ޚަބަރު

ޕާޓްނަޝިޕް ފޯރަމްގެ މަޢުލޫމާތު އިންޑިއާގައި ޙަރަކާތެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ހިއްސާކޮށްފި


އަންނަ ޖޫން މަހު ބާއްވާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ މަޢުލޫމާތު އިންޑިއާގައި ޙަރަކާތްރެިވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ހިއްސާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވެވި މި ބައްދަލުވުމުގައި އިންޑިއާގައި ޙަރަކާތްތެރިވާ އެކި އޭޖެންސީ ތަކާއި ޖަމްޢިއްޔާތަކުގެ މެމްބަރުންނާއި އެކި ޤައުމުތަކުގެ އެމްބެސެޑަރުންވެސް ބައިވެރިވެފައިވެއެވެ. މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމާގުޅޭ މަޢުލޫމާތު ދިނުމަށް ނިއުދިއްލީއަށް މިހާރު ޒިޔާރަތްކުރަމުންދާ ފޮރިން މިނިސްޓްރީގެ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ.ޢާސިމް އަޙްމަދެވެ.

އަންނަ ޖޫން މަހުގެ 17އިން 18އަށް ކުރިއަށްގެންދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްއަކީ ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކާއިއެކު އެއް ފުރާޅެއްގެ ދަށުން މަޝްވަރާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ފުރަތަމަ ފޯރަމެވެ. އެގޮތުން މި ފޯރަމްގެ ތެރެއިން މި ސަރުކާރުގެ ތަރައްޤީގެ ވިސްނުން ހުރިގޮތާއި، ޕްލޭންތަކާއި ފޯރަމްގެ ބައިވެރިންގެ ދައުރުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތްތައް ނިންމުމަށްވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި، މިފޯރަމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޭނުންވާ ދާއިރާތަށް ކަމަށްވާ ސިއްޙީ، ތަޢުލީމީ، ތިމާވެށި އަދި ގުޑްގަވަނެންސްގެ ދާއިރާއިން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރިހަމަ ނުވެހުރި ކަންކަން ފުރިހަމަ ކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރާނެކަމަށްވެސް އެ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

މި ފޯރަމްގެ މަޢުލޫމާތު ހިއްސާކުރުމަށް ފޮރިން މިނިސްޓްރީގެ ވަފުދެއް އިންޑިއާއަށް ގޮސްފައިވާއިރު އެ މި ވަފްދުން ވަނީ ސްރީލަންކާގައި ތިބޭ އެކި ޤައުމުތަކުގެ މަންދޫބުންނާއި ޖަމްޢިއްޔާތަކާވެސް މި ފޯރަމްގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.