ޚަބަރު

ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ ފަރުތަކުގެ 90 އިންސައްތަ މަރުވާނެކަމަށް ލަފާކުރެވޭ


ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅައެއްބައި މަރުވެފައިވާކަމަށް ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާހައުލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޙާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ރިޕޯރޓުން ހާމަވެއްޖެއެވެ.

"ގްލޯބަލް އެސެސްމަންޓް އޮފް ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސަރވިސަސް" ނުވަތަ ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާހައުލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޙާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ރިޕޯޓު ދައްކާގޮތުގައި ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅަ އެއްބައި މިހާރުވަނީ މަރުވެފައެވެ. އަދި ފަރުތައް މިނިސްބަތުން މަރުވާނަމަ ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ ފަރުތަކުގެ 90 އިންސައްތަ މަރުވާނެކަމަށް މިރިޕޯޓުން ދައްކައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން 200 އަށްވުރެ ގިނަ ސައިންޓިސްޓުން ގުޅިގެން ތައްޔާރުކޮށްފައިވާ މިރިޕޯޓުގައި 3000 އަށްވުރެ ގިނަ ދިރާސާވަނީ ބޭނުންކޮށްފައެވެ.

މި ރިޕޯޓުގައިވާގޮތުން މޫދުގެ މާހައުލަށާއި ކަނޑުގެ ދިރުންތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ތިމާވެއްޓަށާއި މުދުގެ ދިރުންތަކަށް ބަލާލުމެއްނެތި ކުރާ މަސްވެރިކަމުންނެވެ. އެގޮތުން މޫދުގެ މާޙައުލާއި ދިރޭތަކެތީގެ ނަސްލަށް ލިބޭ ގެއްލުމުގެ 29 އިންސައްތަ ޙިއްސާކުރަނީ މަސްވެރިކަމުންކަމަށް މިރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ފަހަގަކޮށްފައިވާގޮތުން މޫދުގެ ދިރުންތަކަށް ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކަނޑާއި މޫދުގެ ސަރަޙައްދު އެކިކަންކަމަށް ބޭނުންކުރާގޮތުންނެވެ. އަދި ތިންވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުންނެވެ. އަދި ދިރޭތަކެތީގެ އެކި ބާވަތްތަކުގެ ތެރެއިން 25 އިންސައްތަ ނެތިދިއުމުގެ ބިރު ހީވެފައިވާކަންވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ދިރޭތަކެތީގެ ނަސްލަށް ސީދާގޮތެއްގައި ގެއްލުންދޭ 5 ކަމެއްގެ މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އިންސާނުން މޫދާއި ބިން ބޭނުންކުރުމުގައި ދިރޭތަކެއްޗަށް ބަލައިލުމެއްނެތި އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ސީދާގޮތެއްގައި ދިރޭ ތަކެއްޗަށް ކުރާ އަސަރު ނުވަތަ ޑައިރެކްޓް އެކްސްޕްލޮއިޓޭޝަނާއި މޫސުމަށް އަންނަ ބަދަލުތަކާއި މާހައުލީ ތަޣައްޔަރުކަމުގެ އިތުރުން މާޙައުލަށް އަލަށް ތަޢާރަފް ކުރެވޭ ދިރޭތަކެތީގެ ނަސްލުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.

ދިރޭތަކެތީގެ ނަސްލަށް ދިމާވެފައިވާ ނުރައްކަލާއި ގުޅޭގޮތުން އެކުލަވާލާފައިވާ މިރިޕޯޓުގައި މިކަންކަމުން އަރައިގަތުމަށް މިހާރުން މިހާރަށް މިވަޞީލަތްތަކުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްވެސްވަނީ ގޮވާލާފައެވެ. އެގޮތުން މަސްވެރިކަން ކުރުމާއި މޫދާއި ކަނޑުގެ ސަރަޙައްދު ބޭނުންކުރުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލަން ޖެހޭކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އޭޕްރީލް މަހުގެ 29ހުން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ޕެރިހުގައި ބޭއްވި "އިންޓަރ ގަވަރންމަންޓަލް ސައިންސް-ޕޮލިސީ ޕްލެޓްފޯމް އޮން ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާރވިސަސް"ގައި ނެރުނު ރިޕޯޓުގެ ޚުލާސާ މިހާރު ޢާއްމުކޮށްފައިވާއިރު މިއީ ދިރޭތަކެތީގެ ނަސްލާއި، ޤުދުރަތީ މާޙައުލުތަކާއި އެއިން ލިބިދޭ ޚިދުމަތްތަކާއި ގުޅޭގޮތުން މިހާތަނަށް ދުނިޔޭގެ ފެންވަރުގައި ހެދުނު އެންމެ ފުރިހަމަ، އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ދިރާސާ ރިޕޯޓެވެ.