ޚަބަރު

ކުޅުދުއްފުށީ ކުޅީގެ ޙާލަތު ދެނެގަތުމަށް ބޭރުގެ ތަޖުރިބާކާރުންގެ ޓީމެއް ޙަރަކާތްތެރިވާން ފަށައިފި


ހދ. ކުޅުދުއްފުށީ ކުޅީގެ ހާލަތު ދެނެގަތުމަށްޓަކާ ބޭރުގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމެއް އެރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ހދ. ކުޅުދުއްފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، އެއާޕޯޓްގެ ރަންވޭ އަޅާފައިވަނީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިން 9 ހެކްޓަރު ބިމާއި މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މިކަމުގެ ސަބަބުން އެރަށުގެ މަށިކުޅީގެ ގުދުރަތީ މުއްސަނދިކަން ގެއްލި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކުޅުދުއްފުށީ ކުޅީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި، ކުޅިތަކާއި ޗަސްބިންތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވާ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" މެޕްގެ ތަޖުރިބާކާރުންގެ ޓީމެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޞީރު ވިދާޅުވީ، މި މަސައްކަތުގެ ދަށުން ކުޅުދުއްފުށީ އެއަރޕޯޓު މަޝްރޫޢުގެ ސަބަބުން ކުޅިއަށް އައިސްފައިވާ ބަދަލުތައް ދެނެގަނެ އެތަނުގެ ގުދުރަތީ ވެއްޓާއި ދިރުންތައް ހިމާޔަތްކޮށް، ކުޅިއަށް ދިރުންގެނެއުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މެޕްގެ ތަޖުރިބާކާރުންގެ ޓީމްގެ އެހީތެރިކަމާއެކު ބޭނުންވާ ތަޙުލީލުތައްކޮށް، ދިރާސާތައް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އަދި މަށިކުޅީގެ ޙާލަތާ ގުޅޭ ޚާއްސަ ރިޕޯޓެއް މެޕްގެ ފަރާތުން އެކުލަވާލާ، މިނިސްޓްރީއަށް ހުށަހަޅާނެކަމަށެވެ. އަދި އެ ރިޕޯޓަށް ރިޢާޔަތްކުރުމަށްފަހު، ދެން އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅުއްވާނެކަމަށްވެސް ޑރ. ނަޞީރު ވިދާޅުވިއެވެ.

"މިދަތުރުގަ މާހިރުންގެ ފަރާތުން އަޅުގަނޑުމެން އެދިފަ އޮންނާނީ މިހާރު އެއަރޕޯރޓް ރަންވޭ ހަދާފަ އޮތް އިރު އޭގެ ދެފަރާތުގަ މިއޮތް ދެބައިގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ ކިހިނެތްތޯ. އެތަންތަނުގެ ގުދުރަތީ ނިޒާމް ގުދުރަތީ މާހައުލު ރަނގަޅު ކުރެވޭނީ ކިހިނެތްތޯ. އެގޮތުން ބަލާއިރު އެކި އެކި ސާވޭ ކުރުމާ އެކި ދިޔަވަރުގައަންނަމުންދާ ބަދަލުތައް ދެނެގަތުމާ ދިރޭތަކެއްޗާ އެތަނުގަ ހުރި ކަނޑޫ ގަސްތަކުގެ ބާވަތާ އެބާވަތް ތަކުގެ ސިއްހަތާ އެކަން ކަން އަޅުގަނޑުމެން ބަލާނަން. އެބޭފުޅުން ހުށަހަޅުއްވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ދެން އަޅުގަނޑުމެންނަށް އިތުރަށް ކުރިއަށް ދާނެގޮތެއް އެނގޭނީ." ޑރ. ނަޞީރު ވިދާޅުވިއެވެ.

މެޕްގެ ފަރާތުން ޙަރަކާތްތެރިވާ ތަޖުރިބާކާރުންގެ ޓީމުގައި އެމެރިކާއާއި ކެނެޑާއާއި ތައިލެންޑުގެ ބޭފުޅުން ހިމެނެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެ މަޝްރޫޢާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އީ.އައި.އޭ ރިޕޯޓާ ޚިލާފަށްކަމަށްބުނެ އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ކުޅީގެ ބާކީބައި ހިމާޔަތް ކުރުމާމެދު އެންވަޔަރަމެންޓް މިނިސްޓްރީއާއެކު ކުޅުދުއްފުށީ ކައުންސިލުން ދާދިފަހުން މަޝްވަރާކޮށްފައިވާއިރު، އެކަން ކުރެވޭނީ ބާކީ އޮތް ބައިގެ ޙާލަތު ދެނެގަތުމަށް ސަރވޭއެއް ހެދުމަށްފަހުކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައިވެއެވެ. އަދި ކުޅީގެ ބާކީބައި ހިމާޔަތްކޮށް، އެތަނުން އިޤްތިޞާދީ މަންފާ ލިބޭނެގޮތަށް ތަރައްޤީކުރުމަކީވެސް އަމާޒެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.