ޚަބަރު

ކުޅުދުއްފުށީގައި ލީސިން ކުންފުނީގެ އޮފީހެއް ހުޅުވައިފި


ހދ ކުޅުދުއްފުށީގައި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގެ އޮފީހެއް ހުޅުވައިފިއެވެ.
މި އޮފީހަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އެމްއެފްއެލްސީގެ ޚިދުމަތްތައް ދިނުމަށް އެކުންފުނިން ހުޅުވި އޮފީހެކެވެ.

ރާއްޖޭގައި ހަމައެކަނި ލީސިންގެ ޚިދުމަތްދޭ އެމްއެފްއެލްސީގެ މި ބުރާންޗް ހުޅުވައިދެއްވީ އެކަމަށްޓަކައި ކުޅުދުއްފުށީގައި ރޭ ބޭއްވި ހަފްލާއެއްގައި 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި، ކުޅުދުއްފުށީގެ ދެ ދާއިރާގެ މެމްބަރުންނެވެ.

އަފީފުއްދީން ސްކޫލް ހޯލުގެ ގޭޓް ކުރިމައްޗަށްވާ ގޮތަށް ހުރި މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގެންނެވި ޔާސިރު އަބުދުލް ލަތީފް ވިދާޅުވީ، ލީސިންގެ ހިދުމަތްތަކީ މިސަރަހައްދަށް ވަރަށް މުހިންމު ބޭނުންތެރި ހިދުމަތެއް ކަމަށެވެ. ޔާސިރު ވަނީ ލީސިންގ އާއި ގުޅޭ މައުލޫމާތުތައް ރައްޔިތުންނަށްދީ ވީހާވެސް ގިނަ ރައްޔިތުން ލީސިންއަށް އަހުލުވެރިކޮށްދިނުމަށް އެދިފައެވެ.

އެމްއެފްއެލްސީއަކީ ލީސިންގ ކުންފުންޏެއްގެ ގޮތުގައި ކުރެޑިޓަކަށް މުދާ ދޫކުރުމުގެ ޚިދުމަތް ރާއްޖޭގެ ހަމައެކަނި ދެމުން އަންނަ ކުންފުންޏެވެ. އެމްއެފްއެލްސީން ވަނީ މިހާތަނަށް ލީސިންގގެ ހަތަރު ސްކީމެއް ތައާރަފްކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ، ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަކަމާއެކު މުދާ ގަނެވޭ "ހިޔާ ފަސޭހަ" ސްކީމާއި، މޮޓޯ ސައިކަލް ލީސިން ސްކީމާއި، ލައިފް ސްޓައިލް ސްކީމްގެ އިތުރުން ޑައިރެކް ލީސިން ސްކީމެވެ.

ލައިފް ސްޓައިލް ލީސިން ސްކީމް މެދުވެރިކޮށް މޯބައިލް ފޯނާއި ގޭގައި ބޭނުންކުރާ ސޯފާއިން ފެށިގެން ތަފާތު އެކި މުދާ ނެގޭނެ އެވެ. ޑައިރެކްޓް ލީސިން މެދުވެރިކޮށް ކޮންމެ ތަނެއްގައި ވަޒީފާއަދާކުރާ މީހަކަށްވެސް މުދާ ނެގޭނެ އެވެ.