ޚަބަރު

ރަސްފަންނާ އިންވެގެން އޮންނަ ވެލިމަގު ދަތުރުފަރުތަށް ހުޅުވާލަނީ


މިރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސްޓް ޕާކް ސަރަހައްދުގައި ހުރި ގާޑިޔާތަށް ނަގައި ރަސްފަންނާއި އިންވެގެން އޮންނަ ވެލިމަގު ޢާންމު ދަތުރުފަތުރަށް ހުޅުވާލާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ، ރަމަޟާންމަހު މާލޭގެ ދަތުރު ފަތުރުކުރުމަށް އާންމުންނަށް ފަސޭހަކުރުމަށް ގިނަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި ދަތުރުކުރާ ގޮތް ބަދަލުކޮށް، މަގުގެ ޓްރެފިކް ކުޑަވާގޮތަށް ޕާކިން ޖާގަހަދާފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން، ޒަމީރު ވިދާޅުވީ މިރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސްޓް ޕާކް ސަރަހައްދުގައި ހުރި ގާޑިޔާތަށް ނަގައި ހުސްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތަށް ޢަމަލުކުރަން ނިންމީ މި ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކަކީ، އެފަރާތްތަކުގެ އެގްރިމެންޓާ ޚިލާފަށް ވިޔަފާރިކުރާ ބައެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން މިސަރަހައްދުގައިހުންނަ ގާޑިޔާތކުގައި ބިދޭސީން ބައިތިއްބައިގެން ވިޔަފާރިކުރާއިރު، އިމްޕޯޓް މުދާވެސް ވިއްކާކަން ޒަމީރު ފާހަގަކުރެއްވިއެވެ. ގާޑިޔާތަށް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި އެ ގާޑިޔާތަށް ނެގުމަށް ހަމަޖެހިފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ގާދިޔާތަށް ބެލެހެއްޓުމުގެ ބާރު ލިބުމުން އަޅުގަނޑުމެން ވަނީ މި ގާދިޔާތަކުގެ ހާލަތު ބަލާ ސަރވޭ ކޮށްފައި. މި ސަރވޭއިން އެންމެ ހައެއްކަ ގާދިޔާ އެގްރިމެންޓާއި އެއްގޮތަށް އަމަލުކުރަނީ. އަދި އެގްރިމެންޓްގެ މުއްދަތުވެސް ވަނީ ހަމަވެފައި. އަދި ހަމަ މިއާއިއެކު މި ސަރަހައްދުގައިހުންނަ ގާޑިޔާތކުގައި ބިދޭސީން ބައިތިއްބައިގެން ވިޔަފާރިކުރާއިރު، އިމްޕޯޓް މުދާވެސް ވިއްކާ. މިއީ އެގްރިމެންޓާއި ޚިލާފުކަންކަން." އަހުމަދު ޒަމީރު ވިދާޅުވިއެވެ.

ސިޓީ ޕާކް ސަރަހައްދުގައި ހިންގާ ގާޑިޔާތައް ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގައި ނެގުމަށްފަހު ރަސްފަންނު ކައިރީގައިވާ ވެލިމަގު ދަތުރުފަތުރަށް ހުޅުވާލާނެކަމަށް އަހުމަދު ޒަމީރު ވިދާޅުވިއެވެ. އެގޮތުން މިމަގުން ވެލި ނަގައި ބޮޑުތަކަރުފާނު މަގު، ޢާންމު ދަތުރުފަތުރަށް ހުޅުވާލާނެކަން މާލެ ސިޓީގެ ކައުންސިލަރ ފާހަގަކުރެއްވިއެވެ. މިއާއެކު މާލެ ވަށައި ބުރުޖެހުމުގެ މަގު ފަހިވެގެން ދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ގާޑިޔާތަށް ނެގުމަށްފަހު ރަސްފަންނުގެ ވެލިމަގުވެސް ނަގާ އަޅުގަނޑުމެން އެ ސަރަހައްދު ތަރުފަތުރަށް ހުޅުވާލާނަން. މިކަމުގެ ސަބަބުން މާލެ ވަށާ ބުރުޖަހާލުމާއި މާލޭ ޓްރެފިކްގެ މައްސަލައަށް ހައްލު ލިބިގެންދާނެ." ޒަމީރު ވިދާޅުވިއެވެ.

މާލެ ސިޓީކައުންސިލުން ވެސްޓް ޕާކް ސަރަހައްދުގައިވާ ގާޑިޔާތަށް ނަގައި އެސަރަހައްދު ދަތުރު ފަތުރަށް ހުޅުވާލާއިރު، ވެސްޓް ޕާކްގެ އެތެރޭގައިވާ ހުސްބިމުގައި ލޯކަލް މާރުކޭޓެއް ތަރައްޤީކުރުމަށްވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.