ރިޕޯޓް

މިއަހަރުގެ މަންތާ މޫސުން ފެށިއްޖެ!


ބ.އަތޮޅުގައި މަންތާ މޫސުން މިހާރު ވަނީ ފެށިފައެވެ. ބަޔޯސްފިއަރ ރިޒާވް އޮފީހުން ބުނާގޮތުގައި މިއަހަރުގެ އަމާޒަކީ 7000 ފަތުރުވެރިން ގެނައުމެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ.އަތޮޅުގައި ކަނޑައަޅާފައިވާ އެންމެ ޚާއްޞަ އެއް ތަނަކީ ހަނިފަރު ނުވަތަ ހަނިފަރު ބޭއެވެ. މިޞަރަޙައްދު ޚާއްޞަވެގެން ދަނީ ގިނަ ޢަދަދަކަށް، މަންތާ އާއި ފެހުރިހި އާލާވާ ތަނަކަށްވާތީއެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލު މަންޒިލެކެވެ

ހަނިފަރުބޭއަށް މަންތާ ނުވަތަ އެންމަޑި އަންނަނީ ކޮންމެ އަހަރެއްގެވެސް މޭމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މިއަހަރު މޭމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހަނިފަރުން މަންތާ ފެންނައިރު، މަންތާ ބަލާލުމަށްޓަކައި މިދިޔަ އަހަރު ވަނީ، 5000 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިގޮތުން މިއަހަރު 7000 ފަތުރުވެރިން އެތަނަށް ގެނައުމަށް ބަޔޯސްފިއަރ ރިޒާވް އޮފީހާއި ބ.އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ބަޔޯސްފިއަރ ރިސާވްގެ އައުޓްރީޗް އޮފިސަރ ޝާފީ އަލީ ވިދާޅުވީ، ހަނިފަރުބޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަމަށެވެ.

ބ.އަތޮޅުގައި މިހާރު 17 ރިސޯޓެއް ހިންގަމުންދާއިރު، މި ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން %80 ފަތުރުވެރިން މި ސަރަޙައްދައް ޒިޔާރަތް ކުރެއެވެ. ވަކިން ހާއްސަކޮށް ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ މުހިންމު އެއްމަންޒިލަކަށް ހަނިފަރުބޭ ވެގެންގޮސްފައިވާއިރު، މި ސަރަހައްދަކީ މިއަދު ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލްކަމެއް ލިބިފައިވާ ތަނެކެވެ.

ޝާފީ ވިދާޅުވީ މިއަހަރު ދިވެހިންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ހިންގުމަށް ރާވާފާއިވާކަމަށެވެ. އެގޮތުން ހަނިފަރުބޭއަށް ދިވެހިން ގެނެސް އެތަން ބޭނުންކުރުމުގައި ހެދިފައި ހުރި އުސޫލުތަކާއި ޤަވާއިދުތަށް ކިޔައިދީ މިކަންކަމަށް ދިވެހިން އަހުލުވެރި ކުރުވަން ރާވާފައިވާކަމަށް ޝާފީ ފާހަގަކުރެއްވިއެވެ. މިކަން ކުރިއަށްގެންދާނީ މިއަހަރު ބޭއްވުމަށް ރާވާފައިވާ މަންތާ ފެސްޓިވަލާއި ގުޅުވައިގެންކަމަށް ޝާފީ ވިދާޅުވިއެވެ.

އެންމަޑީގެ އިތުރުން ވޭލްޝާކް ނުވަތަ ފެހުރެހި ގިނަ އަދަދަކަށް ފެންނަ ހަނިފަރު ބޭއަކީ ބ.އަތޮޅަށް އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ އެއްތަނެވެ. އެ ސަރަހައްދަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 33 ޑޮލަރު، ފީއެއްގެ ގޮތުގައި ނަގަމުންދާއިރު، ދިވެއްސެއްނަމަ ބޮލަކަށް ނަގަނީ 33 ރުފިޔާއެވެ.

ހަނިފަރުބޭއަށް އެރެވޭނީ، އެތަނަށް އެރުމުގެ ހުއްދަ ދޫކޮށްފައި އޮންނަ ގައިޑަކާއި އެކުގައެވެ. ހަނިފަރުބޭ ބަލަހައްޓަމުން ދަނީ ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީހުންނެވެ.