ރިޕޯޓް

ތިމާވެށި ތިޔަ ހަލާކޮށްލަނީ ހަމަ އަމިއްލަ އަތްތަކުން!


ތިމާވެއްޓަށް ކުރާނޭދެވޭ އަސަރުތަކަކީ ހަމައެކަނި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާކަމެއްކަމަށް ދެކޭ މީހުން އަދިވެސް މަދެއްނޫނެވެ.

ރަށްގިރުމާއި، އުނދައެރުމާއި، މި ނޫންވެސް ތިމާވެށީގެ ތަފާތު މައްސަލަތަކަކީ މިއަދު ރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ނަމަވެސް މިއީ ހަމައެކަނި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމޭ ބުނެ ނިންމާލެވޭކަށް ނެތެވެ. ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު ސީދާގޮތުންނާއި، ނުސީދާގޮތުންވެސް އިންސާނުންނަށް ކުރާއިރު، ތިމާވެށީގެ ތަފާތު މައްސަލަތައް ފެށިގެން އަންނަނީވެސް ހަމަ އިންސާނުންގެ ކިބައިންނެވެ. ނޭނގިނަމަވެސް ނުވަތަ ގަސްތުގައިވިޔަސް އިންސާނުންގެ ޢަމަލުތައް ހުންނަގޮތުން "ބެލެންސް އޮފް ނޭޗަރ" ނުވަތަ ދުނިޔޭގެ ގުދުރަތީ ނިޒާމަށް ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުންނެވެ.

ވަރަށްވެސް އާދައިގެ މިސާލެއް ނަގާނަމެވެ. ޕްލާސްޓިކަކީ ތިމާވެއްޓަށް އޮތް އެންމެ ބޮޑު އެއް ނުރައްކާކަން ނޭނގޭބަޔަކު އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް އުޅޭނެހެނެއް ހިޔެއްނުވެއެވެ. ނަމަވެސް ޕްލާސްޓިކަކީ މިއަދު ވަރަށްވެސް ޢާއްމުވެފައިވާ އެއްޗެކެވެ. ބަޔަކު ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިނަމަ އެންމެ ގިނައިން އެއްކުރެވޭ ކުނިބުނީގެ ތެރޭގައި ޕްލާސްޓިކް ހިމެނެއެވެ. މޫދަށާއި ފަރުތަކަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅުފަދަ އެއްޗެހި އެޅުމަކީ މިހާރު ރާއްޖޭގައިވެސް ޢާއްމުވެފައިވާ މައްސަލައެކެވެ.

ނަމަވެސް އެފަދަ ތަކެތި މޫދަށް ދޫކޮށްލާ ފަރާތްތަކަށް ނުވިސްނި އޮތް ކަމަކީ ތިމާ މޫދަށް އެއްލާލާ ޕްލާސްޓިކް ކޮތަޅު އާޚިރުގައި ގޮސް ނިމެނީ ހުދު ތިމާގެ ބަނޑުތެރެއަށް ކަމެވެ. މިއީ ޖޯކަކަށްވުންވެސް އެކަށީގެންވެއެވެ. ނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ އިންސާނުން ކެއުމަށް މި ބޭނުންކުރާ މަހުގެ ބަނޑުންވެސް ޕްލާސްޓިކް ކޮތަޅުފަދަ އެއްޗެހި ފެންނަކަމުގެ ވާހަކައެވެ. ދިވެހިންނަކީވެސް ކަނޑުމަހަށް ދޯޅު، އެ ކެއުމަށް ފޯރި ހުންނަ ބަޔަކަށްވާއިރު، މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހަމަ ވިސްނާލުން މުހިއްމު ކަމެއް ނޫން ހެއްޔެވެ؟

ދެން މި ދޫކޮށްލަނީ މި ދެތިން ދުވަހު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެގެން ދިޔަ ފޮޓޯއެކެވެ.

މި ފޮޓޯއަކީ ލައްކަ ވާހަކަ ކިޔައިދޭ ފޮޓޯއަކަށް މިވަނީ ވެފައެވެ. ވެލައަކީ ފަސްމަޑު ތަންތާނގައި ވަޅުކޮޅެގެން ބިސް އަޅާ އެއްޗެކެވެ. އަދި އެވެރެޖްކޮށް 80 އާއި 110 އަކާ ގާތްކުރާ އަދަދަކަށް ބިސް އަޅާކަމަށްވެއެވެ. ބުނެވޭ ގޮތުގައި ބައެއް ވައްތަރުގެ ވެލާތައް، އެ އުފަންވީ ތަން ހަނދާން ހުރެއެވެ. އަދި ބޮޑުވެގެން ބިސްއަޅަން އުފަންވީ ތަނަށް އެނބުރި އަންނަކަމަށްވެއެވެ. މިގޮތަށް މިސްރާބު ހޯދަނީ ދުނިޔޭގެ ފަށަލައިގައި ހިމެނޭ ދަގައްފާނުގެ ބާރާއި، ވެލާގެ ހަށިގަނޑުގައި އެކުލެވޭ ޤުދުރަތީ "ސަމުގާ"އެއްގެ ބޭނުން ހިފައިގެންނެވެ. އެހެންކަމުން ރަންވޭއެއްގެ މައްޗަށް ވެލައަކަށް ބިސް އެޅުމަކީ ކުރެވޭނެކަމެއް ނޫންކަމަށްބުނެ މި ފޮޓޯއާމެދު ސޯޝަލް މީޑިއާގައި ބަހުސްތަކެއް އަންނަނީ ކުރެވެމުންނެވެ. އަޅުގަނޑު އެ ބަހުސްގެތެރެއަށް ވަންނާކަށް ނެތީމެވެ. ކޮންމެއަކަސް މި ފޮޓޯއާއެކު ހަމަގައިމުވެސް އަޅުގަނޑުގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ.

