ރިޕޯޓް

އައު ލީޑަރޝިޕާއެކު ޕީޕީއެމްއަށް، ސަރުކާރު ޖަވާބުދާރީކުރުވިދާނެތަ؟


ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓިއެއް އޮތުމަކީ މުހިންމުކަމެކެވެ. ސަރުކާރުން ކުރާ ކަންކަމަށް ފަރާވެރިވާނެ ފަރާތެއް އޮންނަންޖެހެއެވެ. އެއީ ޑިމޮކްރަސީ އެންމެ ފުރިހަމައަށް ހިނގާނީވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮވެގެންކަމަށްވާތީއެވެ.

2008 ވަނ އަހަރު އެކުލަވާލި މަލްޑިޕާޓީ ޑިމޮކްރަސީއާއެކު ރާއްޖޭގައި އަބަދުވެސް އިދިކޮޅު ޕާޓީއެއް އޮވެއެވެ. 2008ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި އިދިކޮޅު މައި ޕާޓިއަކީ ޑީއާރުޕީއެވެ. އަދި އޭގެ ފަހުން ޑީއާރުޕީގެ ތެރެއިން ރައީސް މައުމޫނާއެކު އުފެދިގެން އައި ޕީޕީއެމްވެސް އިދިކޮޅު ޕާޓިގެ ދައުރު އަދާކުރިއެވެ.

ޕީޕީއެމްގެ ޅަފަތުގައި ކާމިޔާބު ޕާޓިއެއްކަމަށް އެޕާޓިގެ ލީޑާޝިޕުން ބުނަމުން އަންނަނިކޮށް ރާއްޖޭގައި އެންމެ ފަހުން ބޭއްވި ތިން އިންތިޚާބުވެސް ޕީޕީއެމަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހި ލަދުވެތިގޮތަކަށް ވަނީ ބަލިވެފައެވެ. ޚާއްޞަކޮށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި އެޕާޓީއާއި ގުޅިފައިވާ ޕާޓީތަކުން އިންތިޚާބު ކާމިޔާބުކުރުމުން އިދިކޮޅު ޕާޓީއެއްގެގޮތުގައި ސަރުކާރު ޖަވާބު ދާރީކުރުވުމަށް މަސައްކަތްކުރާނެކަމަށް ބުނި ޕީޕީއެމްވެސް އެއިންތިޚާބުން ބަލިވުމާއެކު ވަނީ ވަޅުޖަހާފައެވެ.

އޭގެ ފަސް މަސްފަހުން ބޭއްވި މަޖިލިސް އިންތިޚާބާއި ހަމައަށްވެސް އެޕާޓީގެ އެއްވެސް ހަރަކާތެއް ނުފެނެއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ސައިޒު ދައްކާލާނެކަމަށް ބުނެ ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ގެނެސް ބޮޑެތި ޖަލްސާތައް ބާއްވައިގެން ދައްކާލި ސައިޒްގެ ކުޑަމިންވަރެއްވެސް ނުފެނެއެވެ. މިހާރު އުފެދޭ ސުވާލަކީ އޭރު ދެއްކި ސައިޒު މިހާރު ކޮބައިބާއެވެ؟

ޕީޕީއެމްގެ ނާކާމިޔާބީއާއި ޔާމީން ހައްޔަރުކުރުން

މަޖިލިސް އިންތިޚާބު ނާކާމިޔާބުވެ އިދިކޮޅު ސިޔާސީ ހަރަކާތް ހުއްޓިފައިއޮތީ އެޕާޓިގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޯޓް ޢަމުރެއްގެ ދަށުން ބަންދުގައި ބެހެއްޓުމުންކަމަށް ޕީޕީއެމްގެ ލީޑަރޝިޕުން އައީ ބުނަމުންނެވެ. ޔާމީންގެ އެކައުންޓްގައި ހުރި ކެމްޕެއިން ފައިސާ ހިފަހައްޓާ ފްރީޒްކޮށްފައިވާކަމަށް އައީ ހަރުއަޑުން ބުނަމުންނެވެ.

