ޚަބަރު

ތިނަދޫ ކައުންސިލް ފުޓްސަލް: ވާދަވެރި ކުޅުމެއް ފެނުނު މެޗުން އައުޓްރިއްގާ އަތުން އޯއޭ ބަލިވެއްޖެ


ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމެއް ދައްކައި އައުޓްރިއްގާއިން އޯއޭ ޓީމުގެ މައްޗަށް ކުރި ހޯދައިފިއެވެ. މި މެޗު އައުޓްރިއްގާ އިން ކާމިޔާބު ކުރީ 0 ލަނޑު 1 ލަނޑުންނެވެ.

އައުޓްރިއްގާ އަދި އޯއޭ ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ވާދަވެރި ކުޅުމެއް ދައްކައި ދެ ޓީމުންވެސް ވަނީ ނުރައްކާތެރި އެޓޭކްތަކެއް އެއް ޓީމު އަނެއް ޓީމާ ކުރިމަތި ކުރުވައިފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލެއް ކާމިޔާބު ކުރެވިފައިނުވެއެވެ. ނަމަވެސް ދެވަނަ ހާފުގައި އައުޓްރިއްގާއިން ވަނީ އެއް ލަނޑު ޖަހައި ލީޑް ނަގާފައެވެ. އެއަށްފަހު އޯއޭ ޓީމުގެ ޑިފެންސް ލައިން ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ދެ ޓީމުން ކުރެ ޓީމަކަށްވެސް ނުޖެހިއެވެ.

މި މެޗާ ގުޅޭ ގޮތުން އައުޓްރިއްގާ ޓީމުގެ ކޯޗު، އަލީ ރަޝީދު ބުނީ އެ ޓީމުން ބޭނުންވީ މެޗުން މޮޅުވާން ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ މި މެޗުން މޮޅުވާން. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ވެއްޖެ. ވަރަށް އުފާވޭ ޓީމު ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ. ވަރަށް ހިތްހަމަޖެހޭ،" އަލީ ރަޝީދު ފާހަގަކުރިއެވެ.

މީގެ އިތުރުން، އޯއޭ ޓީމުގެ ކޯޗު ބުނީ އެ މެޗުން ބަލިވާން މެދުވެރި ސަބަބަކީ ކުޅުންތެރިން މާ ބޮޑަށް ފަސޭހަ ކޮށްލުން ކަމަށެވެ.

"މޮޅު ނުވާންވީ މެޗެއް ނޫން މިއީކީ. ކުޅުންތެރިން ފަޅިން މާ ބޮޑަށް އީޒީ ކޮށްލީ. މެޗާ ދޭތެރޭ ސީރިއަސް ވާންވާ ވަރަށް ސީރިއަސް ނުވެވިފަ އިނީ. އެހެންވީމަ މެޗުގަ އެހެން އެވީ. ބަލި ކުރެވޭނެ. ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން އެޓީމަކީ،" އޯއޭ ޓީމުގެ ކޯޗު، އަހުމަދު އަޒްމޫން ފާހަގަކުރިއެވެ.

ހުވަދޫ ރެކްރިއޭޝަންސްއާއި ތިނަދޫ ޒުވާނުންގެ މަރުކަޒު ގުޅިގެން އިންތިޒާމުކޮށްގެން ގދ. ތިނަދޫގައި ރޯދަމަހާ ދިމާކޮށް ބާއްވާ މި މުބާރާތުގެ މެޗްތައް މިރޭވެސް ކުރިއަށްދާނެ އެވެ.