް ކުރައްވާނެކަމަށެވެ.

ސީޕީ ވިދާޅުވީ އަދީބަކީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހަކަށްވުމުން އޭނާއާ ގުޅޭ އިތުރު ތަޙްޤީގުތައް ފުލުހުން ހިންގައި އެކަމުގައި ކުރިއެރުންތަކެއްވެސް ހޯދާފައިވާއިރު، އޭނާ ބޭސްފަރުވާއަށްފަހު ރާއްޖެއަށް ގެނައުމަކީ ތަންފީޒީ އިދާރާތަކުންވެސް ބޭނުންވާކަމެށްކަމަށެވެ. އެހެންކަމުން އޭނާގެ ބޭސްފަރުވާގެ ކަންކަން ވީހާވެސް ރަނގަޅަށް ގެންގޮސް އަނބުރާ ރާއްޖެ ގެނައުމަށް ރޭވުންތެރިކަމާއުކު ފުލުހުން މަސައްކަތްކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ޓޫފޯވަން ކޮމިޓީން މޯލްޑިވްސް އިމިގްރޭޝަނާއި ސުވާލުކުރުމުން އެއިދާރާއިން ވިދާޅުވީ އަދީބަށް ދޫކޮށްފައިވަނީ 1 އަހަރު ދުވަހުގެ ވަގުތީ ޓްރެވެލް ޑޮކިއުމެއްޓެއްކަމަށާ، އެއީ ވަގުތީގޮތުން ޓްރެވެލް ޑޮކިއުމަންޓް ދޫކުރާ އެންމެ ކުރުމުއްދަތުކަމަށެވެ. އަދި އެޑޮކިއުމަންޓު ދޫކޮށްފައިވަނީ ހަމައެކަނި އިންޑިއާއަށް ދަތުރުކުރުމަށް ކަމަށާ، ޓްރެވަލް ޑޮކިއުމަންޓުން އެހެން ޤާއުމަކަށް ދަތުރުނުކުރެވޭނެކަމަށެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ އަދީބު އިންޑިއާއަށް ފޮނުވަނީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންކަމަށާއި އޭނާގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދާނީ އާއިލާއިންކަމަށެވެ. އަދި އަދީބުގެ ބަލިހާލަތު ހުރިގޮތުން މިވަގުތުވެސް ހުރީ ގޭބަންދުގައިކަމަށްވުމުން ޖަލުގައި ތަންފީޒުކުރަންޖެހޭ ބާކީ ދުވަސްތައް ބޭސްފަރުވާއަށްފަހު އެންބުރި ވަޑައިގަތުމުން އަނެއްކާވެސް ތަންންފީޒުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. މިދަތުރުގައި އަދީބާއެކު ޢާއިލާއިން ދަތުރުކުރައްވަނީ އަނބިކަނބަލުންކަން ކަރެކްޝަނަލް ސަރވިސުންވަނީ ހާމަކުރައްވާފައެވެ.

ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކުންވެސް ވަނީ އަދީބު ބޭސްފަރުވާއަށް ފޮނުވަނީ އެކަށީގެންވާ ފިޔަވަޅުއަޅައިގެން، މިކަމަށް ކަނޑައެޅިފައިވާ ވަކި އުސޫލުތަކާ އެއްގޮތަށްކަމަށް ވިދާޅުވެފައެވެ. ރާއްޖެއާ އިންޑިއާއާ ދެމެދު ޤައިދީން ބެލެހެއްޓުމާ ގުޅޭ މިފަދަ ޚާއްސަ އެއެބަސްވުމެއް ނެތްނަމަވެސް ދެޤައުމުގެ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރުން މިދަތުރުގެ ތެރެއިން އެޤައުމުން އަދީބަށް ސިޔާސީ ޙިމާޔަތް ދީފާނެކަމަށް ޤަބޫލުނުކުރެވޭކަމަށް ހޯމްމިނިސްޓްރީން މިއަދުވަނީ ފާހަގަކުރައްވާފައެވެ.

އަދި މިހާރުގެ ކަންކަން ދާގޮތުން އަދީބު ފިލައިފިނަމަ އެއީ ސަރުކާރުވެސް ފެއިލްވުން ފަދަކަމަކަށްވުމުން ފިލުމުގެ ފުރުސަތު އަދީބަށް ނުދެއްވާނެކަމަށާ އެކަމުގެ ފުރިހަމަ ޒިންމާ ހޯމް މިނިސްޓްރީއާއި އެމިނިސްޓްރީއާ ގުޅިފައިވާ އިދާރާތަކުން ނަގާނެކަމަށްވެސް ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.