ކުޅިވަރު

ސްޕެއިން: ހަރުދަނާ އުސޫލެއްގެ މަތީގައި ބިނާކުރި ވަރުގަދަ ޓީމު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުކުންނަ ސްޕޭން ޓީމަކީ އާދައިގެ ޓީމެކެވެ. އެއީ އެތައް ޒަމާނެއް ވަންދެން އެއް ވިސްނުމެއްގައި، އެއް އުސޫލުތަކެއްގެ ތެރޭގައި ބިނާކޮށްފައިވާ ޓީމެއް. ސްޕޭނުގެ ގައުމީ ޓީމާ ހަވާލުވެގެން ކޮންމެ ކޯޗަކު ހުއްޓަސް އެ މީހުންގެ ކުޅުމަށް ބަދަލު ނާންނަނީ މިހެންވެ އެވެ. ހޮސޭ ވިޔަލޮންގާ އާއި ލުއިސް އަރަގޯނިއަސް އާއި ވިސެންޓޭ ޑެލްބޮސްކޭ އާއި ލުއިސް އެންރީކޭ އާއި މިހާރުގެ ކޯޗު ލުއިސް ޑެލްފުއެންޓޭ ވެސް މައިގަނޑަކީ އެކައްޗެކެވެ. އެއީ އިދިކޮޅު ޓީމަށް ބޯޅަ ނުދިނުން. މި އުސޫލުގެ މަތީގައި ވަރުގަދަ ޓީމެއް ބިނާކުރުމެވެ.

2023 ވަނަ އަހަރު ސްޕޭން ޓީމާ ހަވާލުވުމަށްފަހު ޑެލަފުއެންޓޭ ވެސް ގެންގުޅުނީ ދެ ކަމެކެވެ. ސްޕޭން މީހުން އާއްމުކޮށް ގަބޫލުކުރާ ގޮތްތަކާއި ގަވާއިދުތަކަށް ބޯލަނބަންޖެހޭކަން ކުޅުންތެރިންނަށް އެންގިދެ ވަނަ ކަމަށް އޭނާ އެދުނީ ކޮންމެ ކުޅުންތެރިއަކު ވެސް ތިމާއަށްވުރެ ޓީމު އިސްކުރުމެވެ. އޭނާގެ ކޯޗުކަމުގައި ސްޕޭން ޓީމުން ފުރުސަތު ދިނީ އަމިއްލަ އެދުމެއްނެތް، ގައުމަށްޓަކައި ޖާނުދޭން ތައްޔާރުވެ ތިބި ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިންނަށެވެ. ޗޭންޖިން ރޫމުގައި ކޮންމެ މީހަކު ވެސް ވާން ޖެހުނީ އަނެކާ އަށް ފުރިހަމަ އަށް އިހްތިރާމް ކުރާ، ޓީމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު އިންސާނަކަށެވެ.

ވޯލްޑް ކަޕުގައި ކުޅުނު 48 ގައުމުގެ ތެރެއިން ސްޕޭން ޓީމަކީ މޮޅު ކުޅުންތެރިން އެންމެ ގިނަ އެއް ޓީމެވެ. ނަމަވެސް ޓީމަށް އެރުވިޔަސް ނޭރުވިޔަސް އެއްވެސް މައްސަލައެއްނެތި ކުޅުންތެރިން ރުހިގެން އެތިބީ ޑެލަފުއެންޓޭ ގާއިމްކުރި ހަރުދަނާ އުސޫލެއްގެ ސަބަބުންނެވެ.

އޭނާގެ އިރުޝާދުގެ ދަށުން ސްޕޭން ކުޅުމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިއާ ހިލާފަށް މާގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ތިބުމުގެ ބަދަލުގައި ދެ އަރިމަތިން ކުޅޭ ހަލުވި ކުޅުންތެރިންގެ ބޭނުން ހިފައި އިދިކޮޅު ޓީމަށް ނުރައްކާ ޓީމެކެވެ. ކައުންޓަ އެޓޭކްގައި ސްޕޭނަކީ އެންމެ ނުރައްކާތެރި އެއް ޓީމަށްވަނީ މިހެންވެ އެވެ.

