ސްޕޭނާއި އާޖެންޓީނާގެ ކުޅުންތެރިން އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ އެދެމުން އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމަށް ނުކުންނައިރު މިރޭގެ ފައިނަލް މެޗަކީ އެތައް ގޮތަކުން ހާއްސަ މެޗެކެވެ. ފައިނަލަށް ދެ ގައުމު ވެސް ދަތުރު ކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ވޯލްޑް ކަޕުގެ ދެ ވަނަ ތައްޓަށް ސްޕޭން އުއްމީދު ކުރާއިރު އާޖެންޓީނާގެ އަމާޒަކީ މީގެ ހަތަރު އަހަރު ކުރިން އެ މީހުން ހޯދި ތަށި ދިފާއުކޮށް މޭމަތީގައި ހަތަރު ވަނަ ތަރި ޖަހާލުމެވެ. އޭރުން އެ މީހުން ވެގެންދާނީ ބްރެޒިލް ނަގާފައި މުބާރާތުގެ އިޓަލީ އާއި ޖަރުމަނާ އެއް ސަފެއްގައި މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު އެއް ގައުމަށެވެ.
މި ފައިނަލަށް ނުކުންނައިރު މެޗު ހާއްސަވާ އެއް ބަޔަކީ ދެ ޓީމުގައި ވެސް ތިބި ކުޅުންތެރިންނެވެ. ތަށި ހޯދައިފިނަމަ އާޖެންޓީނާގެ ކުޅުންތެރިން ވެގެންދާނީ ވޯލްޑް ކަޕް ދެ ފަހަރު ހޯދި މަދު ކުޅުންތެރިންގެ ތެރޭގައެވެ. އެންމެ ފަހުން މި ތަށި ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ދެ ކުޅުންތެރިން ވެސް ނިސްބަތް ވަނީ ބްރެޒިލަށެވެ. އެއީ މަޝްހޫރު ޑިފެންޑަރު ކަފޫ އާއި އެފަދަ ދެވަނައެއްނެތް ފޯވަޑް ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އެވެ. މި ދެ ކުޅުންތެރިންނަކީ 1994 އާއި 2002 ވަނަ އަހަރު ބްރެޒިލް ތަށި ހޯދިއިރުގެ މުހިންމު ދެ ކުޅުންތެރިންނެވެ. އުމުރުގެ ގޮތުން އާޖެންޓީނާގެ ކުޅުންތެރިން، ކަފޫ އާއި ރޮނާލްޑޯ އަށްވުރެ ވިއްސަކަށް އަހަރު ހަނގުކަމުން މިރޭ ތަށި ލިބިއްޖެނަމަ މި ކާމިޔާބީގެ ޝަރަފާއި ފަހުރުވެރިކަން އާޖެންޓީނާގެ ކުޅުންތެރިންނާއެކު އެތައް އަހަރަކުވާނެ ކަމާމެދު ޝައްކެއްނެތެވެ. ސްޕޭނުގެ ގިނަ ކުޅުންތެރިން މިއަށްވުރެ މާހަނގެވެ. މިހެންވެ ތަށި ލިބިއްޖެނަމަ އަދި އެއް ފަހަރު ދުނިޔޭގެ ތާޖާ ހަމައަށް ވާސިލްވުމަށް ސްޕޭނުގެ ކުޅުންތެރިންގެ ކުރިމަތީގައި ވެސް އޮންނާނީ ހާސާވެފައިވާ މަގެކެވެ.
