ޚަބަރު

އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކުރުމަށް މިދަނީ މަސައްކަތްކުރަމުން - ސީޕީ ހަމީދު


އަތޮޅުތަކުގައި ފުލުހުންގެ އެކި ޑިވިޜަންތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 86ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ގދ.ތިނަދޫގައި ބޭއްވި ޑިނަރ ނައިޓުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ޚިދުމަތަކީ ފުލުހުންގެ އިސް މެނޭޖްމަންޓުން ވަރަށް ބޮޑަށް ބަލައިގަނެ، އެޚިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށްޓަކައި މިހާރުވެސް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމެއްކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ފުލުހުންގެ ސްޓެރެޓެޖިކް ޕްލޭނުގައި، ކުރިއަށްއޮތް އަހަރުތަކުގައި ފުލުހުންގެ ޚިދުމަތްތައް އަތޮޅުތަކުގައި އިތުރަށް ހަރުދަނާކޮށް، ތަރައްގީ ކުރުމަށް ހިމަނާފައިވާ ކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.

"ޕޮލިސް ސަރވިސްގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގައި ޚާއްސަ އިސްކަމެއް ދޭނެ ޚާއްސަ 8 ދާއިރާއެއް ކަނޑައެޅިފައިވާއިރު، ލޯކަލް ޕޮލިސިން ޚާއްސަ ކުރެވިފަ ވަނީ ޑިވިޜަނަލް ޕޮލިސް ނުވަތަ އަތޮޅުތަކުގައި ދެވޭ ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރުމަށްޓަކައި. އެގޮތުން ކުރިއަށް އޮތް މަސްތަކުގައި އަދި އަހަރުތަކުގެ ތެރޭގަ ވަރަށް ބޮޑުތަނުން ޑިވިޜަނަލް ޕޮލިސިން ކޮމާންޑުގެ ހިމެނޭ ޑިވިޝަންތަކާއި ޕޮލިސް ސްޓޭޝަންތައް ބައްޓަން ކުރުމަށް ބިނާ ކުރުން އަދި ތަރައްގީ ކުރުން ވަރަށް ބޮޑުތަނުން ފުޅާ ކުރެވިގެންދާނެ ވާހަކަ ދަންނަވަން،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ތިނަދޫގައި ރޭބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރުގެ އިތުރުން ހޯމް މިނިސްޓަރާއި، ފުލުހުންގެ އިދާރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.