މި ޓީމުގެ އެންމެ ވިދުންގަދަ ކުޅުންތެރިއަކީ ހުސްވި ހަފުތާގައި 19 އަހަރުވި ލަމީން ޔަމާލެވެ. އެންމެ ފަހުގެ ޔޫރޯ ބާސެލޯނާގެ މެޗުތަކުގައި އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ކުޑަކުއްޖަކު އާދަޔާ ހިލާފް މޮޅަށް ކުޅެމުންދިޔަ ވާހަކަ އެވެ. ޔޫރޯ އަށް ޔަމާލް ދިޔައީ ކިޔަވާ ފޮތްތަކާއެކު. ފިލާވަޅުތައް ނިންމާ އިމްތިހާނުވެސް ހެދީ މުބާރާތްތެރޭގަ އެވެ. ފުޓްބޯޅައިގެ ލެޖެންޑުން އިމެއްނެތި އޭނާ އަށް ތައުރީފް ކުރަން ފެށީ ކުޅުމާއި، ތޫނު ފިލިކަމާއި، ޕްރެޝަރާ ކުރިމަތިލާ ގޮތުން އެއުމުރުގެ ކުއްޖަކަށްވުރެ މާ ހަރު، ތަސައްރަފު ފުދިފައިވާ ކުޅުންތެރިއެއްގެ ސިފަތައް ފެންނަމުން ދިއުމުންނެވެ.

ޔަމީން ޔަމާލަކީ ސްޕޭނަށް ހިޖުރަކުރި ދެމަފިރިއެއްގެ ދަރިއެކެވެ. ބައްޕައަކީ ސްޕޭނާ އިންވެގެން އޮތް މޮރޮކޯ މީހެކެވެ. މަންމަ އަކީ އިކުއޭޓޯރިއަލް ގިނީގެ މީހެކެވެ. ބާސެލޯނާގެ ސްކައުޓުންނަށް އޭނާ ފެނުނީ ރޮކަފޮންޑާގެ ޕާކުތަކުގައި ކުޅެނިކޮށެވެ. ލަމާސިއާ އެކަޑަމީ އަށް އޭނާ ވައްދަން ޔަމާލްގެ ބައްޕަ އޭނާ ގޮވައިގެން ގޮސް އެހީ އަހަރެންގެ ދަރިފުޅު ބާސެލޯނާ އަށް ކުޅެން ކަލޭމެން ބޭނުންތޯ އެވެ؟ ޖަވާބުގައި ބާސެލޯނާއިން އާއެނކޭ ބުނުމުން ޔަމާލްގެ ބައްޕަ އެދުނީ އެހެންކަމަށްވާނަމަ އޭނާގެ ދަރިފުޅަށް އެންމެ ފުރަތަމަ ކަމަކަށް އުނގަންނައިދިނުމަށެވެ.

މިއަދު އެއީ ދުނިޔޭގެ އެންމެ އަގުހުރި އެއް ކުޅުންތެރިޔާ އަށެވެ. ބާސެލޯނާއިން އޭނާ ވިއްކަން އެއް ބިލިއަން ޔޫރޯގެ އަގެއް ހަމަޖެއްސީ ޔަމާލްގެ އަގު ރޮކެޓް ސްޕީޑުގައި އަރައިގަތުމުންނެވެ. އޭނާ އަކީ މަޑުމައިތުރި ހިތްތިރި ކުއްޖެކެވެ. ފުޓްބޯޅަ ކުޅެގެން އެންމެ ފުރަތަމަ ލިބުނު އާމްދަނީން ހަމަޖައްސައިދިނީ އާއިލާގެ ހަރަދު ބަރަދާއި އެ މީހުންގެ ތަކުލީފުތަކެވެ. ކުޑައިރުގެ ހަނދާންތައް އޭނާ އަބަދުވެސް އާކުރަންދޭހަކޮށްދޭ އެއް މިސާލަކީ ލަނޑު ޖަހާފައި އޭނާގެ އަތަށް ގެންނަ އިޝާރާތެވެ. ވާތުން ތިން އިނގިލި، ކަނާތުން ހަތަރު އިނގިލި ދައްކައި އެ ދެމެދުން ސުމެއް ސިފަވާގޮތަށް އޭނާ ގެންނަ ހަރަކާތުން ދައްކުވައިދެނީ 304 އެވެ. މިއީ ރޮކަފޮންޑާގެ ކޯޑް ނަންބަރެވެ.