ތަރައްްޤީ

ސަރުކާރުން ކުރާ ކޮންމެ ކަމެއްގައިވެސް "ކޮލިޓީ" ދަމަހައްޓާނަން - ނާއިބު ރައީސް


މި ސަރުކާރުން ކޮންމެ މަޝްރޫއެއް ހިންގި ކަމުގައިވިޔަސް ކޮލެޓީ ހިފަހައްޓާނެ ކަމަށް ނައީބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ހުޅުމީދޫ ބަހާހުއްދީން މަގުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައު ވާހަކަފުޅު ދައްކަވަމުން ނައީބް ރައީސް ވިދާޅުވީ މިސަރުކާރުން ފައްޓަވާ ހުރިހާމަޝްރޫއުގެ މަސައްކަތް ކުރިއަށްދާނީ ބާރު ސްޕީޑުގައިކަމަށާއި، ނަމަވެސް އެކުރާ މަސައްކަތެއްގެ ފެންވަރު ސަރުކާރުން ހިފަހައްޓާނެކަމަށެވެ.

"މިސަރުކާރުން ފައްޓަވާ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ރަނގަޅަށް. އަޅުގަނޑު ދެންމެވެސް ސީއީއޯ ޝާޙްއާއި ވާހަކަ ދައްކަވައިފިން. އަޅުގަނޑު ދަންނަވައިފިން މަސައްކަތް އަވަސްކުރެއްވުމަށް، އެކަމަކު އެކުރާ މަސައްކަތެއްގެ ފެންވަރު ހިފަހައްޓާނެކަން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ވިލުފުއްޓަށާއި، ކުޅުދުއްފުއްޓަށާއި، ދިއްދޫފަދަ ރަށްރަށަށް އަޅުގަނޑުމެން ދިޔައިރު ރައްޔިތުންކުރާ ޝަކުވާތައް. މަގުގައި ތާރު އަޅާފައި އެބަހުރި އަދި މަގުތައްވެސް ހަދާފައި އެބަހުރި ނަމަވެސް ދުވަސްކޮޅެއް ނުވަނީސް މަގުތައް ހަލާކުވެ އަނެއްކާވެސް ޕެޗް އަޅަން ޖެހިފަ ހުންނަނީ. އެހެންވީމަ އަޅުގަނޑު ޝާހްއަށް ދަންނަވާލަން ބޭނުންވަނީ މި ސަރުކާރަކީ ސްޓޭންޑަރޑް މެއިންޓެއިން ކުރާނެ ސަރުކާރެކޭ އެގޮތަށެ އެކަން ކުރައްވާށޭ" ނައީބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރަށް ނާއިބު ރައީސް ވިދާޅުވެފައިވަނީ ރައްޔިތުން މިސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީގެ ކުލަވަރު ފެށުނީ އައްޑޫސިޓީއިން ކަމަށާއި، އަދި އެމަސައްކަތުގެ ނިމުންވެސް ގެންނާނީ އައްޑޫސިޓީއިން ކަމަށެވެ.

"މި ސަރުކާރުން އެއްވެސް ކަތި ގޯޅިއަކަށް ނާޅާނެ. މިސަރުކާރު މިސްރާބުޖަހާނީ ސީދާ މަގަކުން. އަޅުގަނޑުމެން މިދެންނެވި ބަދަލުކުރުމުގެ ފެށުން އައީ އައްޑޫއިން. އެ މަސައްކަތުގެ ނިމުންވެސް ގެންނާނީ އައްޑޫއިން. އެހެންވީމަ މި އެނގޭ އެއްޗަކީ އައްޑޫގެ ތަޢުލީމީ އިލްމުވެރި، ޤާބިލް ބޭފުޅުންތަކެއް ތިއްބެވި، މިތަނުން ފަށާ ފެށުން އޮތީ ވަރަށް ރަނގަޅު ކަމެއް ގޮތުގައި ފެނިފައި" ނައީބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ހުޅުމީދޫ ބަހާހުއްދީން މަގުގައި ތާރު އެޅުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރެވިފައިވާއިރު، މި މަޝްރޫޢަކީ 32 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމްޓީސީސީއާއި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.