ކުޅިވަރު

ހޯރަފުށީގައި އަލަށްހެދި ޓަރފް ދަނޑު އަދި ޒުވާނުންގެ މަރުކަޒު މިނިސްޓަރ މަހުލޫފް ހުޅުވައި ދެއްވައިފި


ހޯރަފުށީގައި އަލަށްހެދި ޓަރފް ދަނޑާއި ޒުވާނުންގެ މަރުކަޒު މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް ހުޅުވައިދެއްވައިފިއެވެ.
ދަނޑު ހުޅުވުމަށްޓަކައި ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ މަހުލޫފް ވިދާޅުވީ، ސަކަރާތަކަށް ނުވަތަ މަޖަލަކަށް ކުޅިވަރު ވަސީލަތްތައް ބޭނުން ކުރުމުގެ ބަދަލުގައި ކުޅިވަރުގައި ކުރިޔަށް ދިއުމުގެ މަގުސަދުގައި އެ ވަސީލަތްތަކުގެ ބޭނުން ކުރުން މުހިންމު ކަމަށާއި، އެފަދަ ވަސީލަތްތައް ޤާއިމް ކުރުމުގެ މަގުސަދަކީ ރާއްޖޭގެ އެކި ރައްރަށުގައި ތިބި ހުނަރުވެރި ކުދިން އިތުރަށް ތަމްރީނުވެ، ރަން ވަނަތަކެއް ހޯދުން ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މޮޅު ކުޅުންތެރިން ތަކެއް އުފައްދައި، ރާއްޖެއަށް ރަން ވަނަތަކެއް ހޯދުމުގައި އެންމެންގެ ބައިވެރިވުން މުހިންމު ކަމަށާއި، ކުޅިވަރުގައި ކުރިޔަށް ދިއުމަށް ގަދައަޅައި މަސައްކަތް ކުރަން ވާނެ ކަމަށެވެ.
ހޯރަފުށީގައި ޓަރފް ދަނޑެއް އަޅައި އެ ދަނޑު ހުޅުވިއިރު، ޗައިނާ ސަރުކާރުގެ އެހީއާއެކު ކުދި އަދި ބޮޑެތި ރަށްރަށުގެ ފަރަގު ނައްތާލައި 21 ރަށެއްގައި ފުޓްސަލް ދަނޑު އަޅަން ނިންމައި އެ ރަށްރަށުގައި ދަނޑުތައް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މިނިސްޓަރ މަހުލޫފް ހޯރަފުށީ ދާއިރާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާއަށް އަލަށް އިންތިޙާބުވެ ވަޑައިގަތް އަހުމަދު ސަލީމްވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މިނިސްޓަރުގެ ދަތުރުފުޅުގައި ހޯރަފުށީ ދާއިރާގެ އުލިގަން އަދި ތުރާކުނަށް ވަޑައިގަތް އެ ރަށްރަށުގައި ގާއިމްކޮށްފައިވަ ކުޅިވަރު ވަސީލަތްތަކުގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ.