ޚަބަރު

ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު "ކާރގޯ ޕެސެންޖަރ" ފެރީގެ ޚިދުމަތް ފަށަނީ!


އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ހދ.ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު "ކާރގޯ ޕެސެންޖަރ" ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރައްވައިފިއެވެ.

އިންޑިއާ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މަޢުލޫމާތު ހާމަކުރެއްވުމަށް ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީއިން ވަނީ، ދެޤައުމުގެ ދެމެދުގައި ޖުމުލަ 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރައްވަން ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް ވިދާޅުވީ ނެރެންދުރަ މޯދީ އިންޑިއާގެ ބޮޑު ވަޒީރުކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅު ރާއްޖެއަށް ކުރެއްވުމަކީ، ދެ ޤައުމުގެ ގުޅުމުގެ ބަދަހިކަން ހާމަކޮށްދޭ ކަމެކަމަށެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގައިކަމަށެވެ. އަދި މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހަވީރު 16:00ގައި ޖުމްހޫރީ މައިދާނުގައިކަމަށެވެ.

ރާއްޖެއާއި އިންޑީއާ ސަރުކާރާ ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ޙަލީލް ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތައް

1. ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްވަސްވުން
2. އިންޑިއާގެ ނެޝަނަސް ސެންޓަރ ފޮރ ގުޑް ގަވަނެންސްއިން, ސިވިލް ސަރވެންޓުންނަށް ޚާއްސަ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުން
3. އިންޑިއާއާއި ރާއްޖެއާއި ދެމެދު ވައިޑް ޝިޕިންގް އިތުރުކުރުމުގެ އެއްބަސްވުން
4. އިންޑިއާއާއި ރާއްޖެއާއި ދެމެދު ހައިޑްރޮގްރަފީ އަދި އޯޝަން އިކޮނޮމީގެ ދާއިރާއިން ވެވޭ އެއްބަސްވުން
5. ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގް އިތުރު ކުރުމުގެ އެއްބަސްވުން
6. އިންޑިއާ އާއި ރާއްޖެއާއި ދެމެދު "ކާގޯ އެންޑް ޕެސެންޖަރ ފެރީ" ފެށުމުގެ އެއްބަސްވުން

މީގެ އިތުރުން އިކޮނިމިކް މިނިސްޓްރީއާއި އިންޑިއާގެ ސްކިލްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ހުނަރުވެރިކަން އިތުރުކުރުމުގެ އެއްބަސްވުމަކާއި، ކަރަންސީ ސްވަޕް އެގްރީމެންޓެއް އަދި ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން، އިންޑިއާގެ އައު އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޑރ.ސުބްރަމަނިޔަމް ޖަޔަޝަންކަރވެސް ވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއަޒްސް މިނިސްޓަރ ވިދާޅުވީ، އިންޑިއާގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ"ގެ ދަށުން މި މަސައްކަތް ކުރަނީ ދެކެނު އޭޝިއާ ސަރަހައްދަކީ އެންމެ ކުޑަކޮށް ދަތުރުފަތުރުގެ ނިޒާމުން ގުޅިފައިވާ ސަރަހައްދުކަމުގައިވުމުން މިކަން ބަދަލުކުރުމަށްޓަކައި ކަމަށެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން ޢާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ އެއްބަސްވުމަކަށް ވެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު "ކާގޯ އެންޑް ޕެސެންޖަރ ފެރީ" ފެށުމުގެ އެއްބަސްވުމެވެ. އެގޮތުން މިފަދަ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން އިންޑިއާއިން މީގެކުރިންވެސް ހާމަކުރައްވާފައިވެއެވެ. ފޮރިން މިނިސްޓްރީއިން ހާމަކުރައްވާގޮތުގައި މި އެއްބަސްވުމުގެ ދަށުން، ފެރީ ދަތުރުކުރުމަށް ހަމެޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ޕޯޓާއި އިންޑިއާގެ ކޮޗިންއާ ދެމެދުއެވެ.