އަތޮޅުތައް

ދަރަވަންދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ބ. ދަރަވަންދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ދަރަވަންދޫގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކާ އެރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ހަސަން ވިދާޅުވީ، ރާއްޖޭގެ ގިނަ ރަަށްތަކެކެއްގެ ބޯފެނުގެ ނިޒާމް ތަޣައްޔަރުވެފައިވުމުން، ސާފުބޯފެން ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އަމާޒެއްކަމަށެވެ. ދަރަވަންދޫއަކީ އެއަރޕޯޓެއް އޮތް ރަށަކަށްވެފައި، ހަލުވިކަމާއެކު ގެސްޓް ހައުސް ވިޔަފާރި ކުރިއަރަމުންދާ ރަަށެއްކަމުން މިއީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ނިޒާމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ދަރަވަންދޫގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮަށް ނިންމާ ރައްޔިތުންނަށް ބޭނުންކުރެވޭ ވަރު ވާނެ ކަމަށެވެ.

ބ. ދަރަވަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ މަޝްރޫޢަކީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 29,170,066.22ރ. ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން ބ. ދަރަވަންދޫގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި، މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ރ.މަޑުއްވަރީ، ހދ. ނޮޅިވަރަންފަރު އަދި ށ. ފޯކައިދޫ ފެނުގެ ނިޒާމު ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމުކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ. މި މުޅި މަޝްރޫޢަށް ޖީ.ސީ.އެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައިވާ 23,636,364.00 ޔޫ.އެސް ޑޮލަރު ދިވެހި ސަރުކާރަށް ވަނީ ލިބިފައެވެ. މި ފައިސާ ދިވެހި ސަރުކާރަށް ލިބިފައިވަނީ 2017 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.