ތަރައްްޤީ

އެޗްޑީސީން ރޯދަ މަހާއި ދިމާކޮށް މުޅި ހުޅުމާލެ ސާފުކުރަނީ


ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މިއަހަރުގެ ރޯދަމަހާއި ދިމާކޮށް މުޅި ހުޅުމާޅެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

"ރޯދަ ސާފު" މިނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ހުޅުމާލޭގެ 85 އިންސައްތަ ސާފުކުރުމުގެ އަމާޒުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ފުލުހުންނާއި އެމްއެންޑީއެފް އަދި ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. މިއާއެކު އެންޖީއޯތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން ސަރުކާރުގެ އެހެނިހެން ކުންފުނިތަކަށްވެސް ދައުވަތު އެރުވިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ރޯދަ މަހާއި ދިމާކޮށް ކުރިއަށްގެންދަން ނިންމާފައިވާ ސާފުކުރުމުގެ ޕްރޮގްރާމުގައި މީހުން އުޅޭ ސަރަހައްދުގެ އިތުރުން ގޮނޑުދޮށާއި ފަޅުތެރެ ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ވިދާޅުވީ އަމާޒަކީ 600 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން މި ބުރުގައި ހުޅުމާލޭގެ 85 އިންސައްތަ ސާފުކުރުން ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު އަށްގަޑި ސުންމިނެޓުގައި ހުޅުމާލެ ރުއްގަނޑު ސަރަހައްދުން ފަށާ މި ހަރަކާތުގެ ބައިވެރިންނަށް ސާފުކުރަންބޭނުންވާ ސާމާނާއިއެކު ތަފާތު ޒޯން ތަކަށް ބަހާލެވިގެން ދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި ފާހަގަ ކުރެވިފައިވާ "ކަލެކްޝަން ޕޮއިންޓް" ތަކަށް ކުނި އެއްކުރެވޭނެ ކަމަށާއި އެއްކުރެވޭ ކުނި އުކާލުމުގެ އިންތިޒާމު އެޗްޑީސީއާއި ވެމްކޯ ގުޅިގެން އެދުވަހުގެ ތިނެއް ޖެހުމާއި ހަމައަށް ކުރިއަށްދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއްވައެވެ.

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގޭ މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަކީ ކޮންމެ އަހަރަކުވެސް ކުރަމުން އަންނަކަމެކެވެ.