ރިޕޯޓް

ޓިވެކްއިން ހިންގި ދެވަނަ ކޯހުން ދަސްވެނިވި 48 ދަރިވަރުންނަށް ސެޓްފިކެޓް ދީފި

ކޯސްޓްލައިން ފައުންޑޭޝަނުން ބ.ކިހާދޫގައި ގާއިމްކޮށްފައިވާ ޓެކްނިކަލް ވޮކޭޝަންލް ޓްރެއިނިން ސެންޓަރ ޓިވެކްއިން ހިންގި ދެވަނަ ކޯހުން ދަސްވެނިވި 48 ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ. މިދިޔަ އަހަރު ކިޔަވައިދޭންފެށި މި ސެންޓަރުން ހިންގި ފުރަތަމަ ކޯހުން ވަނީ 44 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ވޮކޭޝަންލް ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިޔާތުގައި މި ދަރިވަރުންނަށް ދަސްވެނިވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޓިވެކްގެ އެކެޑަމިކް ޑައިރެކްޓަރ ނާޝިހް ޖަމާލެވެ. ދަސްވެނިވުނު ކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރ ޓިވެކުން ހިންގާފައިވާ 3 ކޯސްކަމަށްވާ ޑީސަލްއާ ޕެޓްރޯލް އިންޖީނު މަރާމާތުކުރުމާ، އިލެކްޓްރިޝަން، އަދި އެއަރ ކަންޑިސަން ރެފްރިޖަރޭޝަންއިން ލެވަލް 3 ހާސިލް ކުރި 48 ދަރިވަރަކަށެވެ.

އިލެކްޓްރިޝަންގެ ދާއިރާއިން ލެވަލް 3ގެ ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 16 ކުދިންނެވެ. އިންޖީނު މަރާމާތު ކުރުމުގެދާއިރާއިން 16 ކުދިން ސެޓްފިކެޓް ހާސިލްކުރިއިރު އެއަރ ކަންޑިޝަން ރެފްރިޖަރޭޝަންގެ ދާއިރާއިން 16 ކުދިން ސެޓްފިކެޓް ހާސިލްކޮށްފައެވެ. މިއަހަރުވެސް ވަނީ ޖުމްލަ 50 ދަރިވަރުން މި ކޯސްތަކުގައި ބައިވެރިވެފައެވެ.

ޓިވެކްގެ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު ނަޒީފް ވިދާޅުވީ އަމާޒަށް ވާސިލް ވުމަށް ކޮންމެ ދަރިވަރަކަށްވެސް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށާ، ކޯހުން ދަރަވަރަކުން ފެއިލްވުނުން އެއީ ޓިވެކުން ބޭނުންވާ ގޮތެއް ނޫންކަމަށެވެ.

ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ ޓިވެކް އަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަމްރީން ހިލޭ ފޯރުކޮށްދޭ ރާއްޖޭގައި ހުރި ހަމަ އެކަނި ސެންޓަރެވެ. 6 މަސްދުވަހަށް ކޯސްތައް ފަރުމާކޮށްގެން ކުރިއަށްގެންދާއިރު މިއަހަރު ބާއްވާ 2ވަނަ ކޯސް ޖޫންމަހުގެ ތެރޭގައި ފެށޭނެކަމަށް ޓިވެކުން ބުނެއެވެ. މިހާރުވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެސެންޓަރުން ބުނެއެވެ. މިއަަހަރު ކޯސްތަކުން ދަސްވެނިވި ސެޓްފިކެޓް ހާސިލް ކުރި ދަރިވަރުން ބުނީ މިކޯސްތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތު ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނޭކަމަށާ، އެގޮތުން މިހާރުވެސް މިތަނުގައި ތިބި ގިނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ފަހިވެފައިވާކަމަށް އެދަރިވަރުން ބުންޏެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކިހާދޫ ކައުންސިލްގެ ފަރާތުން އެރަށުގަ ހިންގުނު ޕްރޮގްރާމްތަކުގައި ބައިވެރިވެ ފޯރުކޮށްދެއްވާފައިވާ އެހީތެރިކަން ފާގަކޮށްވަނީ މިދަރިވަރުންނަށް ވަނީ އަގުވަޒަންކޮށް ހަންދާނީލިޔުން ހާވާލުކޮށްފައެވެ.