ޚަބަރު

މާފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި


ކ. މާފުއްޓަށް ދިމާވަމުންދާ ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށް 2 ޓްރާންސްފޯމަރގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން ކަރަންޓް ބޭނުންކުރާ ލޯޑު ބޮޑުވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑާލަންޖެހޭކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމައްޓަކައި ސްޓެލްކޯގެ ޓީމްގެ މެމްބަރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ކ. މާފުށީގައިވެސް ކަރަންޓްގެ ލޯޑު ބޮޑުވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑާލަން ޖެހިފައިވާކަން ފާހަގަކުރައްވާ ސްޓެލްކޯއިން ވިދާޅުވީ، އެރަށަށް ގެންދިޔަ ދެ ޓްރާންސްފޯމަރގެ ތެރެއިން އެއް ޓްރާންސްފޯމަރު ބޭނުންކޮށްގެން ކަރަންޓު ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދަށުން، އަޕްގްރޭޑްކުރާ ކޭބަލްތައް ވަޅުލުމަށްފަހު، ކަރަންޓުގެ ޚިދުމަތް ކުރިއަށްއޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދޭން ފަށާނެކަމަށެއެވެ.

ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވެފައި، އާންމުކޮށް ހުރިހާ ރަށެއްގައިވެސް ރަމަޟާންމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާކަން ފާހަގަކުރެވިފައިވާތީ މިކަމަށް ތައްޔާރުވުމަށްޓަކައި މާފުއްޓަށް ގެނައި ދެ ޓްރާންސްފޯމަރުގެ ތެރެއިން އެއް ޓްރާސްފޯމަރު ބެކަޕެއްގެ ގޮތުގައި ބަހައްޓާފައިވާކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތުދެއްވިއެވެ.

ކ މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ. އެގޮތުން މި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާއިރު، އަލަށް ގެނައި 2 ޓްރާންސްފޯމަރާއެކު ދަތިކަމެއް ނެތި ކަރަންޓުގެ ޚިދުމަތް ދެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.