ތަންކޮޅެއް ކުރިއަށް ޖެހިލަމާހިންގަވާށެވެ. ޕީޕީއެމްގެ އާރާއި ބާރު އޮވެ ހުރިހާ މުއައްސަސާތަކަށާއި އިދާރަތަކަށް ފުރިހަމަ ނުފޫޒު އޮތްއިރު އިދިކޮޅު އެމްޑީޕީގެ ލީޑަރު ރައީސް ނަޝީދު ހުންނެވީ 13އަހަރުގެ ޖަލު ހުކުމެއްގައެވެ. އޭގެ ފަހުން އިނގިރޭސި ވިލާތަށާއި ސްރީލަންކާއަށް އަރުވާލެވިގެންނެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ހުންވެވީ 10އަހަރު ދުވަހުގެ ޖަލު ޙުކުމެއްގައި ބަންދުގައެވެ. ރައީސް މައުމޫން ޕީޕީއެމުން "ބޭރުކޮށްލައި" އެމަނިކުފާނުގެ ތާޢީދާއެކުއައި ވެރިކަމުގައިވެސް ހުންނަވަން ޖެހިވަޑައިގަތީ ޖަލުގައެވެ. ޖުމްހޫރީޕާޓީގެ ލީޑަރުވެސް 12އަހަރުގެ ޖަލު ޙުކުމެއް އިއްވުމާއެކު ހުންނެވީ ޖަރުމަނު ވިލާތަށް ބޭސްފަރުވާއަށް ވަޑައިގެން ހިމާޔަތް ހޯއްދަވާގެންނެވެ. ދެންވެސް ހުރިނަމަ ހުރި ލީޑަރަކު ހުންނެވީ ރާއްޖެއިން ބޭރަށް އަރުވާލެވިގެންނެވެ.

އެއިރު ލީޑްކުރާނެ ސިޔާސީ ބޮޑު މީހަކު ނެތްނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިކުމަތުޢަމަލީގެ ދަށުން އެމްޑީޕީއައީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްކަން ސާބިތުކޮށްދީ އެތެރެއިންނާއި ބޭރުންވެސް ޔާމީންގެ ސަރުކާރަށް ފިއްތުއްތައް ކުރިމަތިކުރުވިއެވެ. އެހާލުގައި އޮވެމެ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް ފުރިހަމަ އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެއްވިއެވެ.

ލީޑުކުރަން ހަމަ އެއްބައެއް

ޕީޕީއެމާ ގުޅިފައިވާ ޕީއެންސީއަށް އެއްބަޔަކު ގުޅިފައިވީނަމަވެސް އެޕާޓިގެ ލީޑާޝިޕްގެ ނުފޫޒް ޕީޕީއެމަށް އޮތްކަމަށްވެސް ތުހުމަތުކުރެވެ. ސަބަބުތަކެއް އެބަހުއްޓެވެ. ރައީސް މައުމޫން ޕީޕީއެމުން ބޭރުކޮށްލުމުގައި އެންމެ އިސްކޮށް ހުންނެވިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ އެޕާޓިގެ ނާއިބު ރައީސްއަކަށް ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ޕީއެންސީގެ ލީޑަރަކަށް ވަޑައިގަތްކަމަކު އަދިވެސް ޕީޕީއެމަށް ނުފޫޒް ފޯރުވާކަމުގެ ހެތްކެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ ދާދި ފަހުން ޕީޕީއެމްގެ ނާއިބު ރައީސުންނަށް ތިންބޭފުޅަކު ޢައްޔަންކުރެއްވިކަން އެންމެ ފުރަތަމަ އިޢުލާންކުރެއްވީވެސް ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ކަމަށްވާތީއެވެ.

ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާއަށް ގޮވާލެއްވުމަށްފަހު ޕިޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަމުން އިސްތިއުފާދެއްވައި އަޙްމަދު ނިހާން ޙުސައިން މަނިކުވެސް ވަޑައިގަތީ ޕީއެންސީއަށެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނިހާން ޕީއެންސީއަށް ވަޑައިގަތީ މިއަދު ބާއްވާ އެޕާޓީގެ ކޮންގްރެސްގެ ތެރެއިން ނާއިބު ރައީސްގެ މަޤާމަކަށް އިންތިޚާބުވުމަށެވެ.

އެހެންކަމުން ދެންވެސް ނިހާނުގެ ނުފޫޒް ޕީޕީއެމަށް ނުފޯރާނެއެކޭ ނުދެންނެވޭނެކަމަށް ބައެއް ފަރަތްތަކުން ތުހުމަތުކުރެއެވެ. އެންމެ ފަހުން ދެޕާޓިގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް ޢަބްދުއްރަޙިމް ވިދާޅުވީ، ޕީޕީއެމައި ޕީއެންސީއަކީ އެއްފިކުރެއްގެ ދެޕާޓީކަމަށެވެ. އެހެންކަމަށްވާނަމަ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން އިސްތިއުފާދެއްވުމަށްފަހު ޕީއެންސީއަށް ވަޑައިގަތަސް ލީޑުކުރައްވަން ތިއްބަވާނީ ހަމަ އެއްބައެއްކަމުގައި ދަންނަވަންޖެހެއެވެ.

އައު ލީޑަރުންނަށް ޕީޕީއެމް ލީޑުކުރެވިތާނެތަ؟

ޕީޕީއެމްގެ ނާއިބު ރައީސުންނަށް އަލަށް ޢައްޔަނުކުރެއްވީ ގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫނާއި، ޔާމީން ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒާއި ނައިފަރު ދާއިރާގެ ގޮނޑި ދެވަނަ ދައުރަކަށް ދިފާއު ކުރެއްވި އަޙްމަދު ޝިޔާމެވެ.

މިތިން ބޭފުޅުންނަށް ބަލާއިރު ޣައްސާނާއި ޝިޔާމަކީ މީގެ ކުރިން ލީޑަރޝިޕްގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުންނެއް ނޫނެވެ. ބައްޕާފުޅާއި ބޭބޭފުޅުގެ ލީޑާޝިޕްގެ އެއްވެސް މިންވަރެއް ޣައްސާންގެ ކިބައިގައި ހުރިތަން މިހާތަނަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ޕީޕީއެމާ އިދިކޮޅު ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ބައްޕާފުޅު ޕީޕީއެމުން ދުރުކުރެއްވުމުންވެސް ބޭބޭފުޅުގެ ފަހަތްޕުޅުގައި ސްޓޭޓް މިނިސްޓަރަކަށް ހުނެނެވިނަމަވެސް އެއްވެސް ކަމެއް ލީޑްކުރައްވަނިކޮށް ފެނިފައި ނުވެއެވެ.

ޝިޔާމުވެސް މީގެ ކުރިން ފެނިވަޑައިގަތީ ރައީސް ޔާމީނާއި ޔާމީންގެ އަނބިކަނބަލުންގެ ވަރަށް އަރިސް މެންބަރެއްގެ ގޮތުގައެވެ. މެޑަމްގެ ލީޑުކުރައްވައިގެން ހިންގެވި ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންނެވި މެންބަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެއްވެސް ޙަރަކާތެއް ލީޑުކުރައްވަނިކޮށް ފެނިފައެއްނުވެއެވެ.

