ޚަބަރު

ޔޫތް މިނިސްޓަރ މަޙުލޫފް ތިނަދޫއަށް ވަޑައިގެންފި


މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، އަހުމަދު މަޙްލޫފް މިއަދު ގދ. ތިނަދޫއަށް ވަޑައިގެންފިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި މިއަދު ހަވީރުވަނީ އެ މިނިސްޓްރީގެ ދަށުން ތިނަދޫގައި ހިންގާ ޒޯން 7 ސްޓޭޑިއަމާއި ޔޫތް ސެންޓަރުގެ މަސައްކަތްތަކާއި އެ މިނިސްޓްރީން ތިނަދޫގައި ކުރިއަށް ގެންދާ މަޝްރޫއު ތަކުގެ ސައިޓުތަކަށް ވަޑައިގެން އެތަންތަނުގެ ފެންވަރާއި މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޔޫތް މިނިސްޓަރ، މަހުލޫފް ވިދާޅުވި ތިނަދޫއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ އެރަށު ކައުންސިލުގެ ދައުވަތަކަށް، އެރަށުގައި މިރޭ ފަށަން ހަމަޖައްސާފައިވާ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުގެ ތެރެއިން ތިނަދޫގައި ޒުވާނުންނާ ގުޅުން ހުރި އެކި އެކި މަޝްއޫތައް ބެލުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތިނަދޫގަ ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން މިހާރު މި ބެލީ. އިރާދަކުރެއްވިއްޔާ މިރޭގެ ވަގުތެއްގަ ޒުވާނުންނާ ބައްދަލުކޮށް އެއާއެކީގަ ކައުންސިލާ ބައްދަލުކޮށް އިށީނދެފަ ކޮންކޮން ކަމެއްތޯ ކުރެވޭނީ ބަލަން. އިރާދަކުރެއްވިއްޔާ މީގަ މިވަގުތުން ވަގުތަށްވެސް ކުރެވެން ހުރި ކަންތައްތައް އަޅުގަނޑުމެން ކުރާނަން،" މަޙުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ކުރީގެ ސަރުކާރުން ތިނަދޫގައި ހިންގާފައި ހުރި މަޝްރޫއުތައް ހިންގާފައި ހުރި ގޮތާއި، ތިނަދޫގައި ޒުވާނުންނާއި ގުޅުންހުރި އިމާރާތްތައް ހުރި ހާލަތު ފެނިވަޑައިގަތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ވަރަށް ދޯދިޔާ ކަހަލަ ގޮތަކަށް ހަގީގަތުގަ މިކަންކަން ފެންނަން މިހިރީ. އެހެންމަ އަޅުގަނޑުމެން މަސައްކަތް ކުރާނަން މިހާރު ހުރި ގޯސްތައް ރަނގަޅުކޮށްފަ އިތުރަށް ކަންތައްތަކެއް ކުރަން. އެކުރެވޭ ކަންކަންތަށްތަށް ރަނގަޅަށް ކުރެވޭނެ ކަންކަމަށް ވެގެންދާނެ އުސޫލުން ގައިމް ކުރަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި މިރޭ ތިނަދޫގައި ކައުންސިލާއި ޒުވާނުންނާއެކު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޔޫތް މިނިސްޓްރީގެ ދަށުން ތިނަދޫގައި ހިންގަން ހަމަޖައްސާފައިވާ މަޝްރޫއުތަކުގެ މައުލޫމާތުވެސް މިރޭ ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.