ޚަބަރު

ދިވެހި ރުކާއެކު މަލަމައްޗަށް އައު ދިރުމެއް، ޕާކު ކުރުމަށް ލުއިތަކެއް


  • ޕާކުކުރަން ޖާގަ އިތުރުކުރުމުން ލުއިތަކެއް ވަނީ ލިބިފައި

  • ރުއްތަކާއެކު މަލަމަތިން ފެންނަނީ ދިވެހިވަންތަ، ހިތްގައިމު މަންޒަރެއް

ވެރިރަށް މާލޭގެ މަލަމައްޗަކީ، ދިވެހިރާއްޖޭގެ ތަޞްވީރު ދުނިޔެއަށް ދައްކުވައިދޭ އެންމެ މުހިންމު އެއް މަންޒަރެވެ. ނަމަވެސް ފާއިތުވި ދިގު މާޒީގައި މާލޭގެ މަލަމަތިން ފެނުނީ ތޮއްޖެހުމާއި، ދަތުރުފަތުރުގެ ދަތިތަކުގެ އިތުރުން އުމްރާނީ ގޮތުން ހުރި ހުރަސްތަކެވެ. މިއަދު ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް، ދިވެހި ރުއްތަކުން އެ ސަރަހައްދު ޒީނަތްތެރި ކުރެވުމަކީ މާލޭގެ މަލަމައްޗަށް ލިބުނު އައު ދިރުމެކެވެ.

ކުރިން މާލޭގެ މަލަމަތި ފެންނަމުން ދިޔައީ ބާރުބޮޑުވެ، ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް އުނދަގޫ ތަނެއްގެ ގޮތުގައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ކުރިން، ޚާއްޞަކޮށް މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަހައްދަކީ، ޓްރެފިކް ތޮއްޖެހުމުގެ ބޮޑު ސަރަހައްދެކެވެ. ލަފާފުރުމުގެ ކަންކަމުގައި ދިމާވާ ދަތިތަކާއި، މުދާ އަރުވައި ބޭލުމުގައި އޮތް ހުރަސްތަކާއި އަދި އެކަށީގެންވާ ޕާކިންގ ޖާގައެއް ނެތުމުގެ ސަބަބުން މުޅި ސަރަހައްދު އޮންނަނީ، ތޮށްޖެހިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިމި، މަގު ފުޅާކުރެވުމާއެކު ރައްޔިތުންނަށް މިވަނީ ބޮޑެތި ފަސޭހަތަކެއް ލިބިފައެވެ. ޓްރެފިކް މައްސަލައަށް ހައްލެއް ލިބި، ދަތުރުފަތުރުގެ ހަލުވިކަން ވަނީ އިތުރުވެފައެވެ. އަދި ލަފާފުރުމުގެ ކަންކަން ތަރުތީބުވެ، ޕާކު ކުރާނެ ޖާގަ ކަނޑައެޅިގެން ދިއުމަކީ، މަގު ބޭނުންކުރާ ފަރާތްތަކަށް ލިބުނު ބޮޑު ލުޔެކެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެހިކަލްގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރިންގްރޯޑުގެ މަސައްކަތް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

"މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ލުއިކޮށްދިނުމާއެކު މާލެއަކީ ހިތްފަސޭހަ ތަނަކަށް ބަދަލުކުރުމަށް ކުރެވެން އޮތް ކަމެއް ކުރުން،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް ސަރުކާރުން އިތުރު ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މަގުފުޅާކުރުމަކީ ހަމައެކަނި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ. މިއީ މާލެ އަންނަ ފަތުރުވެރިންނަށާއި، ވިޔަފާރިތަކަށާއި، ދަތުރުފަތުރު ކުރާ އުޅަނދުތަކުގެ އިތުރުން މާލެއަށް މުދާ ގެނެސް ވިއްކާ ފަރާތްތަކަށްވެސް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ. ޚާއްޞަކޮށް މަސްމާރުކޭޓު ސަރަހައްދުގައި ކުރިން ދިމާވި ޓްރެފިކް މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ ސަރަހައްދު ތަރައްޤީކުރި ފަހުން ކުރިން އޮތް ފަދަ ބާރުބޮޑުވުމެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް އިތުރަށް ޓްރެފިކް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ވިސްނުމަކީ މިމަގު ފުޅާކުރުމާއެކީ އެތެރޭ މަގުތައްވެސް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ތަރައްޤީކުރުން. މި މަސައްކަތަކީ ހުއްޓުމެއް ނެތް މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދާނެ. އެމަސައްކަތް ކުރިއަށްދާއިރު މަގު ނިންމިކަމުގައިވީނަމަވެސް ބަނދަރު އިތުރަށް ފަސޭހަކުރުމަށްޓަކައި މަސައްކަތްތަކެއް ކުރާނަން. ފިންގަރ ޖެޓީލުމާއި އަދި މި ސަރަހައްދުން ރައްޔިތުން ދަތުރުފަތުރު ކުރާއިރު މަޑުކޮށްލަން ބޭނުންވާ ފަރާތްތަކަށް ހިޔާކުރުން ފަދަ ކަންކަން ކުރެވިގެންދާނެ. އެންމެ އިސްކަންދީގެން ކުރެވުނު މަސައްކަތަކީ މަގުގެ ތޮއްޖެހުން ކުޑަކުރުން." ވަޒީރު ވިދާޅުވިއެވެ.

މި ތަރައްޤީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ، މާލޭގެ މަލަމަތީގައި އިންދާފައިވާ ދިވެހި ރުއްތަކުންނެވެ. މި ރުށްތަކާއެކު މާލޭގެ މަލަމަތިން ފެންނަނީ ދިވެހިވަންތަ، ހިތްގައިމު މަންޒަރެކެވެ. މިއީ، ހަމައެކަނި ރީތިކަމެއް ނޫނެވެ. މިއީ ރާއްޖޭގެ ސަޤާފަތާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ، ދިވެހި ގޮނޑުދޮށްތަކާއި ގުޅިފައިވާ ފެހި ކަމެކެވެ. މާލޭގެ މަލަމަތިން މިއަދު ފެންނަނީ ތަރުތީބުވެފައިވާ އުމްރާނީ ތަރައްޤީއާއި، ދިވެހިވަންތަ ޤުދުރަތީ ރީތިކަމުގެ ފުރިހަމަ މަންޒަރެކެވެ.