ބްލޫ ސިނަޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން، "ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
175 މިލިޔަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓެއް ކޮށްގެން ތ. އަތޮޅުގައި ތަރައްޤީކުރާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ ދެމެދުގައި ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރާ ޓައުންޝިޕް މަޝްރޫއެކެވެ.
ތ. އަތޮޅުގައި ތަރައްގީކުރާ މި މަޝްރޫއަކީ، ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވޭނެ މަޝްރޫއެކެވެ. އަދި މަލްޓި - އައިލެންޑް ކޮންސެޕްޓަށް ތަރައްޤީކުރާ މި ޓައުންޝިޕުގައި ދިރިއުޅުމަށް ބޭނުންވާ އެކި ފެންވަރުގެ ވަސީލަތްތަކާއި، ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހިމެނޭނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މި މަޝްރޫއުގައި ޚާއްސަ އިސްކަމެއްދިނުމަށް ވަނީ ނިންމާފައެވެ.
މިއީ، ރާއްޖޭގެ އަތޮޅެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް ވެގެންދާނެއެވެ. ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެއެވެ.
މި ބިޔަ މަޝްރޫއު އަމަލީގޮތުން ހިންގައި ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ، ބްލޫ ސިނަޖީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޔާޒެވެ. މި މަޝްރޫއުގެ ހުރިހާ އޮޕަރޭޝަނަލް ކަންކަމެއް ރަސްމީކޮށް ހިންގާނީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޖުތިމާއީ ތަރައްޤީއަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ތ. އަތޮޅުގައި ޓައުންޝިޕް މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ނ. އަތޮޅުގައި ތަރައްޤީކުރާ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް'ގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ވަނީ ވިދާޅުފައެވެ. އެގޮތުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނ. އަތޮޅު މަޝްރޫޢަކީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ އިންވެސްޓްމެންޓެކެވެ.