ޚަބަރު

5 ބިމަކަށް އެޗްޑީސީއަށް ލިބެންޖެހޭ 39 މިލިއަން ރުފިޔާ ހޯދަން އޭސީސީން އަންގައިފި


ހުޅުމާލޭގެ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތަކަށް ކުއްޔަށްދީފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 39 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެޗްޑީސީއަށް އަންގައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުން 75 ހާސް ފޫޓްގެ 5 ބިމެއް އަމިއްލަ ފަރާތްތަކަށް ކުއްޔަށްދީފައިވާކަމަށެވެ. އެހެންނަމަވެސް ކުއްޔަށް ނެގި ފަރާތްތަކުން މިހާތަނަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަމަށެވެ. އަދި އެ ބިންތައް ކުއްޔަށް ނެގި ފަރާތްތަކުން އެހެން ފަރާތްތަކަށް އެ ބިންތައް ކުއްޔަށްދޫކޮށްފައިވާކަމަށް ބުނެ އެ މައްސަލަ ކޮމިޝަނަށް ހުށައަޅާފައިވާކަމަށްވެސް އޭސސީސީގެ ބަޔާނުގައިވެއެވެ.

އެސީސީން ބުނީ އެ ކޮމިޝަނުން ބެލިބެލުމުން ކުއްޔަށްދޫކުރި ބިންތަކުން މިދިޔަ އަހަރުގެ މޭމަހުގެ 02 ވަނަދުވަހުގެ ނިޔަލަށް 39،072،926.4 ( ތިރީސް ނުވަ މިލިއަން ހަތްދިހަ ދެ ހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ ތިރީސް ހަތަރު ލާރި ) ދައުލަތަށް ލިބެންޖެހޭކަމަށެވެ. އަދި މި ފައިސާ ހޯދުމުގެ މަސައްކަތް ކޯޓު މެދެވެރިކޮށް ކުރި ނަމަވެސް މި އަދާއި ހަމައަށްވެސް އެ ފައިސާ ލިބިފައިނުވާކަމަށްވެސް އެސީސީން ބަޔާނުގައިވެއެވެ.

އެ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އެޗްޑީސީގެ އިތުރުން ދައުލަތުގެ ބަންޑާރ ނާއިބުގެ އޮފީހާއި ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން، އެޗްޑީސީގެ ބޯޑު ރިޒޮލިއުޝަނުން ފާސްކޮށްފައިވާ، އެ ކުންފުނީގެ މޯގޭޖް ޕޮލިސީ އިޞްލާޙުކޮށް ކުރިއަށް އޮތްތަނުގައި ބިންތައް ކުއްޔަށް ދިނުމާއި މޯގޭޖްކުރުމަށް ހަދާ އެއްބަސްވުންތަކުގައި އެޗް.ޑީ.ސީ.ގެ ހައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަކަށް، އެއްބަސްވުން އެކުލަވާލުމަށް އަންގާފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދު ވިޔަފާރިއަށް ދޫކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމުން ޤަވާއިދާ ޚިލާފަށް އެކަން ކުރަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް އޭސީސީން ވަނީ އެޗްޑީސީއަށް އަންގާފައެވެ.