ޚަބަރު

ކުޅުދުއްފުށީ ކުޅިން އައު ދިރުންތަށް ފެނޭ، އެ ކުޅި ސަލާމަތްކުރެވޭނެ


ހދ. ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮންނަ ހަމައެކަނި މަށި ކުޅިއެވެ. މި ކުޅިއަކީ ޤުދުރަތީ ގިނަ ދިރުންތަކެއް އުފެދި އާލާވަމުން އަންނަ ވެއްޓެކެވެ. އެގޮތުން، މި މާޙައުލު ވެގެންގޮސްފައިވަނީ ގިނަ ޢަދަދެއްގެ ދޫނިސޫފާސޫފީގެ އިތުރުން މަސްމަހާމެހި އުޅޭ ވެއްޓަކަށެވެ. އަދި ހަމަ މިއާއިއެކު މި ސަރަޙައްދަކީ ކުޅުދުއްފުށީގެ ރައްޔިތުން ކާންބޯންކުރާ މަސައްކަތުގެ ބޮޑުބައެއް ހިއްސާކުރާ ތަނެކެވެ. އެގޮތުން، ކުޅުދުއްފުށީ މަޝްހޫރު ރޯނު ވެށުމަށް ބޭނުންކުރާ ބޮނބި ފާކުރުމަށް ލައި އުޅުނީ މި ކުޅީގައި ހަދާފައިހުންނަ އޮޅުތަކަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޅުދުއްފުށީގެ 404 ޢާއިލާއަކުން ރޯނު ވެށުމުގެ މަސައްކަތް ކުރެއެވެ. އެގޮތުން، މި މަސައްކަތްކުރަން 1،800 އޮޅެއް ކުޅުދުއްފުށީ ކުޅީގައި ހަދާފައިވެއެވެ. މަހެއްގެ މައްޗަށް ރޯނު ވަށައިގެން އެރަށަށް ޖުމުލަ 726،000އަށްވުރެ ގިނަ ރުފިޔާގެ އާންމްދަނީއެއް ވަދެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު ޖުމުލަ 8.7 މިލިއަން ރުފިޔާއެވެ.

ނަމަވެސް، މިދިިޔަ ސަރުކާރުން ކުޅުދުއްފުށީ ކުޅިހިއްކައިގެން އެއަރޕޯޓް އެޅުމުގެ ސަބަބުން އެ ކުޅިއަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން، ކުޅީގެ ދިރުންތަށް މަރުވެ، ކުޅީގެ ފެންދައުރުވުމުގައި ބޮޑެތި މައްސަލަތަކެއްވަނީ ކުރިމަތިވެފައެވެ. އަދި ހަމައެއާއެކު، ކުޅުދުއްފުށީ ރައްޔިތުން ކާންބޯން ކުރި މުޙިއްމު މަސައްކަތެއްކަމުގައިވާ ރޯނުވެށުމުގެ މަސައްކަތަށް ވަނީ ހުރަސްތަކެއްކުރިމަތިވެފައެވެ. ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފިއްތުންތަކެއް ކުރިމަތިކުރުވިނަމަވެސް މިކަން ވަނީ ނާކާމިޔާބުވެފައެވެ.

މި މަސައްކަތް ކާމިޔާބު ނުކުރެވުނުނަމަވެސް، މި ފަރާތްތަކުން ދޫދީފައެއްނުވެއެވެ. އެގޮތުން މި ފަރާތްތަކުންވަނީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކުރުމަށް މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި އެ ފަރާތްތަކާއެކު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެއްބާރުލުން ދޭ މަންޒަރު ފެނުމަކީ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު އުފަލަކަށެވެ. އެ ފަރާތްތަކުގެ މަސައްކަތަށް އާރޯކަން ލިބިގެން ދިޔަ ކަމަކަށެވެ.