މީގެ 3 އަހަރު ކުރިން މާފަރު އޮތްގޮތާއި، މިހާރު އެރަށް އޮތްގޮތާ ހާސްބައި ތަފާތެވެ. ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ މާފަރަކީ ފެހިކަންގަދަ ރުއްގަސްގިނަ ރަށެކެވެ. ނަމަވެސް މިހާރު އެއީ ހަނަފަސް ސަހަރާއެއްފަދަ ތަނެކެވެ. އެއަރޕޯޓަކާއެކު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބި، އިޤްތިޞާދީ ދިރުން އެ ސަރަޙައްދަށް އަންނާނެއެވެ. ނަމަވެސް ގުދުރަތީ ދިރުންތަކަށް މި ދެވުނީ ކިހާވަރެއްގެ ގެއްލުމެއްތޯއެވެ؟

ތަރައްޤީގެ މަޝްރޫޢުތަށް ހިންގުމުގައިވެސް ތިމާވެއްޓަށް އިޙުމާލުވާކަމީ މިއަދު ރާއްޖެއިންވެސް ފެންނަން އޮތް ހަޤީޤަތެކެވެ. ތަރައްޤީކުރުމަށްކަމަށްބުނެ ހިޔާ ލިބޭ ބޮޑެތި ރުއްގަސްތައް ކަނޑަނީއެވެ. ގުދުރަތީ ދިރުންތައް މުޅިންހެން ނެތިކޮށްލަނީއެވެ. ހދ.ކުޅުދުއްފުށީ މަށިކުޅި މިކަމުގެ ހެއްކަކަށް ފުދޭނެއެވެ. މަށިކުޅިއާއި ނުލާ ކުޅުދުއްފުށި ކުޅުދުއްފުށްޓަކަށްވެސް ނުވެސްވާނެއެވެ. ނަމަވެސް މިއަދު އަނެއްކާ މިވަނީ އަލުންބަލުން އެތަނަށް ދިރުން ގެންނަން މަސައްކަތް ކުރަންޖެހިފައެވެ.

ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖޭގައިވެސް ޤާނޫނުތަކާއި ޤަވާއިދުތަކެއް ހެދިފައި އެބަހުއްޓެވެ. މިކަންކަމަށް އިޙްތިރާމްކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހުރި ތިމާވެއްޓާ ބީރައްޓެހި އާދަތައް ދޫކޮށްލަން އެބަޖެހެއެވެ. އެހެންނޫންނަމަ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށާއި ގުދުރަތީ މުއްސަނދިކަމަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބަރޯސާ ވަނީ ފަތުރުވެރިކަމަށެވެ. ފަތުރުވެރިންވެސް ރާއްޖެއަންނަ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ލިބިފައިވާ ހިތްގައިމުކަމާއި، ގުދުރަތީވެށި ތަޖުރިބާކޮށްލުމެވެ. ވުމާއެކު، މިއީ ފަރުދީ ފެންވަރުގައާއި ޤައުމީ ފެންވަރުގައިވެސް ވިސްނާލުން މުހިއްމު މައްސަލައެކެވެ.

ތަރައްޤީއަކީ ދުނިޔެ ކުރިއަރާވަރަކަށް ބޭނުންވާނެ ކަމެކެވެ. ނަމަވެސް ތަރައްޤީ ގެނެއުމަށް ގުދުރަތީވެށި ހަލާކުކޮށްލުންމީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. މިއީ ދަޢުލަތުގެ ވުޒާރާތަކުންވެސް މިހާރަށްވުރެ ބޮޑަށް ފާރަވެރިވާންޖެހޭ ކަމެކެވެ. ހަމައެހެންމެ މިކަމުގައި ފަރުދީ ޒިންމާ އަދި މާބޮޑެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާ ހާލު، ތިމާވެއްޓާ ރައްޓެހި ބަޔަކަށްވާންޖެހެއެވެ. އެއީ އަށުގަނޑުމެންގެ ވެށްޓެވެ.