ދެން ހުންނެވީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒެވެ. މުއިއްޒު ކުރިން ހުންނެވީ ޕީޕީއެމްގެ ކުރީގެ ކޯލިޝަން ޕާޓީ އެމްޑީއޭގައެވެ. ނަމަވެސް އެމްޑީއޭގެ ލީޑާޝިޕުން އެމަނިކިފާނު ފެނިގެން ގޮސްފައެއްނުވެއެވެ. ވެރިކަން ބަދަލުވުމާއެކު ވަނީ އެމްޑީއޭ ދޫކުރައްވާ ޕީޕީއެމާއި ގުޅިވަޑައިގަނެފައެވެ. އެހެންނަމަވެސް މިނިސްޓަރަކަށް ހުންނެވިއިރު ލައްކަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވަޒީރެކެވެ.

އެމަނިކުފާނުގެ ވަޒީރުކަމުގައި މާލޭގައާއި އަތޮޅުތަކުގައި ތަރައްޤީގެ ގިނަމަޝްރޫޢުތައް ހިންގެވުމުގައި އިސްކޮށް ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް އެތައް ބައެއްގެ ފާޑުކިއުން އަމަޒުވެވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކުފާނު އިސްވެ ހުންނަވައިގެން ހިންގެވި ގިނަ މަޝްރޫޢުތަކުގެ މަސައްކަތް "ދެވަނަފަހަރަށް" އަލުން ކުރަންޖެހުމަކީ ގިނަބަޔަކު ފާޑުކިޔަމުންދިޔަ ކަމެކެވެ. އެތައް ފައިސާއެއް ޚަރަދުކޮށް ހިންގި މަޝްރޫޢުތައް އަލުން ބަލުން ފަށަންޖެހިފައިވެސް އެބަހުއްޓެވެ.

މިތިން ނާއިބު ލީޑަރުންނަކީވެސް އެހައި "އެކްޓިވް"ކޮށް މީގެ ކުރިންފެނުނު ބޭފުޅުންނަށް ނުވާއިރު ދެން އެބޭފުޅުން މިޕާޓީ ލީޑުކުރައްވާގޮތް ފެންނާނީ ކުރިއަށް އޮތް ދުވަސްތަކުގައެވެ.

ޑރ.ޖަމީލާއި ޢުމަރު ނަޞީރު

ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަމަ ނާއިބު ރައީސްއަކީ ޑރ.މުޙައްމަދު ޖަމީލް އަޙްމަދެވެ. 2013ވަނަ އަހަރު ރައީސް މައުމޫނު ފަހަތްޕުޅުގައި ހުންނަވައިގެން ބޭއްވި އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބަށްފަހު މިހާތަނަށް މާކަބޮޑު އެހެން ކާމިޔާބީތަކެއް ސިޔާސީގޮތުން ލިބިވަޑައެއްނުގަންނަވައެވެ. ނާއިބު ރައީސްކަމުގައި ހުންނަވަނިކޮށް ކުރިމަތިވެވަޑައިގެންނެވި "ހިތި" ތަޖުރިބާއަށްފަހު އަމިއްލަފުޅަށް އަރުވާލެވިގެން އެވެރިކަން ބަދަލުވުމާހަމައަށް ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އެއަށްފަހު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން އެޕާޓިގެ ލީޑަރުގެ ޚާއްޞަ މަންދޫބަކަށް ހުންނެވި ނަމަވެސް އެޕާޓީ ލީޑުކުރެއްވުމުގެ އެއްވެސް ކަމަކުން ނުފެނެއެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލެއްވިނަމަވެސް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެވަޑައިގަތެވެ. ޑރ.ޖަމީލަށް ޕީޕީއެމް ނަގައި ކޮޅަށްޖެހުމުގައި ލީޑުރޯލެއް އަދާކުރެވިދާނެތޯ މިއީ ސުވާލެކެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަކީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަދަކުރައްވައިގެން މަދު ވޯޓްކޮޅަކާއެކު އެއިންތިޚާބުވެސް ފެއިލްވެވަޑައިގެން ހުނެންވި ބޭފުޅެކެވެ. ޢުމަރު ވަނީ 2013ވަނަ އަހަރު ޕީޕީއެމްގެ ޕްރައިމަރީގައި ޔާމީނާއި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