ގުޅިފައިވާ ފަރާތްތަކުގެ މި މަސައްކަތް ފަށާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ސޭވް މޯލްޑިވްސް ގްރޫޕާއި ކުޅިތަކާއި ޗަސްބިންތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާއެއްކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ތަޖުރިބާކާރުންގެ އެހީގައެވެ. ތަޖުރިބާކާރުން ކުރި ދިރާސާގެ އަލީގައި މަށިކުޅި ހިކޭ ދުވަސްވަރު އެތަނުގައި ދިރިއުޅޭ މަސްމަހާމެއްސަށް ފެން ހުންނަ ސަރަޙައްދަށް ދިއުމަށް ހުރަސްއެޅިފައިވާކަމަށާއި މި ސަބަބައްޓަކައި ކުރިއަށްއޮތްތަނުގައިވެސް މިފަދަ ޙާދިސާތަށް ކުރިމަތިވާނެކަމަށް ބެލެވޭތީ، މި ކުޅީގައި ފެން ދައުރުވުމުގެ މައްސަލައަށް އަވަސް ޙައްލެއް ގެންނަން ޖެހިފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން، މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑުމެން ކުޅުދުއްފުށީގެ ކުޅި ދިރާސާ ކުރި އިރު ގިނަ ކަންތައްތައް ފާހަގަކުރެވިފައިވޭ. އެގޮތުން އެއަރޕޯޓު އެޅުމުން ކުޅި ދެކޮޅަށް ބެހިފައިވާއިރު، ގިނަ ގެއްލުންތަކެއް ކުޅިއަށްވެފައިވޭ. އެގޮތުން ފެން ދައުރުވުމުގެ މައްސަލައަށް އަވަސް ޙައްލެއް ގެންނަންޖެހޭ." ސޭވް މޯލްޑިވްސްގެ ވޮލަންޓިއަރެއް ޕީއެސްއެމް ނިއުސްއާއި ވާހައްކަދައްކަމުން ބުންޏެވެ.

މި މަސައްކަތުގެ ދަށުން، ކުޅުދުއްފުށީ ކުޅީގެ ޙާލަތާގުޅޭ ޚާއްސަ ރިޕޯޓެއް މެޕްގެ ފަރާތުން އެކުލަވާލުމާއެކު، މިމަސައްކަތްތަކުގެ ދުވެލި އިތުރަށް އަވަސްވެގެންދާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މެޕްގެ ފަރާތުން ޙަރަކާތްތެރިވާ ތަޖުރިބާކާރުންގެ ޓީމުގައި އެމެރިކާއާއި ކެނެޑާއާއި ތައިލެންޑުގެ ބޭފުޅުން ހިމެނެއެވެ. މި ބޭފުޅުން ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ކުޅުދުއްފުށީ ކުޅި ސަލާމަތްކުރެވޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޅުދުއްފުށީ ކުޅީގައި އައު ދިރުންތަށް އާލާވަމުން އަންނަ ކަމަށާއި ކުޅީގެ ފެން ދައުރުނުވުމުގެ މައްސަލަ ޙައްލުކުރެވިއްޖެނަމަ އެ ކުޅި ސަލަމަތް ކުރެވިދާނެކަމަށް މެޕްގެ ތަޖުރިބާކާރުންވަނީ ވިދާޅުވެފައެވެ.

މިފަދަ އުފާވެރި ޚަބަރެއް އަޅުގަނޑުމެންނަށް ލިބިފައިވާއިރު، މިއާއިއެކު އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހޭ ގިނަ ކަންތައްތަކެއްވެއެވެ. ރާއްޖޭގެ ގިނަ ކުޅިތަކާއި، ފަރުތަކާއި، ޗަސް ބިންތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނުންގެ އަމަލުތަށް ހުންނަގޮތްތަކުން ދިމާވާކަންކަމެވެ. އެގޮތުން މިފަދަ ތަންތަނަށް ކުނި އެޅުމާއި، ދިރުންތަށްކަށް ގެއްލުންދިނުމަށް އެނގިގެން ނުވަތަ ނޭންގިކަމުގައިވިޔަސް އަޅާ ފިޔަވަޅުތަކަކީ އަމިއްލައަށް ނުރައްކަލުގެ ތެރެއަށް މުޅި މުޖުތަމަޢު ވައްޓާލާކަމެއްކަން އަޅުގަނޑުމެން އެންމެންގެ ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ރާއްޖެއަކީ، ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ މީޓަރެއް މަތީގައިވާ ޤައުމެއްކަމުގައި ވާއިރު، މިފަދަ ޤުދުރަތީ ވަސީލަތްތަކަކީ، އަޅުގަނޑުމެން ގުދުރަތީ ކާރިސާތަކުން ސަލާމަތްކޮށްދޭ ވަސީލަތްތަށްކަން މިއަދު ދިވެހިން މިވަނީ ހަނދާންކުރަންޖެހިފައެވެ. އަދި މިފަދަ ވަސީލަތްތަށް ހިމާޔަތްކުރުމަށް އަޅުގަނޑުމެން މިހާރުވަނީ ނިކުންނަން ޖެހިފައެވެ.