ޚަބަރު

ކުޅުދުއްފުށީ ކުޅީގައި ފެން ދައުރުނުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި


ހދ. ކުޅުދުއްފުށީ މަށިކުޅީގައި ފެން ދައުރުނުވުމުގެ މައްސަލަ ބަލައި އެކަމަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް އެންވަޔަރަންމަަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ކުޅީގެ މިހާރުގެ ޙާލަތު ދެނެގަތުމަށްޓަކައި ބޭރުގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމެއް ދާދިފަހުންވަނީ އެރަށުގައި ދިރާސާތަކެއްކޮށް އެކަމުގެ މަޢުލޫމާތު އެންވަޔަަރަންމަންޓް މިނިސްޓަރާ ޙިއްސާކޮށްފައެވެ.

ކުޅީގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ކުޅިތަކާއި ޗަސްބިންތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާއެއްކަމަށްވާ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" މެޕްގެ ތަޖުރިބާކާރުންގެ ޓީމެކުންނެވެ.

މި ޓީމުން ކުރިމަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން، އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަސީރު ވިދާޅުވީ، މި ދިރާސާތަށް ކުރުމައްޓަކައި ކުޅުދުއްފުށީ ކުޅީގެ ޙާލަތާއި ކުޅީގައި ހަދާފައިވާ ގަސްގަހާގެހީގެ ބާވަތްތަކުގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށެވެ.

ޑރ.ޢަބްދުﷲ ނަޞީރު ވިދާޅުވީ، ކުރީގެ ސަރުކާރުން ހދ.ކުޅުދުއްފުށީ ކުޅީގައި އެއަރޕޯޓެއް އެޅުމުން އެކުޅީގެ ފެން ދައުރުވުމުގެ ޤުދުރަތީ ނިޒާމަށް ބޮޑު އަސަރުތަކެއްކޮށްފައިވާކަމަށެވެ. ދާދިފަހުން ކުޅުދުއްފުށީ ކުޅީގައި ގިނަ ޢަދަދެއްގެ މަސްމަރުވެފައިވާ ޙާދިސާއަށް ރިޢާޔަތްކުރައްވަމުން ޑރ.ޢަބްދުﷲ ނަޞީރު ވިދާޅުވީ، މިކަމަކީވެސް ކުޅުދުއްފުށީ ކުޅީގެ ފެންދައުރުވުމުގެ ނިޒާމު ހަލާކުވެފައިވުމުން ދިމާވާކަމެއްކަމަށް ބެލެވޭކަމަށެވެ.

ކުޅި ހިއްކައިގެން މަތީގައި އެއަރޕޯޓު ހެދުމުން މަށިކުޅި ހިކޭ ދުވަސްވަރު އެތަނުގައި ދިރިއުޅޭ މަސްމަހާމެއްސަށް ފެން ހުންނަ ސަރަހައްދަށް ދިއުމަށް ހުރަސްއެޅިފައިވާކަމަށާ، މި ސަބަބައްޓަކައި ކުރިއަށްއޮތްތަނުގައިވެސް މިފަދަ ޙާދިސާތަށް ކުރިމަތިވާނެކަމަށް ބެލެވޭތީ، މި ކުޅީގައި ފެން ދައުރުވުމުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

މި މަސައްކަތުގެ ދަށުން، ކުޅުދުއްފުށީ ކުޅީގެ ޙާލަތާގުޅޭ ޚާއްސަ ރިޕޯޓެއް މެޕްގެ ފަރާތުން އެކުލަވާލުމާއެކު މިމަސައްކަތްތަކުގެ ސްޕީޑް އިތުރަށް އަވަސްވެގެންދާނެކަމަށް އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މެޕްގެ ފަރާތުން ޙަރަކާތްތެރިވާ ތަޖުރިބާކާރުންގެ ޓީމުގައި އެމެރިކާއާއި ކެނެޑާއާއި ތައިލެންޑުގެ ބޭފުޅުން ހިމެނެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ މަޝްރޫޢާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އީ.އައި.އޭ ރިޕޯޓާ ޚިލާފަށްކަމަށްބުނެ އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.