ޚަބަރު

ރާއްޖެއާއި ފިންލެންޑާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރަނީ


ރާއްޖެއާއި ފިންލެންޑާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އަވަސް މުސްތަޤުބަލެއްގައި މަޝްވަރާތަކެއް ކުރަން ނިންމާފައި ވާކަމަށް ފިންލޭންޑުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހެރީ ކެމެރޭނިއެން ވިދާޅުވެއްޖެއެވެ.

ފިންލެންޑު ސަފީރު މިހެން ވިދާޅުވީ، ރާއްޖެއިން ނޯޑިކް ސަރަހައްދުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަރީ ކޮންސުލްގެ ފަރާތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖެއިން ނޯޑިކް ސަރަހައްދުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަރީ ކޮންސުލްގެ ފަރާތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ތަޢާރަފްވުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ފިންލޭންޑުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހެރީ ކެމެރޭނިއެން ވިދާޅުވީ، ރާއްޖެއާއި ފިންލެންޑްގެ ގުޅުން ވޭތުވެ ދިޔަ މަދު އަހަރުތަކުގެ ތެރޭ އައު އުސްމިތްތަކަށް ވާޞިލްވެފައިވާކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ތަޢުލީމީ ނިޒާމުކަމަށްވާ ފިންލެންޑްގެ ތަޢުލީމީ ނިޒާމުގެ ބައެއް އުސޫލުތައް ރާއްޖޭގައިވެސް މިހާރު ފަށާފައިވުމަކީ މިގުޅުން އިތުރަށް ވަރުގަދަކޮށްދިން ކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ޖިއޮގްރަފީގެގޮތުންވެސް ޚާއްސަ ޤައުމެއްކަން ފާހަގަކުރައްވައި ހެރީ ކެމެރޭނިއެން ވިދާޅުވީ، މިފަދަ ޤައުމެއްގައި، ތަރައްޤީގެ ޕްލޭންތައްވެސް ކުރިއަށްގެންދަން ޖެހިފައިވަނީ އެހެން ޤައުމުތަކާ ތަފާތުކޮށްކަމަށެވެ. އެހެންކަމުން ޓެކްނޮލޮޖީގެ އެންމެ ފަހުގެ ކުރިއެރުންތަކަށް ރާއްޖެފަދަ ޤައުމުތައް ފަރިތަވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި ފިންލޭންޑުން ރާއްޖެއަށް މިރޮނގުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރާއްޖެއާއި ފިންލެންޑާއި ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކެއް އަވަސް މުސްތަޤުބަލެއްގައި ކުރުމަށް ނިންމާފައިވާކަން އޭނާވަނީ ހާމަކުރައްވާފައެވެ.

"ރާއްޖެއާއި ފިންލޭންޑްގެ ގުޅުން އަޅުގަނޑުގެ ދައުރުގައި އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރާނަން. ފިންލެންޑް އިންޓަނޭނަލް ސްކޫލްއަކީ މިގުޅުމުގެ ވަރުގަދަ ފެށުމެއް. ތަޢުލީމީ ދާއިރާގެ އިތުރުން ފިންލޭންޑާއި ރާއްޖޭގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރަން ޖެހޭ. އެގޮތުން ރާއްޖެއާއި ފިންލެންޑާއި ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކެއް އަވަސް މުސްތަޤުބަލެއްގައި ކުރުމަށް މަސައްކަތްކުރަން." ފިންލޭންޑުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހެރީ ކެމެރޭނިއެން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ ރާއްޖެއިން ސްވިޑަން، ޑެންމާކް، ފިންލޭންޑަށް ކަނޑައަޅުއްވާފައި ތިއްބެވި އޮނޮރަރީ ކޮންސުލުން ތަޢާރަފުކުރައްވާފައެވެ. ރާއްޖެއިން ޑެންމާކަން ކަނޑައަޅުވާފައިވަނީ، ކުރީގައި ރާއްޖެއިން މުޅި ނޯޑިކްކަށް ކަނޑައަޅުއްވާފައި ހުންނެވި އޮނޮރަރީ ކޮންސުލް، ސީޕްރިއާ މޯލްޑިވްސްގެ ޗެއަރމަން އަދި މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސައީދެވެ. ފިންލޭންޑްގެ އޮނޮރަރީ ކޮންސުލްއަކީ ދަމާސްގެ ޑެޕއުޓީ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޞާލިޙެވެ. ސްވިޑަންއަށް ކަނޑައަޅުއްވާފައިވަނީ މަޝްހޫރު ޓީވީ ޕްރެެޒެންޓަރ އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު މަރިޔަމް ވަހީދާއެވެ.

ފިންލޭންޑުން ރާއްޖެގެ ޓެކްނޮލޮޖީގެ ދާއިރާ ފުޅާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާއިރު، މިސަރުކާރުން ވަނީ "މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ"ގެ ނަމުގައި ވަކި ވުޒާރާއެއް މުޅިން އަލަށް އުފައްދަވައި މި ދާއިރާ ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓެކްނޮލޮޖީގެ ދާއިރާގެ ތަފާތު ޕްރޮޖެކްޓްތައް "މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ"އިން ދަނީ ކުރައްވަމުންނެވެ.