ޔާމީންގެ ސަރުކާރުގައި ހޯމްމިނިސްޓަރުކަން ކުރެއްވިއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ޢިއުލާންކުރެއްވުމަށްފަހު އެޚިޔާލު ދޫކޮށްލެއްވިއެވެ. ޢުމަރުގެ ސިޔާސަތުތަކަކީ ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންގެ ސިޔާސަތުތަކަށްވުރެ ހަރުކަށި އުސޫލުތަކެއްކަމަށް ބައެއްމީހުން ބުނެއެވެ. އެހެންކަމުން މާގިނަބައެއްގެ ތަރުޙީބު ޢުމަރަށް ލިބޭތަނެއް އެއްވެސް ދުވަސްވަރެއްގައި ފިނިފައެއްނުވެއެވެ.

އެހެންކަމުން ޑރ.ޖަމީލާއި ޢުމަރު ޕީޕީއެމް "ރީބްރޭންޑް" ކޮށްގެ ކުރައްވާނީ ކޮންކަމެއްބާއެވެ؟

އިދިކޮޅު ކޯލިޝަނެއް އުފެއްދުމުގެ ވާހަކަ

ޕީޕީއެމް ޕީއެންސީގެ އަޒުމެއް އެބައޮތްކަމަށް އެދެޕާޓީން ބުނެއެވެ. އެއީ 19ވަނަ މަޖިލީހުގެ ދައުރު ފެށުމުން ސިޔާސީ މައިދާނުގައި އެދެޕާޓިގެ ސަފުތައް ރުކުރުވާލުމަށް ކުރާނެ މަސައްކަތްތައްކަމަށް ދެޕާޓީން ބުނެއެވެ.

ޕީޕީއެމްގެ އެންމެ ބޮޑު ފެއިލަރ އަކީ އެޕާޓިގެ ސަޕޯޓަރުންނާއޮތް ގުޅުން ކުޑަވުންކަމަށް ޕާޓީގެ ބައެއް އިސްބޭފުޅުން ވިދާޅުވެއެވެ. އައު ނާއިބު ރައީސް ޝިޔާމް ވިދާޅުވީ، އެންމެ ފުރަތަމަ ކަމަކަށް ކުރައްވަނެކަމަކީ އަތޮޅުތަކުގެ ގޮފިތަކަށް ބޭފުޅުން ޢައްޔަނުކޮށް ޕާޓީއަށް މެންބަރުން އިތުރުކުރުންކަމަށެވެ.

އަދި ސަރުކާރުގެ ހަޤީޤީ މަސައްކަތްތައް ފެށޭނީ 19ވަނަ މަޖިލިސް ފެށުމުންކަމަށް ޝިޔާމު ޤަބޫލުފުޅު ކުރައްވާއިރު، އައުމަޖިލިސް ހިނގައިގަތުމުން އިދިކޮޅު ސިޔާސީ ޙަރަކާތްތައް ޒިންމާދާރުކަމާއެކު ފަށްޓަވާނެކަމަށް އޭނާވިދާޅުވި. ޕީޕީއެމާއި ޕީއެންސީގެ ފިކުރު އެއްގޮތްކަމަށާ ސަރުކާރު ޒިންމާދާރުކުރުވާނެކަމަށް ޕީޕީއެމްގެ އައު ލިޑާޝިޕުން ވަނީ ބުނެފައެވެ. އެހެންކަމުން ދެން އޮތީ ސަރުކާރުހިންގާ މައިޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމުން ޒިއްމާދާރު އިދިކޮޅު ސިޔާސީ ޙަރަކާތުގެ ދުވެއްޔާއި މިސްރާބު ހުރީ ކިހިނެތްތޯ ބަލާލުމެވެ.