ރިޕޯޓް

ރޯދައަށް ބޯ ދޮވެފިންތަ؟


ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުނެކޭ އެއްގޮތަށް ދިވެހިންނަކީވެސް ކޮންމެ އަހަރެއްގެ ރަމަޞާންމަހަށް ވަރަށްބޮޑަށް ތައްޔާރުވާ ބައެކެވެ. ރާއްޖޭގެ އެހި ހިސާބުތަކުގައި ރަމަޟާންމަހަށް ތައްޔާރުވުމަށް ކުރާ ކަންކަމާއި، އާދަކާދަތައް ތަފާތެވެ.

އުތުރުގެ އަތޮޅުތަކުގެ ތެރެއިން ހދ.އަތޮޅުގެ ރައްޔިތުން ރޯދަޔަށް ތައްޔާރުވަމުންދާ ގޮތަށް ބަލާލާއިރު އިހުޒަމާނާއަޅާ ކިޔާނަމަ މިޒަމާނުގައި މި އާދަތަކަށާއި ކަންކަމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ހދ.އަތޮޅުގެ ބައެއް އާދަތައް

އިހުޒަމާނުގައި ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން އެންމެފުރަތަމަ އޮންނަނީ ގޭގޭގެ އެތެރެއާއި ބަދިގެތެރެއާއި ގޭގެ ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމެވެ. ބަދިގެ ފޮޅައި ބަދިގޭގައި ގެންގުޅޭ ފިޔަން އުދުޅި، ދޭފަތް، ސައިކުރާފަދަ ހިފާ ގެންގުޅޭތަކެތި ދޮވެ ރީތިކުރެއެވެ. މީގެއިތުރުން ދުމަށީގައި ހުންނަ އޮޑިތަކާއި ދަނޑިތައްވެސް މޫދައްގެންގޮސް ދޮވެ ރީތިކުރެއެވެ. ނުވަތަ ދުމަށި މުޅިން އާކުރެއެވެ. އަދި ކައްކަން ބޭނުން ކުރާ އުނދުންތައް އަލުން ހަދައި މަށިލައި އޮމާންކޮށް ރީތިކުރެއެވެ.

މީގެއިތުރުން އިހުގައި ގޭގޭގެ އެނދު އަށިތަކުގެ މަޅުތަކާއި އެނދުގަ ދަމާފައި ހުންނަ މަދިރިގެތައްވެސް މޫދަށް ގެންގޮސް ދޮވެއެވެ. އަދި ސާންތި ތަކާއި ބާލީހާއި ކަންނެޔޮ އަވީލައި ގޭތެރެއަށް އާކަމާއި ހިތްގައިމުކަން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ގޯތިތެރެއަށް ދޮންވެލިލައި ހިތްގައިމުކުރެއެވެ.
ވަޅުދިޔަ ހިއްކައި ވަޅުވަޅުގެ ފެހިކަހައެވެ. އޭރުގެ ދިރިއުޅުމުގެ ޙާލަތާއި ކެރިފޯރުންތެރިކަން ހުރި ވަރަކުން ރަމަޟާންމަހުގެ ޝަރަފުގައި ހދ.އަތޮޅުގެ ރައްޔިތުން މިފަދަ އެތައް ކަމެއް ކުރެއެވެ.

ޒަމާން ބަދަލުވެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާއެކު މިކަންކަމަށް މިވަނީ ބައެއް ބަދަލުތަށް އައިސްފައެވެ. ޒަމާނީ ބަދިގެ ތަކާއެކު ބަދިގެތެރޭގެ ޑިޒައިނާއި ބޭނުންކުރާ ހިފާގެންގުޅޭ ސާމާނަށްވެސް މިވަނީ ބަދަލުތަށް އައިސްފައެވެ. މިއަތޮޅުގެ ގިނަ ގޭގޭގައި މިހާރު ބޭނުންކުރަނީ ގޭސް އުނދުނެވެ. ތެލިތައްޓާ އެހެނިހެން ސާމާނުމިވަނީ ބަދަލުވެފައެވެ. ގޭގޭގެ ޢިމާރާތާއި ފަރުނީޗަރާއި ހިފާ ގެންގުޅޭ ހުރިހާ ސަމާނެއްވެސް މިވަނީ ޒަމާނީވެފައެވެ.

އެހެންނަމަވެސް ރަމަޟާންމަހަށް ތައްޔާރުވުމަށް ކުރާ ކަންކަން އިހުޒަމާނެކޭ އެއްގޮތަށް އަދިވެސް ވަރަށްފޯރީގައި ކުރިއަށް ދެއެވެ. އިހުގައި ކުރާކަންކަމާއި މިހަރު ކުރާ ކަންކަން ތަފާތަސް މިކަމުގެ މުހިންމުކަމަށް ބަދަލެއް ނާދެއެވެ.

ރަމަޟާންމަހާ ދިމާކޮށް ރޯދަ ބާޒާރުތަކާއި ސޭލްތައް އިތުރުވެއެވެ. ބަދިގޭގައި ބޭނުން ކުރާ ހިފާގެންގުޅޭ ސާމާނާއި އެހެނިހެން ތަކެތި ގަނެ އާކުރެއެވެ. ބަދިގޭގެ ފާރުތަކުގެ ކުލަ ބަދަލުކޮށް އުނދުނާއި އެހެނިހެން ތަކެތި އާކުރުކަމީވެސް މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ އާދައެކެވެ. އަދި ގޭގޭގެ ސިޓިންރޫމް ތަކުގެސޯފާތަކާއި ޓީވީތައް އާކޮށް މުޅިން އާމާޙައުލަކަށް ގޭތެރެ ބަދަލުކުރެއެވެ.

