ޚަބަރު

ހިތަދޫގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔަތާތަކެއްލިބުނު ޒުވާނާ މާލެ ގެނެސްފި


އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސ. ހިތަދޫ، މުތީ، ނަދީމް މޫސާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މިއަދު މެންދުރު އިމަޖެންސީގައި ނަދީމް މާލެ ގެނެސްފައިވާއިރު އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދެމުންނެވެ. އައިޖީއެމްއެޗުން ބުނީ އޭނާގެ ހާލު ސީރިއަސްކަމަށާ ނޭވާލަނީވެސް ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ނަދީމް މާލެ ފޮނުވިއިރުވެސް ނޭވާލަނީ ވެންޓިލޭޓަރގެ އެހީގައިކަމަށާއި، އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ.

ރޭ ދަންވަރު އައްޑޫސިޓީ ހިތަދޫ ބޮޑު މަގުގައި ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއްޖެހިގެންނެވެ. މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނަދީމަކީ އެކްސިޑެންޓުވި ސައިކަލް ދުއްވި ޒުވާނާއެވެ.
މި އެކްސިޑެންޓުގައި އޭނާގެ ވާތުފައި ބިންދައިގެން ދިޔުމުގެ އިތުރުން ބޯ ފަޅައިގެން ގޮސް އެހެނިހެން އަނިޔާތައްވެސް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަންއިން މީހާއަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.