ޚަބަރު

11 އެމްބިއުލާންސާއި 61 ރަށެއްގައި ޖިމް ހެދުމަށް އިންޑިއާއިން ހިލޭ އެހީ


ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްއާއި، އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ހޯދުމަށް 15 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ދީފިއެވެ.

އިންޑިއާ ސަރުކާރުން މި އެހީދީފައިވަނީ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދިނުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. އިންޑިއާ ސަރުކާރުން ރާޢްޖެއަށް ހިލޭ އެހީ ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ރާއްޖޭގެ ހޮސްޕިޓަލުތަކާއި، ހެލްތު ސެންޓަރުތަކުގައި ބޭނުންކުރުމަށް 11 އެމްބިއުލާންސް ގަތުމަށް 7.7 މިލިއަން ރުފިޔާގެ ދިވެހި ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ވަނީ ދީފައެވެ. އަދި ރާއްޖޭގެ 61 ރަށެއްގައި ބެހެއްޓުމަށް އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް 8 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑީއާ ސަރުކާރުން ދީފައިވެއެވެ.

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެކެވެ. ހަމައެހެންމެ ދުޅަހެޔޮ އާދަތައް އަށަގަންނުވައި، ގައިން ގައިން ނާރާ ބަލިތައް މަދުކުރުމަކީވެސް މި ސަރުކާރުގެ ޞިއްޙީ ވަޢުދެކެވެ.

އިންޑިއާއިން ރާއްޖެއަށް ދިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހއ. އިހަވަންދޫގައި އިމަރޖެންސީ މެޑިކަލް ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް 7.4 މިލިއަން ރުފިޔާއާއި، 2 ރަށެއްގައި 6 ކްލާސްރޫމް އެޅުމަށް 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ދީފައެވެ. މީގެ އިތުރުން އއ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށާއި، ދ. ވާނީގައި ހުންނަ ޕޮލިސް އެކެޑަމީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.