ޚަބަރު

ގަރާޖްތަކާއި ވޯކްޝޮޕްތައް ސިޓީ ކައުންސިލުން ބަލަނީ


މާލޭގައި ހިންގާ ގަރާޖްތަކާއި ވޯކްޝޮޕްތަކަކީ ދީފައިވާ ހުއްދައާއި އެއްގޮތަށް ހިންގާ ތަންތަންތޯ ޗެކްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މާލެ ތެރޭގައި ހުރި ގަރާޖްތަކާއި ވޯކްޝޮޕް ފަދަ ތަންތަން، އެކަހެރި ތަނަކަށް ނުވަތަ މާލެއިން ބޭރަށް ބަދަލުކުރުމަކީ ސިޓީ ކައުންސިލްގެ އަމާޒެއްކަމަށެވެ. ކުރީގެ ސަރުކާރުން އެކަން ކުރުމަށްޓަކާ މާލޭ ފަޅުން ބައެއް ހިއްކާ، އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައި ތަރައްޤީކުރަން ފެށިނަމަވެސް ތަފާތު ސަބަބުތަކާހުރެ އެކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްނުދާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

ސިފާ ވިދާޅުވީ، މާލެތެރޭގައި ހުރި ވޯކްޝޮޕްތަކާއި ގަރާޖްފަދަ ތަންތަން ހިންގަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލާއި ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެންކަމަށާއި، ރަމަޟާން މަސް ނިމުމަށްފަހު އެފަދަ ތަންތަން ބެލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

" އަންނަ މަހުގެ ތެރޭގައި މާލޭގައި ހުރި ހުރިހާ ވޯކްޝޮޕްތަކަކާއި ގަރާޖްތަކެއް ޗެކްކުރުމުގެ މަސައްކަތް ފެށުމަށް މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެން ޗެކްކުރާނަން އެފަދަ ތަންތަން ހިންގަނީ ޤަވާއިދާ އެއްގޮތަށްތޯ އަދި ހުއްދަދީފައިވާ މަސައްކަތްތޯ އެފަރާތްތަކުން ކުރަނީވެސް. ވަރަށް ގިނައިން ޝަކުވާ އާދޭ އާއްމުންގެ ފަރާތުން އަޑުގަދަވުމާއި، މަގުމަތިން ހިނގާފައި ދާއިރު ކީސްކުނޑި ބުރުމާއި، ބައެއް ކަހަލަ ސްޕްރޭތަކުގެ ސަބަބުން އުނދަގޫވެގެން.." މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ، މާލޭގައި ވޯކްޝޮޕާއި ގަރާޖްފަދަ ތަންތަން ހިންގުމަށްޓަކާ ދޭންޖެހޭ ހުއްދަ ސިޓީ ކައުންސިލުން ދޫނުކުރާތާ 7 ވަރަކަށް އަހަރުވެފައިވާކަމަށެވެ. ނަމަވެސް މިފަދަ ދާއިރާތަކަކީވެސް މިހާރު ގިނަ އަދަދެއްގެ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކަށްވުމުން، އެ ފުރުޞަތު ފަހިކޮށްދިނުމުގެ ވިސްނުން ސިޓީ ކައުންސިލުން ގެންގުޅޭކަމަށް މޭޔަރ ވިދާޅުވިއެވެ.