ސިނަމާލެ ބްރިޖްގެ އެއަރޕޯޓާ ވީކޮޅުގައި ތަރައްޤީކުރާ ބްރޭކް ވޯޓަރ ސިސްޓަމް ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައި ތަރައްޤީކޮށް ނިމޭނެކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވިދާޅުވެއްޖެއެވެ.
ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތު މީޑިއާއާ ޙިއްސާކުރައްވަމުން، ޗައިނާ އެމްބަސީގެ ފަސްޓް ސެކެރެޓަރީ ޝާޝާވީ ވިދާޅުވީ، ޗައިނާއިން ރާއްޖޭގައި މިހާރު 3 ޕްރޮޖެކްޓެއް ހިންގާއިރު، ޗައިނާ ސަރުކާރުގެ އެހީއާއިއެކު އިތުރު 4 މަޝްރޫޢެއް ހިންގަމުންދާކަމަށެވެ.
ރާއްޖޭގައި ކުރިއަށްގެންދިޔަ އެންމެބިޔަ އެއް މަޝްރޫޢުކަމަށްވާ، ސިނަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބްރިޖް ޢާންމުންނަށް ހުޅުވާފައިވެއެވެ. ބްރިޖްގެ މެއިންޓަނަސް މަސައްކަތްތަކެއް މިހާރުވެސް ޗައިނާގެ ކުންފުންޏަކުން ކުރަމުން އަންނައިރު، ބްރިޖްގެ އެއަރޕޯޓާއި ވީކޮޅުން ދިޔަވަރު ބޮޑުވާ ވަގުތު ރާޅުއަރާ މައްސަލަ ހައްލުކުރުމަށް ހަރުދަނާ ބްރޭކް ވޯޓަރ ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަން ޝާޝާވީ ފާހަގަކުރެއްވިއެވެ. މި ބްރޭކްވޯޓަރ ސިސްޓަމް މިއަންނަ މެއި މަހުގެ ތެރޭގައި ތަރައްޤީކޮށް ނިމޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫޢުއަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢު. މި ބްރިޖްގެ މަސައްކަތް މިދިޔަ އަހަރު ނިންމާލާފައިވާއިރު، މިހާރު ޗައިނާގެ ކުންފުނިންކުރަނީ މެއިންޓެނެންސް މަސައްކަތް. އެގޮތުން ބްރޭކް ވޯޓަރ ސިސްޓަމެއް އެޅުމަށް ހުޅުމާލޭގައި ޓީމެއް އެބަތިބި. މި މަސައްކަތް އަންނަ މޭ މަހު ނިމޭނެ." ޝާޝާވީ ވިދާޅުވިއެވެ.
ބްރިޖްގެ މެއިންޓަނެންސް މަސައްކަތް ކުރާއިރު ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ، ބްރިޖްގެ ދަނގަޑުގައި ދަބަރު ޖަހާލެއް އަވަސްވުންކަން ފާހަގަކުރައްވައި ޝާޝާވީ ވިދާޅުވީ، އަލަށް ތަރައްޤީކުރާ ބްރޭކް ވޯޓަރ ސިސްޓަމާއިއެކު މި މައްސަލައަށް ބޮޑު ހައްލެއް ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ. މީގެއިތުރުން މިމައްސަލަ ހައްލުކުރުމަށް ޗައިނާގެ ރީސަރޗް އިންސްޓިޓިއުޓްތަކުގެ ތަހުލީލުތަކުގެ އަލީގައި އައު "އެންޓި ކޮރޯޝަން ކޯޓިން"އެއް ތަޙުލީލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ޝާޝާވީ ވިދާޅުވިއެވެ.
"ބްރިޖަށް ލޮނު ވިއްސުމުގެ ސަބަބުން ދަނގަޑުތަކުގައި ޖަހާ ދަބަރު ފިލުވުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އެބަދޭ. އަދި މީގެ އިތުރުން މި މައްސަލަ ހައްލުކުރުމަށް ޗައިނާގެ ރީސަރޗް އިންސްޓިޓިއުޓްތަކުގެ ތަހުލީލުތަކުގެ އަލީގައި އައު އެންޓި ކޮރޯޝަން ކޯޓޓިންއެއް ތަޙުލީލުކުރުމުގެ މަސައްކަތް އެބަކުރޭ. މި ކޯޓިން ތައްޔާރުކޮށް 2 މަސްތެރޭ މިމަސައްކަތްވެސް ނިންމާލެވޭނެ ކަމަށް ބެލެވެނީ." ޝާޝާވީ ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާ ސަރުކާރުން ޚަރަދުކޮށްގެން ތަރައްޤީކުރި ސިނަމާލެ ބްރިޖްއަކީ 100 އަހަރުވަންދެން ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ބްރިޖެކެވެ. ބްރިޖް އެޅުމަށްފަހު 2 އަހަރުދުވަސްވަންދެއް ބްރިޖްގެ މެއިންޓެނެންސް މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ބްރިޖް ތަރައްޤީކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހަރބަރ އިންޖިނިއަރިންގ ކުންފުނިންނެވެ.