ޚަބަރު

އޯއައިސީގެ 14 ވަނަ ސަމިޓް މިރޭ، ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ


މިރޭ ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ސަމިޓުގައި ރައީސް ތަޤްރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

އޯއައިސީ ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި މުސްލިމު އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އިލްސާމީ ޤައުމުތަކަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކަށް އަލިއަޅުވާލައި އެކުލަވާލާ މައްކާ މުޢާހަދާ ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމްދީނާއި ގުޅޭގޮތުން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމަށް ކުރެވިދާނެކަންކަމަށްވެސް މި ސަމިޓުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވެއެވެ.

1969ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމު އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ޤައުމު ހިމެނެއެވެ. މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ 3 އަހަރަކުން އެއް އަހަރެވެ.

އޯއައިސީގެ 14ވަނަ ސަމިޓުގެ ކުރިން ބޭއްވި ސީނިއަރ އޮފިޝަލުންގެ ޚާއްސަ ބައްދަލުވުމާއި، މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދާއި ފޮރިންގ ސެކެޓްރީ ޢަބްދުލްޤަފޫރު މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޯއައިސީ ސަމިޓަކީ ސަޢުދީޢަރަބިއްޔާއާއި އިސްލާމީ ޤައުމުތަކާއެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް އެ ޤައުމުތަކާއެކު ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ. މި ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ސަޢުދީޢަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.