ޚަބަރު

ޑިޒައިނަށް ބަދަލުގެނެސް "ހިޔާ" ފްލެޓްތައް މިއަހަރުގެ ފަހުކޮޅު ސަރުކާރާ ހަވާލު ކުރާނެ- ޗައިނާ އެމްބަސީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 7000 ހައުސިންގ ޔުނިޓަށް މި ސަރުކާރުން ގެންނަން ނިންމެވި ބަދަލުތަކާއެކު، އެ މަސައްކަތް ނިންމައި މި އަހަރު ނިމުމުގެ ކުރިން ސަރުކާރާއި ހަވާކުރާނެކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާއާއި ހިއްސާކުރައްވަމުން، ޗައިނާ އެމްބަސީގެ ފަސްޓް ސެކެޓްރީ ޝާޝާވީ ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިނޖިނިއަރިން ކޯޕަރޭޝަންއާއި ހަވާލުކޮށްގެން އިމާރާތްކުރާ 16 ޓަވަރުގެ ސްޓްރަކްޗަރގެ މަސައްކަތް އެއްކޮށް މިހާރު ނިންމާފައިވާކަމަށެވެ.

އެގޮތުން، 25 ފަންގިފިލާގެ މި އިމާރާތްތަކުގެ މަސައްކަތް މި ސަރުކާރުން ހުށަހެޅުއްވި އައު ޑިޒައިނާއި އެއްގޮތަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަމަށް ޝާޝާވީ ވިދާޅުވިއެވެ. ހިޔާ މަޝްރޫގެދަށުން ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދަނީ 1 ކޮޓަރިއާއި، 2 ކޮޓަރީގެ އެޕަރޓްމަންޓްތަކެކެވެ. ނަމަވެސް އެއީ އާއިލާއެއް ދިރިއުޅުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ތަންތަންކަމުން، މިހާތަނަށް ކޮޓަރިތައް ރާނައި ނިމިފައި ނުވާ ފްލެޓްތަކުގެ ޑިޒައިނަށް ބަދަލުގެނެސް ކޮޓަރިތަކުގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާތީ އެގޮތަށް މަސައްކަތް ކުރަމުންދާކަންވެސް ޝާޝާވީ ފާހަގަކުރެއްވިއެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހައުސިންގް ޔުނިޓްތަކަކީ، ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިނޖިނިއަރިން ކޯޕަރޭޝަންއާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް. އެގޮތުން މި ޕްރޮޖެކްޓްތަކުގެ ދަށުން ބިނާކުރާ 25 ފަންގިފިލާގެ 16 ޓަވަރުގެ މަސައްކަތް މިހާރުގެ ޑިޒައިންނާއި އެއްގޮތަށް މިއަހަރުގެ ފަހުކޮޅު ނިންމާލެވޭނެ. މިއާއިއެކު 7 ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ." ޝާޝާވީ ވިދާޅުވިއެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހައުސިންގް ޔުނިޓްތައް އެޅުމުގެ މަސައްކަތް 2017 ވަނަ އަހަރުގެ ތެރޭގައި ފަށާފައިވާއިރު، މި މަސައްކަތް ނިންމުމަށް އޭރު ކޮންޓްރެކްޓްކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ހައުސިންގް މިނިސްޓްރީއިން ވިދާޅުވީ، މި ހައުސިންގް ޔުނިޓްތަކަކީ އާންމުންނަށް ފަސޭހައިން ދިރިއުޅެވޭ ތަނަކަށް ހެދުމަށް މި އިމާރަތްތަކުގެ ޑިޒައިންތަކަށް ބަދަލުތަކެއް ގެނެސް އެޕާޓްތަކުގެ ކޮޓަރީގެ އަދަދު އިތުރުކޮށްފައިވާތީ، މި އައު ޑިޒައިންނާއި އެއްގޮތަށް ހައުސިންގް ޔުނިޓްތަށް ނިންމުމަށް މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދެއްވާފައިވާކަމަށެވެ.

ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމަމުންދާއިރު، އަންނަ އަހަރުގެ ތެރޭގައި މި ހައުސިންގް ޔުނިޓްތައް ހައްޤުވެރި ފަރާތްތަކާއި ހަވާލުކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ލިބޭ ފަރާތްތައް ކުރީގެ ސަރުކާރުން ކަނޑައެޅިނަމަވެސް އެކަމާ ގުޅޭ ގިނަ ޝަކުވާތަކެއް ހުރުމާއެކު، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބަލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވަނީ އެކަން ކުރިގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.