ޚަބަރު

ވިލިފުއްޓަށާއި، ތިނަދުއަށް އައު އިންޖީނުތައް ފޮނުވައިފި


ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވަމުންދާ ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ތ.ވިލިފުއްޓާއި ގދ.ތިނަދޫއަށް އައު އިންޖީނުތަކެއް ފޮނުވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، ކަރަންޓު ކެނޑޭ މައްސަލަތަށް ހައްލުކުރުމަށް އެކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. ކަރަންޓު ކެނޑޭ މައްސަލަ ހައްލުކޮށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ތ.ވިލިފުއްޓަށް ގެންގޮސްފައިވަނީ 400 ކިލޯ ވޮޓްގެ އިންޖީނެކެވެ. އަދި ގދ.ތިނަދޫގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމަށް ފޮނުވާފައިވަނީ 1 މެގަ ވޮޓްގެ އިންޖީނެކެވެ.

ސްޓެލްކޯއާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ހުސާބުތަކުގައި ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ދާދިފަހުން ސަރުކާރުން ވަނީ ކަރަންޓުގެ އަގުވެސް ހެޔޮ ކޮށްފައެވެ. މިއާއެކު މާލެއާއި އަތޮޅުތަކުގެ ރަށްތަކުގެ ޓެރިފް ރޭޓުތައް ވަނީ އެއްވަރުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، މިސަރުކާރުގެ ދުރުރާސްތާ ވިސްނުމަކީ، ދިވެހި ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހިގޮތެއްގައި ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުދޭ ޤައުމަކަށް ބަދަލުކުރުންކަމަށެވެ.

އެގޮތުން ކަރަންޓު ދިނުމަށް ޖެނެރޭޓަރަށް ބަރޯސާވުމުގެ ބަދަލުގައި އަވިން އުފައްދާ ހަކަތަ ފުޅާކުރުމަކީ ސަރުކާރުން މުސްތަޤްބަލުގައި އިސްކަމެއް ދެއްވާނެކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ކަރަންޓުގެ އަގު އިތުރަށް ހެޔޮވެގެންދާނެ ކަމެއްކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.