ޚަބަރު

މާލެއިން ހުޅުމާލެއަށް ހިނގާފައި ދެވޭނެ އިންތިޒާމު ހަމަޖައްސަނީ


މާލެއިން ހުޅުމާލެއަށް ފައިމަގުގަޔާއި ބައިސްކަލުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއާއި، މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަހުލޫފްއާއި ދެބޭފުޅުން ބޭއްވި މި ބައްދަލުކުރެއްވުމެއްގައިވަނީ، ސިނަމާލެ ބްރިޖުން ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ މެދުވެރިކޮށް ބައިސްކަލު އަދި ފައިމަގުން ދަތުރުކުރެބވޭނެ އިންތިޒާމު ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، މާލެއިން ހުޅުމާލެއަށް ބައިސްކަލް ދުއްވާފައާއި ހިނގާފައި ދެވޭނެ ގޮތްތަކެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއާއެކު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން މިނިސްޓަރ މަޙުލޫފް ކުރެއްވި ޓުވީޓްގައިވަނީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު މިކަމަށް ހައްލެއް ހޯދޭނެކަަމަށް އުއްމީދު ކުރެވޭކަމަށެވެ.

އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވާލާފައިވާއިރު، ބުރިޖްގައި ހިނގާފައި ބްރިޖް ހުރަސްކުރެވޭގޮތަށް ވަނީ ވަކި ލޭންތަކެއް ހަދާފައެވެ. އަދި ހަމަމިއާއިއެކު، ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައިވެސް މިފަދަ ލޭންތަށް ތައްޔާރުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކަށް މިހާރު ދަތިތަކާއި ކުރިމަތިވާ ޝަކުވާ ދަނީ ކުރަމުންނެވެ. އެގޮތުން ހެލްމެޓް ނެތުމާއި، ޓެކްސީގެ ފީ ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު މިކަމުގެ ޝަކުވާވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުން ކުރިއަށް މިގެންދާ މަޝްވަރާތަށް ކާމިޔާބު ވެއްޖެނަމަ މި މައްސަލަތަކަށް ލުއެއް ލިބި މާލެއިން ހުޅުލެ އަދި ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކުގެ އަދަދު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.