ޚަބަރު

3 މަޝްރޫޢެއް ހިންގުމަށް 21 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ދީފި


އިންޑިއާ ސަރުކާރުން ދޭ ހިލޭ އެހީގެ ދަށުން 3 މަޝްރޫޢެއް ހިންގުމަށް 21 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ފޮރިން މިނިސްޓްރީއިން ވިދާޅުވީ މިފަހަރު އިންޑިއާ ސަރުކާރުން ދޭ އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް ބޭނުންވާ އުޅަނދުފަހަރު ގަތުމަށާއި ށ. ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ހިލޭ އެހީ ދިނުމަށެވެ.

އިންޑިއާ ސަރުކާރުން ވަނީ ދިވެހި ރާއްޖެއަށް 106 މިލިއަން ދިވެހި ރުފިޔާ ނުވަތަ 6.9 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމާފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގުމަށް ހަމަޖެހިފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ ތަފްސީލް މީގެ ކުރިންވެސް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިންޑިއާއިން މިފަހަރު ދިން ހިލޭ އެހީގެ ތެރެއިން 8 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުގެ ޤާބިލްކަން އިތުރުވެ، ސިޓީ ކައުންސިލުންދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، މާލެ ސިޓީގެ ތަރައްޤީއަށް މަޝްރޫޢުތައް ހިންގުމަށް ފަސޭހަވެގެންދާނެކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް އިންޑިއާއިން ހިލޭ އެހީ ދޭނެކަން އިއުލާންކޮށްފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް ބޭނުންވާ އުޅަނދުފަހަރު ގަތުމަށްވެސް 8 މިލިއަން ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތައް އެއް ތަނުން އަނެއް ތަނަށް އަވަހަށް ގެންދިއުމަށްޓަކައި އެ ސަރވިސްއަށް ބޭނުންވާ އިތުރު އުޅަނދުތައް ފޯރުކޮށްދެވޭނެކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް 5 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން ހަދާ ކޮމިއުނިޓީ ސެންޓަރުގައި، ފޯކައިދޫގެ ރައްޔިތުންނަށާއި އެ އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ތަފާތު އިޖްތިމާޢީ ހަރަކާތްތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށް ހިންގޭ ހަރަކާތްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ މަސައްކަތާއި، ކުތުބުޚާނާގެ ޚިދުމަތާއި އަތޮޅު ފެންވަރުގައި ބާއްވާ ވާރްކްޝޮޕް، ރީޖަނަލް ސެމިނަރ އަދި އެކި ބައްދަލުވުންތައް ބޭއްވުމަށްވެސް މި ސެންޓަރު ބޭނުން ކުރެވޭނެއެވެ.

އެކި އުމުރުފުރައިގެ މީހުންނަށް މިފަދަ އިޖްތިމާޢީ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާނެ ތަނެއް މިހާރު އެރަށުގައި ނުހުރެއެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.