މިރޭ ކޮންމެ ނަތީޖާއެއް ނުކުތަސް ސްޕޭނުގެ ބައެއް ކުޅުންތެރިންނަށް މެޗު ވަރަށް ހާއްސަވާނެ އެވެ. ހާއްސަކޮށް ސްޕޭން ޓީމުގައި ތިބި ބާސެލޯނާއަށް ނިސްބަތްވާ ކުޅުންތެރިން. ޕެޑްރީ އާއި ގަވީ އާއި އޮލްމޯ އާއި އެރިކް ގާސިއާ އާއި ފެރަން ޓޯރޭޒާއި އުމުރުން އެންމެ 19 އަހަރުގެ ލަމީން ޔަމާލްގެ ހެދިބޮޑުވީ ސްޕޭނުގެ ބާސެލޯނާގެ އެކަޑަމީގަ އެވެ. މި ވަރުގަދަ ފުޓްބޯޅަ ސްކޫލުން ތަމްރީނުވި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަކީ އޭރު ބާސެލޯނާ އާއި ދުނިޔޭގެ ވެސް އެންމެ ވިދުން ގަދަ ތަރި އެވެ. މިހެންވެ ދުނިޔޭގެ އެތައް ބަޔަކު ފަދައިން މި ކުޅުންތެރިން ވެސް ފުޓްބޯޅައިގެ ނަމޫނާ ޝަހުސިއްޔަތަކަށް ބެލީ ކުޅުންތެރިއަކީ މެސ އެވެ. އެމީހުން ޅަފަތުގައި މެސީއާއެކު ނަގާފައިވާ ފޮޓޯތައް ކޮޓަރީގެ ބިތުގަ އާއި ކިޔަވާ ފޮތްތަކުގެ ބޭރު ގަނޑުގައި ހިއްޕާފައިވަނީ ކޮންމެ ވެސް ދުވަހަކުން މެސީ ހުރި ފެންވަރަށް ދިއުމަށް ނުވަތަ އޭނާއާއެކު ކުޅެން މި ކުޅުންތެރިން ދެކެމުން ދިޔަ ހުވެފެންތަކާހެދި އެވެ.
ސްޕޭން ޓީމުން މެސީއާއެކު ކުޅުމުގެ ނަސީބު މިހާތަނަށް ލިބިފައިވަނީ އެންމެ ދެ ކުޅުންތެރިންނަށެވެ. އެއީ ބާސެލޯނާގެ ޕެޑްރީ އާއި އެރިކް ގާސިއާ އަށެވެ. ނަމަވެސް ޔަމާލަކީ ޔުނެސެފްގެ ޕްރޮމޯޝަން ފޮޓޯއެއް ނަގާލުމަށް މެސީ ގޮސް ފެންވަރުވައި ހެދި ކުއްޖެކެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ ވެސް މެސީއާއެކު ދަނޑު ހިއްސާކޮށްލުމެވެ. ހުސްވި ސީޒަނުން ފެށިގެން ބާސެލޯނާގެ 10 ނަންބަރު ޖާޒީގައި ކުޅެމުން އަންނަ ޔަމާލަކީ މެސީ ފަދައިން ވާތުފައިން ކުޅޭ، ކޮއްޓުންމޮޅު، ހަލުވި ހުނަރުވެރިޔާ އެވެ. ދުނިޔޭގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ބާސެލޯނާގައި މެސީ ހުސްކުރި މަގާމު ފުރާނެ ކުޅުންތެރިއަކީ ވެސް ޔަމާލެވެ. މިހެންވެ މި މެޗުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެންދާނީ ވެސް 19 އަހަރު ޔަމާލާއި 39 އަހަރުގެ މެސީ އަށެވެ.
ދެ ޓީމުގެ ކޯޗުންނަކީ ވެސް ވަރަށް މިފަދަ ބައެއް. އާޖެންޓީނާގެ ކޯޗު ލަޔޮނަލް ސްކަލޯނީ އޭނާގެ ކޯޗިންގެ ކެރިއަރުގެ ފުރަތަމަ ފިލާވަޅުތައް ދަސްކުރީ ސްޕޭނުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ މުދައްރިސް ކަމުގަ އެވެ. މި ދެ މީހުން މިރޭ އެކަކު އަނެކަކާ ދެކޮޅަށް ފުރަތަމަ ފަހަރަށް ނުކުންނައިރު މިއީ މުބާރާތުގައި މިހާތަނަށް ރޭވުންތެރިކަން އެންމެ މޮޅު ދެ ކޯޗުންނެވެ. އެކަމަކު ޔޫރޯ ކާމިޔާބުކޮށްފައި ގޮސް ވޯލްޑް ކަޕެއް ނެގިފައި ނެތް ކަން ސްޕޭނުގެ ތާރީހުން ބުނެދޭކަން ޑެލަފުއެންޓޭއަށް އޮޅިފައި ނޯންނާނެ އެވެ. މޮޅީ ކާކު ކަން އެނގޭނީ މިރޭގެ މެޗުންނެވެ.