މީގެ އިތުރުން ދެން ފާހަގަ ކޮއްލެވޭ އަނެއްކަމަކީ ކޭސް ކޭހުން ގޭގޭގައި ގުދަންކުރާ ކެއިންބުއިމުގެ ބާވަތްތަކެވެ. ބިސް، ފިޔާ، އަލުވީގެ އިތުރުން ފަނިގިރާނެ ތަފާތު ދަޅުދަޅުގެ ބާވަތްތަކާއި މިނޫންވެސް ކާމޭޒުމަތި މުއްސަނދިކުރުމަށް ބޭނުންވާނެ އެކި ބާވަތްތައް ދުރާލައި އެއްކޮށް ގަނެ ގުދަންކުރެއެވެ.

އިހުޒަމާނެކޭ އެއްފަދައިން މިހާރުވެސް މިއަތޮޅުގެ ގިނަ މީހުން ރޯދަޔަށް ހަވާދުހަނާކުރުމާއި ރިހާކުރު ތެލުލުންފަދަ ކަންކަންވެެސް ކުރެއެވެ. ރޯދަމަހާ ކުޑައީދު ދުވަހު ބޭނުން ކުރަން ހުންނާނެވަރަށް ހުނިދަވާ ހުނިހަވާދު ހަދާމީހުން މިހާރުވެސް މަދެއްނޫނެވެ. ކޮތަނބިރި ހަވާދާއި މިރުސް ހަވާދުފަދަ ހަވާދުގެ ބާވަތްތަކުން ކެއިންބުއިމަށް އިތުރު ދިރުމެއް ގެނުވައެވެ. ތެލުލި ރިހާކުރުރާއެކު މިހާރު ހާރުގެ ސުފުރާތަކުން ޖާގަހޯދާފަވާ ތެލުލިފަތްވެސް ރޯދަޔަށް ތައްޔާރުކޮށް އެއްކުރެއެވެ.

މީގެއިތުރުން ރަށުގެ މިސްކިއްތަށް ފޮޅައިސާފުކޮށް ،ބައެއް މިސްކިތްތަކުގެ ބޭރުގަވެސްމީހުންނަށް ނަމާދުކުރެވޭނެ ގޮތަށް ހިޔާކޮށް ހިޔަލުގައި ނަމާދުކުރަން ތިބެވޭނެ އިންތިޒާމް ހަމަޖައްސައެވެ.

ރޯދައަށް ބޯދޮވުން

ރޯދަޔަށް "ބޯދޮވުން" އަކީ ޒަމާނުއްސުރެ ހދ.އަތޮޅުގެ ރައްޔިތުން ރަމަޟާން މަހަށް ތައްޔާރުވުމުގެގޮތުން ކުރަމުންއަންނަ ސަޤާފީ ކަމެކެވެ. ބަދަލުތަކާއެކު ނަމަވެސް މިހާރުވެސް މިއަތޮޅުގެ މީހުން މިކަން ކުރަމުންދެއެވެ.

ރޯދަޔަށް ބޯދޮންނަށް ދިއުމަކީ ޝައުބާންމަހުގެ ފަހުދުވަހު އާޢިލާގެ އެންމެން އެއްވެސް އަވަށްޓެރިންނާއި ރައްޓެހިން ގްރޫޕް ހަދާފައި މޫދަށް ދިއުމެވެ. މިޙަރަކާތަށް މޫދަށްދާއިރު ކޮންމެސް ކާއެއްޗެއް ގެންދަންޖެހޭނެއެވެ. އިހުގެ މީހުން ގެންދަނީ ކަދުރާ ކާއްޓާއި ފެނުކެއްކި ބަނބުކޭލާއި ފަޅޯމަޖާ ފަދަ ތަކެއްޗެވެ.

މިޙަރަކާތުގައި މިހާރުވެސް އެތައްބަޔަކު ބައިވެރިވެއެވެ. އެހެންނަމަވެސް މިކަމަށް ތައްޔާރުކުރާ ކާބޯތަކެތި ތަފާތުވެފައި ގިނައެވެ. ޙަރަކާތް ފުޅާވެ މޫދަށް ދިއުމުން ޕިކްނިކް ނުވަތަ ދަތުރު ދިއުމަކަށް ވަނީ ބަދަލުވެފައެވެ. ކައިރި ހިސާބު ރަށްރަށަށާއި ފަޅުރަށްރަށަށްވެސް މިހާރު މީހުން ރޯދައަށް "ބޯދޮންނަން" ދެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެގޮތުން އިހު ޒަމާނުއްސުރެެ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރާ ކަންކަމުގެ ތެރެއިން ބަދަލުނުވާ ސަގާފަތްތަކާއި އާދަކާދަތައް އަދިވެސް އެބަހުއްޓެވެ. އާއިލީ ގުޅުމާއި ރަށުގެ އެއްބައިވަންތަކަން ނުވަތަ ފަރުދީ ގުޅުން އާލާވާ ކިތަންމެ ކަންކަމެއް މީގެތެރޭގައި ހިމެނެއެވެ.